މުއްދަތު ހަމަވާ ތާރީހަކީ ކޮބައިކަން އެނގޭތަ؟
މުއްދަތު ހަމަވާ ތާރީހަކީ ކޮބައިކަން އެނގޭތަ؟

އެއްގަމު މަހުގެ ބާވަތްތަކާއި އެކި ފާޑުގެ ދަޅުކާނާ ބޭނުން ނުކޮށް ހުއްޓާ މުއްދަތު ހަމަވެގެން އުކާލަން ޖެހޭ ފަހަރު މަދެއް ނޫނެވެ. އެކަމަކު ތައްޔާރީ ކާނާގެ ބޭރުގައި ޖަހާފައި އޮންނަ ތާރީހު ފަހަނަޅައި ދާ ކޮންމެ ފަހަރަކީ އެ ބޭނުންކުރަން ނުވާނެ ސަބަބެއް ނޫނެވެ. މިކަން ވަރަށް ގިނަ ބަޔަކަށް އޮޅިފައި އޮންނާތީ، ވަރަށް ގިނަ ކާނާ އިސްރާފުވެ އެވެ.

ހެލްތު އެންޑް ވެލްނެސް އެކްޕާޓެއް ކަމަށްވާ ޑރ. މެޑަލީން ފާންސްޓޯމް "ޓުޑޭ" ނޫހަށް ވިދާޅުވެފައިވާ ގޮތުގައި އެކްސްޕަޔަރީ ޑޭޓަކީ ގިނަ ފަހަރަށް އެ ކާނާއެއް ނުބައިވެފައި ހުރުން ނުވަތަ ބޭނުންކުރަން ނުވާ ހާލަތެއް މެދުވެރިވެފައި ހުރިކަން ބުނެދޭ ތާރީހެއް ނޫނެވެ.

ފާންސްޓޯމް ވަނީ އެކްސްޕަޔަރީ ޑޭޓާ ކާނާގެ ރައްކާތެރިކަމާ ހުރި ގުޅުން އޮޅުންފިލުވައިދެއްވައިފަ އެވެ.

އެއްގަމު މަހާއި ފިނިކޮށްފައި ހުންނަ ބާވަތްތަކުގައި ޖަހާފައި އޮންނަ އެކްސްޕަޔަރީ ޑޭޓަކީ އެ އުފައްދާ ފަރާތްތަކުން އެ އެއްޗެއްގެ ފުރިހަމަކަން އެންމެ ގިނަ ދުވަހަށް ހުންނާނެ މުއްދަތެއް ބަޔާންކުރުމަށް އަމިއްލަ ގޮތުން ޖަހާ ތާރީހެކެވެ. މާނަ އަކީ އެ ކާނާއެއްގެ ރަހަ އެންމެ ފުރިހަމަވެފައި ރަނގަޅުވާނީ އެ ތާރީހުގެ ކުރިން ކަމަށް ވުމެވެ. އެހެންވެ އެކްސްޕަޔަރީ ޑޭޓް ފަހަނަޅައި ދިޔަ ކަމުގައި ވިޔަސް އެއީ ކާން ނުވާ އެއްޗަކަށް ނުވާނެ އެވެ. މިއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަހާ، ވިޔަފާރި ރެގިއުލޭޓް ކުރުމުގެ ބޭނުމަށް އޮންނަ ތާރީހަކަށް ވާތީ މި ތާރީހުގެ ފަހުން ވިޔަފާރީގެ ގޮތުގައި އެ ތަކެތި ބޭނުންކުރުން މަނާ ވާނެ އެވެ.

