26 ފެބުރުއަރީ 2018 - 17:18

ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ގެ ދަށުން ހިންގާ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް، ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ފުލުހުންގެ ތެރޭގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ސައިފް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވަނީ އިއްޔެ އެވެ.
އެނގިފައިވާ ގޮތުގައި ސައިފް ވަޒީފާ އިން ވަކިކުރީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވި ކަމުގެ ތުހުމަތުގަ އެވެ.
ސައިފް ފުލުހުންގެ ވަޒީފާ އިން ވަކިކުރިއިރު އޭނާ މިހާރު ވެސް ހުރީ ހައްޔަރުކޮށްފަ އެވެ.
ސްވޮޓުގެ ކޮމާންޑަރު ކަމުން ސައިފް ވަކިކޮށް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓަށް ބަދަލުކުރީ، ފުލުހުން ކޮށްގެން ނުވާނެ ކަންކަން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އޯޑަރަށް ކުރި ކަމުގެ ތުހުމަތުގައި، އެ މައްސަލަތައް ބެލުމަށް ފަހު އެވެ.
ސައިފުގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ އިތުރު ފުލުހަކު ހދ. ކުޅުދުއްފުށިން ވެސް ހައްޔަރުކޮށްފަ އެވެ. އަދި މިއަދު ވަނީ އއ. ރަސްދޫން ވެސް ހަތަރު ފުލުހަކު ހައްޔަރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ މިމަހު އެއް ވަނަ ދުވަހު ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ މީހަކު ޖަލުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވެ ފުލުހުންނާ ކުރިމަތިލިކަމުގެ ތުހުމަތުގަ އެވެ.