ސްރީދޭވީގެ ހުވަފެނަކީ ދަރިން ކާމިޔާބު ތަރިންނަށް ވުން: ޖާޔާ ޕްރަދާ
ސްރީދޭވީގެ ހުވަފެނަކީ ދަރިން ކާމިޔާބު ތަރިންނަށް ވުން: ޖާޔާ ޕްރަދާ

ސްރީދޭވީގެ ފިލްމީ ހަޔާތުގެ ރަން ޒަމާނުގައި އޭނާގެ އެންމެ ބޮޑު ވާދަވެރިޔަކީ ޖާޔާ ޕްރަދާ އެވެ. ނަމަވެސް ފަހުން މި ދެ އެކްޓަރުން ވަނީ ވަރަށް ގާތް ދެ އެކުވެރިންނަށް ވެފަ އެވެ. އެހެންކަމުން ސްރީދޭވީގެ ކުއްލި މަރާ ގުޅިގެން އެންމެ ބޮޑު ހިތާމައެއް ލިބިފައިވަނީ އެކަކީ ޖާޔާ އެވެ.

ސްރީދޭވީގެ މަރާ ގުޅިގެން އިންޑިއާގެ ނޫހަކަށް ޖާޔާ ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އެ ޚަބަރު އޭނާއަށް އިވުނީ ފެނުނު ބިރުވެރި ހުވަފެނެއް ގޮތަށެވެ. ސްރީދޭވީއާ އެކު ޖާޔާ ވަނީ 1984ގައި ނުކުތް "ތުހްފާ" އާއި އެނޫން ވެސް ބައެއް ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.

"ޓީވީ ޗެނަލްތަކުން ބްރޭކިން ނިއުސްގެ ގޮތުގައި އެ ޚަބަރު ކިޔަން ފެށުމުން އަހަންނަށް ލިބުނީ ޝޮކެއް. ސްރީދޭވީ އަކީ ދަރިން ދެކެ ވަރަށް ލޯބިވި ވަރަށް ރަނގަޅު މަންމައެއް. ސިލްވަ ސްކްރީންގައި އޭނާ ފަދައިން އޭނާގެ ދެ ދަރިން ކަމަށްވާ ޖާންވީ އާއި ޚުޝީ، ކާމިޔާބު ފިލްމީ ތަރިންގެ ގޮތުގައި ފިޔަޖަހާތަން ދުށުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް،" ޖާޔާ ބުންޏެވެ.

ސްރީދޭވީ އާއި ޖާޔާ ޕްރަދާ ފިލްމު ކުޅެން ފެށީ ދާދި އެކުއެކީގަ އެވެ. އަދި ކާމިޔާބީތައް ވެސް ލިބެމުން ދިޔައީ ދާދި އެއްވަރަކަށެވެ. އެހެންވެ ދެ މީހުންގެ މެދުގައި ފިނި ހަނގުރާމައެއް ހިނގި ދުވަސްވަރެއް ވެސް ދިޔަ އެވެ. "ތުހްފާ"، "މަގްސަދު"، "ނަޔާ ގަދަމް" އަދި "މައި ތޭރާ ދުޝްމަން" އަކީ މި ދެ ތަރިން އެކުގައި ކުޅެފައިވާ ފިލްމުތަކެވެ.

މި ފިލްމުތައް ކުޅުނު ދުވަސްވަރު ޝްރީދޭވީ އާއި ޖާޔާގެ ހަނގުރާމަ ހޫނުވެގެން ޖީތެންދުރަ އާއި ރާޖޭޝް ކަންނާ ފަދަ ތަރިން މި ހަނގުރާމަ މައިތިރިކުރަން ވަރަށް މަސައްކަތް ކުރި އެވެ. އަދި އެއް ފަހަރަކު ދެ މީހުން އެއްކޮޓަރިއަށް ލައި ތަޅުލާފައި ބައިތިއްބައިގެން ސުލްހަކުރުވަން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް މިކަމުން ދެ މީހުންގެ ގުޅުން އިތުރަށް ވީ ގޯހެވެ.

މި މީހުންގެ އެކުވެރިކަން އުފެދުނީ ފިލްމީ މައިދާނުގައި ކުރަމުންދިޔަ ހަނގުރާމަ ނިމުނުތާ 25 އަހަރު ފަހުން 2015 ގައި އޮތް ޕާޓީއަކުން ބައްދަލުވެގެންނެވެ. އިއްތިފާގުން ދެ މީހުންނަށް ތިބެވުނީ އެއް މޭޒެއްގައި ކަމުން އެ ފަހަރު ވާހަކަ ދައްކަން ފެށި ގޮތަށް ޖާޔާ އާއި ސްރީދޭވީގެ އެކުވެރިކަން ބަދަހިވީ އެވެ.

ޝްރީދޭވީ އާއި ފިރިމީހާ ބޯނީ ކަޕޫރު ވަނީ 2015 ގައި އޮތް ޖާޔާ ޕްރަދާގެ ދަރިފުޅު ސިދާރްތުގެ ކައިވެނީގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެފަ އެވެ.