ވައިފައި ހެކްކުރެވޭނެ، އެކަމަކު ދެން ވާނީ ކިހިނެއް؟
ވައިފައި ހެކްކުރެވޭނެ، އެކަމަކު ދެން ވާނީ ކިހިނެއް؟

ވައިފައި ހެކްކުރަން ކުރަން ޖެހޭ އަމަލީ މަސައްކަތްތައް ފަސޭހަވާނެ ގޮތްތަކެއް ހުރެ އެވެ. ވައިފައި ހެކްކުރުމަކީ ކިހާ ވަރެއްގެ ކަމެއްކަން އެނގުމެވެ. ވައިފައިގެ ސެކިޔުރިޓީއާ މެދު ވިސްނާލުމެވެ. އަމާޒުކުރާ ވައިފައި ރައްކާތެރިކޮށްފައި ހުރެދާނެ ކަމަށް ބެލެވޭ "އެންކްރިޕްޝަން" ޓެކްނޮލޮޖީތަކަށް ފަރިތަވުމެވެ.

ތިޔަ ސުވާލުގެ ޖަވާބު ފުރިހަމަކުރުމަށްޓަކައި، އެހެން ސުވާލުތަކަކަށް ޖަވާބު ދޭން ޖެހެ އެވެ. ވައިފައި ހެކްކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ދަސްކުރަން ހެއްޔެވެ؟ ޖެއްސުންކުރަން ހެއްޔެވެ؟ އެހެން މީހެއްގެ ރައުޓަރު ބޭނުންކޮށްގެން އިންޓަނެޓަށް ވަންނަން ހެއްޔެވެ؟ ތިޔައީ މޮޅު މީހެކޭ އެހެން މީހުން ލައްވައި ބުނުވަން ހެއްޔެވެ؟ ނެޓްވޯކް ބޭނުންކުރާ ވަކި މީހަކަށް ފާރަލައި އޭނާ ކުރާހާ ކަމަކުން ޖާސޫސްކުރަން ހެއްޔެވެ؟

ވައިފައި ހެކްކުރަނީ ސުލްހަވެރި ބޭނުމުގައި ކަމަށް ވާ ނަމަ ހިތްވަރު ދެމެވެ. އެހެން ނޫނީ ދޭނެ ޖަވާބެއް ނެތެވެ. ހެކްކުރުމަކީ ފަނާކުރަނިވި ކަމެކޭ ކުރިން ވެސް ބުނީމެވެ. ބިނާކުރުމަށްޓަކައި ވެސް ހެކްކުރަން ޖެހެ އެވެ.

ވައިފައި ހެކްކުރަނީ ދަސްކުރަން ކަމަށް ވާ ނަމަ، މި އޮތީ މިސާލެކެވެ.

ހުރިހާ ދޮރެއް ލައްޕައި ތަޅުލާފައި ހުރި ތަނަކަށް ވަނުމަށްޓަކައި، ދޮރުތަކުގައި ލާފައި ހުރީ ކިހާ ފެންވަރެއްގެ ތަޅުތަކެއްތޯ ބަލަންޖެހެ އެވެ. ތަޅުތައް ހަލާކުކޮށްގެން މެނުވީ ވަދެވޭނެ އެހެން ގޮތެއް ނެތް ނަމަ އެވެ. ތަޅުތަކަކީ ކިހާ ފެންވަރެއްގެ ތަޅުތަކެއްކަން އެނގޭ ނަމަ، ކުރަން ޖެހޭ މަސައްކަތުގައި ބޮޑު ބައި ނިމުނީ އެވެ.

ދަސްކުރަން ހެކްކުރާ ނަމަ ބުއްދިވެރި ގޮތަކީ އަމިއްލަ ވައިފައި ހެކްކުރުމެވެ. އެހެން މީހެއްގެ ވައިފައި އަށް ވަންނާނެ ކަމެއް ނެތެވެ. ލަނޑެއް ލިބިދާނެ އެވެ. އެ ގޮތަކީ އަމާޒުކުރާ ވައިފައި ބަލަހައްޓަނީ ކުރިން ވިސްނިފައި ނެތް ވަރުގެ ސްމާޓް މީހަކަށް ވުމެވެ. ފައިވައި ނެޓްވޯކަށް ހަމަ ވަންނަ ތަނުން ތިޔަ ޑިވައިސްގައި ހުރި ޒާތީ ހުރިހާ މައުލޫމާތެއް ޖަހައިގަންނަ ވަރުގެ މީހަކަށް އެ މީހާ ވުމެވެ. ވައިފައި އަށް ވަނުމަށް ބޭނުންކުރީ ފޯނެއް ނަމަ އޭނާގެ އަމާޒަކަށް ވާނީ ކޮންޓެކްޓްތަކާއި ޓެކްސްޓް މެސެޖްތަކެވެ. ޕާސްވޯޑްތަކާއި މާލީ މުއާމަލާތްތަކެވެ.

ވައިފައި ނެޓްވޯކަކަށް ވަގަށް ވަދެގެން އުޅެނިކޮށް ހައްޔަރު ވެސް ވެދާނެ އެވެ. ނެޓްވޯކް ބަލަހައްޓާ މީހާ ޖަހާފައި ހުރެދާނެ ދަންތޫރައެއްގައި ޖެހެވި، ވައިރަހާއި، "މެލްވެއާ" އަދި "ބްލޯޓްވެއާ"ތަކުން މުޅި ފޯނު ކުނިކޮށްލަފާނެ އެވެ. އެ އަށް ވުރެ ދެރަ ހާލަތްތަކުގައި ފޯނު އަމިއްލަ އަށް ފޯމެޓްވެ، ތަޅުލެވުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫނެވެ.

ވައިފައި ހެކްކުރާނީ ކިހިނެއްތޯ އަދި ވެސް އަހާނަން ހެއްޔެވެ؟