26 ފެބުރުއަރީ 2018 - 13:36

ދިމިޝްގު (ފެބްރުއަރީ 26) - ސީރިއާގެ އިރުމަތީ ޣޫތާގައި ސަރުކާރު ސިފައިންދޭ ވައިގެ ހަމަލާތަކުގައި ނުރައްކާތެރި ވިހަ ގޭހެއް ބޭނުންކޮށްފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފި އެވެ.

ސީރިއާގެ ސިވިލް ޑިފެންސް ނުވަތަ ވައިޓް ހެލްމެޓްސް އިން އިއްޔެ ބުނީ ގޭހުގެ ހަމަލާގައި އަންހެނުންނާއި ކުޑަ ކުދިންނަށް ނޭވާލާން ދަތިވެފައިވާ ކަމަށެވެ. އަދި ނޭވާ ހާސްވެގެން އެއް ކުއްޖަކު މަރުވެފައިވާ ކަމަށް ވެސް ވައިޓް ހެލްމެޓްސް އިން ޓްވީޓްކޮށްފައިވެ އެވެ.
އިރުމަތީ ޣޫތާ އަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި އިއްޔެ އެކަނި ވެސް 27 މީހުން މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އިއްޔެގެ ހަމަލާތައް އައިސްފައި ވަނީ ސީރިއާގައި ހަމަލާ ދިނުން 30 ދުވަހަށް ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ.
އިނގިރޭސި ވިލާތުގައި ހަރަކާތްތެރިވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައި ވަނީ މި މަހު 18 ވަނަ ދުވަހުން ފެށިގެން އިރުމަތީ ޣޫތާ އަށް ދޭ ވައިގެ ހަމަލާތަކުގައި އާއްމުންގެ 500 މީހުން މަރުވެފައިވާ ކަމަށެވެ. އިރުމަތީ ޣޫތާގައި އާއްމުން ގިނަ އަދަދަކަށް މަރުވަމުންދާތީ އދ. އާއި ބައިނަލްއަގުވާމީ އެހެން ޖަމާއަތްތަކުން މި ހަފުތާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސީރިއާގެ ހަތް އަހަރުވީ ދާޚިލީ ހަނގުރާމައިގައި އެތައް ލައްކަ ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ވަނީ ގައުމު ދޫކޮށް ގޮސްފަ އެވެ.