އެކަމަކު ސަމާލުވާށެވެ. ކުޑަކުދިންގެ ބުއްދަޅު ނުވަތަ އެ ކުދިންގެ ކާނާގައި ބުނާ މުއްދަތު ފަހަނަޅައިފި ނަމަ އެ ހުންނާނީ ގޯސްވެފަ އެވެ. މިސާލަކަށް ބުނާ ނަމަ، ކިރު ދަޅުގެ މުއްދަތު ހަމަވުމަށް ފަހު ގިނަ ދުވަސް ވެފައިވާ ނަމަ އެ ގިރާފައި އަޅާ ބުއްފުޅީގެ ތެރެއިން ގަނޑުވެފައިވާ އެތިކޮޅުކޮޅު ފެންނާނެ އެވެ. ބުއްފުޅީގެ ތުން ބެދޭނެ އެވެ. ފާންސްޓޯމްސް ވިދާޅުވަނީ ކުޑަކުދިންގެ ކާނާ އަކީ މުއްދަތު ހަމަވާ ތާރީހުގެ ފަހުން ބޮޑު ބަދަލެއް އަންނަ ހަމައެކަނި އުފެއްދުން ކަމަށެވެ.

މުއްދަތު ހަމަވެފައި ހުންނަ ކޮންމެ އެއްޗެއް ވެސް ހަމަ ރައްކާތެރިވާނެ ކަމަށް ނުބަލާށެވެ. އެކި ބާވަތުގައި މި ތާރީހުގައި ލޭބަލްކޮށްފައި ހުންނާނީ އެކި ގޮތަށެވެ. އެއިން ކޮންމެ ގޮތަކީ ވަކި މާނައެކެވެ. މާނަ ދަސްކުރަމާ ހިނގާށެވެ.

މިއީ އެ ކާނާއެއް ބަންދުކުރި ތާރީހެވެ. މިއީ އެ ކާނާއެއް ނުބައި ނުވެ ހުންނާނެ ދުވަހެއް ނުވަތަ ތާޒާކަން ނުކެނޑި ހުންނާނެ މުއްދަތެއް އަންގައިދޭ ތާރީހެއް ނޫނެވެ.

މިއީ ގްރޯސަރީ ފިހާރަތަކުގައި އެ އެއްޗެއް ވިއްކަން އެންމެ ގިނަ ދުވަހު ބެހެއްޓުމަށް ހުއްދަ އޮންނަ މުއްދަތު އަންގައިދޭ ތާރީހެވެ. ރަނގަޅަށް ގެންގުޅޭ ރައްކާކޮށްފައި ހުންނަ ނަމަ މި ތާރީހުގެ ފަހުން ދެތިން ދުވަސް، ހަފުތާއެއް ނުވަތަ މަސް ދުވަސް ވަންދެން ވެސް ބައެއް ކާނާ ކާން ރައްކާތެރި އެވެ.

މިއީ އެ ކާނާއެއް ރަނގަޅަށް ސްޓޯކޮށްފައި ހުރި ނަމަ އެންމެ ފުރިހަމަ މީރު ރަހާގައި ހުންނާނެ މުއްދަތު އަންގައިދޭ ލޭބަލް އެވެ. މިއީ އެ ކާނާއެއް ނުބައިވެ ކުނިވާ ތާރީހެއް ނޫނެވެ.

މިގޮތަށް އާންމުކޮށް ޖަހާފައި ހުންނާނީ ފިހެފައި ހުންނަ ތަކެތީގަ އެވެ. މިއީ ވެސް އެ ކާނާއެއްގެ ތާޒާކަން ހުންނާނެ މުއްދަތެވެ. މި ތާރީހުގެ ފަހުން އެ ކެއުން ހަމަ ރައްކާތެރި އެވެ.

ދެން އޮތީ އިންޒާރެކެވެ. މި ހުރިހާ ތާރީހެއް ވެސް ބަލަން ޖެހޭނީ އެ ކާނާއެއް އެ ހުންނަންވީ އެއްޗެއްގައި ބަންދުކޮށްފައި ހުރި ގޮތަށް ހުންނައިރު އެވެ. ކެނޑުމަށް ފަހު އެ ތާރީހަށް ބަރޯސާއެއް ނުވެވޭނެ އެވެ.