26 ފެބުރުއަރީ 2018 - 19:32

ރިޝްވަތު ދީގެން، ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ސިޔާސީ ބޭފުޅުންނާ ގުޅުން ހުރި ކަމަށް ބުނާ ކަޅުފޮއްޓާ ބެހޭ ގޮތުން ސުވާލު އުފެއްދެވި މައްސަލާގައި ވަކީލު ހުސެއިން ޝަމީމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފި އެެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން މިހާރު ހިންގަމުން އަންނަ ބޮޑެތި ތަހުގީގުތަކާ ގުޅިގެން ވަކީލުންގެ ފަރާތުން ދަށު ދަރަޖައިގެ އަމަލުތަކެއް ފެންނަމުންދާ ކަމަށެވެ.
ޚާއްސަކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމުގެ ޑޮކިއުމެންޓް އެވިޑެންސް ފެނިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވާ ކަޅުފޮއްޓާ ގުޅޭ ގޮތުން، ޝަމީމް މީޑިއާގައި ދެއްކެވި ވާހަކަތައް ފާހަގަކުރެވޭ ކަމަށް ޝިފާން ވިދާޅުވި އެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ގާނޫނާ ޚިލާފަަށް ވެރިކަން ބަދަލުކުރުމަށްޓަކައި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތު ކުރެވޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވަކީލް ޝަމީމް ވަނީ، އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ނަޖުމާ އިބްރާހިމްގެ ގެއިން ފުލުހުން ހޯދި ކަޅު ފޮއްޓާ ގުޅޭ ގޮތުން ސުވާލު އުފައްދަވައިފަ އެވެ. އޭނާ ވިދާޅުވީ ފުލުހުންނަށް އެ ކަޅު ފޮށި ފެނުނީ، އެފަދަ ފޮއްޓެއް ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ފަހުން ކަމަށެވެ.
މީގެ ކުރިން ވެސް މިފަދަ ގޮތަކަށް ފުލުހުން ހެކި ހޯދާފައި ވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ޝަމީމް ވިދާޅުވެފައި ވެ އެވެ.
އެ ވާހަކަތަކާ ގުޅިގެން ފުލުހުން ވަނީ ޝަމީމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ. އެ މައްސަލައިގެ ތަހުގީގަށް އޭނާ ފުލުހުންގެ އިދާރާ އަށް ވެސް ހާޒިރުކޮށްފައި ވެ އެވެ.
ޝިފާން ވިދާޅުވީ ފުލުހުން ހޯދާފައިވާ ހެއްކާ މެދު ސުވާލު އުފައްދައި ދޮގު މައުލޫމާތު ފަތުރައި ފުލުހުންގެ ގާނޫނީ މަސައްކަތް ކުރުމަށް ޝަމީމް ދަތި ކޮށްފައިވާ ކަމަށެވެ. އެހެންވެ އެއީ ޖިނާއީ ކުށެއް ކަމަށް ގަބޫލުކުރެވޭތީ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދާފައިވާ ހެއްކާ ގަރީނާގެ ސައްހަ ކަމާ މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށް ވާހަކަ ދައްކައި ފުލުހުން ހެކި އުފައްދާ ކަމަށް ބުނެ، ފުލުހުންނަށް ގާނޫނުން މަތި ކުރުވާފައިވާ މަސައްކަތާ މެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް މީޑިއާއާ ބައްދަލުކޮށް، ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރައި ފުލުހުންގެ ގާނޫނީ މަސައްކަތް ކުރުމަށް ދަތިކޮށް، ފުލުހުން ކުރަމުންދާ ތަހުގީގުގެ މަގުސަދު ހާސިލްވިޔަ ނުދިނުމަށްޓަކައި މަސައްކަތް [ޝަމީމް] ކޮށްފައިވާކަަން ފާހަގަކުރަން،" ޝިފާން ވިދާޅުވި އެވެ.
"ފުލުހުންނަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 530 އަދި 533 ގެ ދަށުން ޖިނާއީ ކުށެއް ކަމަށް މިކަން ގަބޫލު ކުރެވޭތީ ފުލުހުން މި ކަންކަން ބަލައި ތަހުގީގުކު ރަމުންދާ ކަމަށް ވެސް ދަންނަވަން."
އޭނާ ވިދާޅުވީ ފުލުހުން ހިންގަމުން އަންނަ ބޮޑެތި ތަހުގީގުތަކާ ގުޅިގެން، ވަކީލުން ފާޅުގައި ކަނޑައެޅިގެން ދޮގު ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އެކަން ކަމުގެ ބޭނުމަކީ، ޝިފާން ވިދާޅުވި ގޮތުގައި، ފުލުހުން ހިންގާ ތަހުގީގުތަކާއި މަސައްކަތްތަކުގެ އަގު ވައްޓާލުމެވެ.
ފުލުހުންގެ ތަހުގީގަށް ހުރަސް އަޅާ ގޮތަށް ވާހަކަ ނުދެއްކުމަށާއި ގާނޫނީ ތަރަހައިގެ ތެރެއިން ވަކީލުން މަސައްކަތް ކުރުމަށް ވެސް ޝިފާން ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.
ފުލުހުން ބަލަމުން އަންނަ މައްސަލައާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖީއޭ) އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޝަމީމް ސަސްޕެންޑްކޮށްފަ އެވެ.
އެ މައްސަލާގައި ފުލުހުން ވަކި ގޮތެއް ނިންމައި، ސުޕްރީމް ކޯޓަށް އަންގަންދެން އޭނާ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުން މަނާކޮށްފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.