27 ފެބުރުއަރީ 2018 - 07:35

މިއީ ގެލަކްސީ އެސް9 އެކެވެ. މުސްކުޅި ޑިޒައިނެއް ކަމަކު ބާރުގަދަ ފޯނެކެވެ. ބަލާބެލުމަށް ގެލަކްސީ އެސް8އާ ވަރަށް ވައްތަރެވެ. ފިކުރެއް ނެތި ފުރަތަމަ ނަޒަރުން ވަކި ގަހެއްގެ ކޭލުގައި ހުނިޖަހާލަން ފަސޭހައެއް ނޫނެވެ. އެކަމަކު ވެސް މިއީ ގެލަކްސީ އެސް9 އެކެވެ.

ސެމްސަންގް ގެލަކްސީ އެސް9 އަދި ގެލަސްކްސީ އެސް9 ޕްލަސް އާންމުކުރީ މިހާރު ސްޕެއިންގެ ބާސެލޯނާގައި ހިނގަމުންދާ ވޯލްޑް މޮބައިލް ކޮންގްރެސް 2018 ގަ އެވެ. މި ދެ ފޯނާ އެކު، ސެމްސަންގުން ސްމާޓްފޯން ވިޔަފާރި މި އަހަރަށް މިއޮތީ ފެށިފަ އެވެ.

ގެލަކްސީ އެސް9 ގައި، ގެލަކްސީ އެސް8 ގައި ނެތް މޮޅެއް ނެތެވެ. އެސް8 އާ މެދު ފަޚުރުވެރިވާ މީހަކަށް ބުނެވޭނީ މިހެންނެވެ. އެކަމަކު އެސް8 އަދި އެސް8 ޕްލަސް ގެންގުޅެ ފަރިތަ މީހަކު، ލޯމަރައިގެން ހުރެ ގެލަކްސީ އެސް9 އުފުލާލުމުން ކުރެވޭނެ އިހުސާސަކީ، އެސް9 ކުޑަ ތަންކޮޅެއް ބަރުވުމެވެ. ފޯނުގެ އަރިމަތިން ދާރަ ދުއްވާލުމަށް ޑިސްޕްލޭ މާ ބޮޑަށް ލަންބާލާފައި ހުރި ހުރުން، އަތަށް އިހުސާސްކުރެވުމަކީ ވެސް، އެސް8 އަށް އޮޅުވެފައި ހުރި މިންވަރުން ކުރެވިދާނެ އިހުސާސެކެވެ. ގެލަކްސީ އެސް9 އަދި ގެލަކްސީ އެސް8 ގައި ހަމަ ލޮލަށް ފެންނަން ހުރި ހާމަކަން ބޮޑު ތަފާތަކީ ފިންގާޕްރިންޓް ސެކޭނާ އެވެ.
ސެމްސަންގުން ގެލަކްސީ އެސް9 ބާރުވެރިކުރުވާފައި ވަނީ މޮޅު ކެމެރާއެއް ދީގެންނެވެ. ގެލަސްކީ އާއިލާގައި އެހެން އެއްވެސް ފޯނެއްގައި، އެސް9ގައި އިން ވަރުގެ ކެމެރާއެއް ނެތެވެ. އެސް9 އަދި އެސް9 ޕްލަސްގެ ކެމެރާގައި ހުރި ފީޗާތަކާ ހެދި، ކެމެރާ ފޯނެއް ގޮތުގަައި މި ދެ ފޯނު މަޝްހޫރުވުން ވެސް އެކަށީގެންވެ އެވެ.
ގެލަކްސީ އެސް9 މަރުކާގެ ދެ ފޯނުގައި ބާރުގަދަ ސައުންޑް ސިސްޓަމެއް ވެސް ވެ އެވެ. އާއިލީ ފޯނުތަކަށް އެރިފައި ނެތް ހަރުފަތްތަކަށް އެސް9 އެރުވުމަށްޓަކައި، ސްޓީރިއޯ ސްޕީކަރު ވެސް ވަނީ ހަރުކޮށްފަ އެވެ.
ޒަމާނީ ކޮންމެ ފޯނެއްގައި ވެސް، އެ ޒަމާނަަކަށް ފެތޭ ހުރިހާ މޮޅެއް، ފަސޭހަކަމެއް ހުރެ އެވެ. ގެލަކްސީ އެސް9 އަދި ގެލަކްސީ އެސް9 ޕްލަސް ގައި ވެސް މި ހުރިހާ ފީޗާތަކެއް ވަނީ ގާއިމުކޮށްފަ އެވެ.