26 ފެބުރުއަރީ 2018 - 14:40

ބިއުނަސް އޭރީޒް (ފެބްރުއަރީ 26) - އާޖެންޓީނާ އިން 44 މީހުންނާ އެކު ގެއްލުނު ސަބްމެރިން ހޯދުމުގެ މަސައްކަތް އަމިއްލަ ގޮތުން ފަށަން އާއިލާތަކުން ފައިސާ އެއް ކުރަން ފަށައިފި އެވެ.
އަރާ ސެން ހުއާން ސަބްމެރިން ހޯދުމުގެ މަސައްކަތް އާޖެންޓީނާގެ ކަނޑުގެ ސިފައިން ޑިސެމްބަރު މަހު ހުއްޓާލާ ދެ ހަފުތާވަންދެން މަސައްކަތް ކުރުމަށް ފަހު ސަބްމެރިންނާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބުމުންނެވެ. ސަބްމެރިންގައި އޮކްސިޖަން ހުންނާނީ ދިހަ ވަރަކަށް ދުވަހަށްވާ ވަރަށް ކަމަށްވެ އެވެ. ސަބްމެރިން ހޯދުމުގެ މަސައްކަތް ހުއްޓާލީ މީހުން ސަލާމަތް ކުރެވިދާނެކަމުގެ އުއްމީދު ގެއްލުމުންނެވެ.
ސަބްމެރިން އިން ދަތުރުކުރި މީހުންގެ އާއިލާތަކުން މިހާރު ވަނީ އެކައުންޓެއް ހުޅުވާ އާއްމުންގެ އެހީތެރި ކަމަށް އެދިފަ އެވެ.
"އަހަރެމެން ބޭނުންވޭ ސަބްމެރިން ފެންނަންދެން އެ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަން. ކުޑަ އެހީއަކުން ވެސް ބޮޑު ފިޔަވަޅެއް އެޅިދާނެ. އެހީތެރިވެ ދެއްވާ،" އާއިލާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސަބްމެރިން ގެއްލުމުން އާޖެންޓީނާގެ ކަނޑުގެ ސިފައިން ކަންތައް ކުރި ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށް އާއިލާތަކުން ބުނެ އެވެ. ބައެއް މެންބަރުން ބުނެފައި ވަނީ 34 އަހަރުވެފައިވާ ސަބްމެރިން ވަނީ ބޮޑު މަރާމާތަކަށް ބޭނުންވެފައި ކަމަށެވެ. އާޖެންޓީނާގެ ކަނޑުގެ ސިފައިން ބުނެފައި ވަނީ ސަބްމެރިން ދަތުރަށް ފެށީ ސަލާމަތީ ގޮތުން ހުރިހާ ކަމެއް ޗެކް ކުރުމަށް ފަހު ކަމަށެވެ. އާޖެންޓީނާގެ ރައީސް މައުރީސިއޯ މަކްރީ ވެސް ވިދާޅުވެފައި ވަނީ ސަބްމެރިން އޮތީ ރަނގަޅު ހާލަތުގައި ކަމަށެވެ. ސަބްމެރިންއާ ގުޅުން ކެނޑުނީ ކަރަންޓް ޝޯޓެއް ވެގެން ކަމަށްވެ އެވެ.
ސަބްމެރިން ހޯދުމުގެ މަސައްކަތުގައި އާޖެންޓީނާގެ އިތުރުން ވަރަށް ގިނަ ގައުމުތަކުން ބައިވެރިވި އެވެ. ސަބްމެރިން ހޯދުމުގެ މަސައްކަތުގައި 4،000 މީހުން ހަރަކާތްތެރިވި އެވެ.
މި މަހު ކުރީކޮޅު އާޖެންޓީނާ ސަރުކާރުން ވަނީ ސަބްމެރިން ހޯދަން މަގުފަހިވާ ފަދަ މައުލޫމާތެއް ފޯރުކޮށްދިން ފަރާތަކަށް 4.9 މިލިއަން ޑޮލަރު ދޭނެކަން އިއުލާންކޮށްފަ އެވެ.