ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި 16 ސްކޫލާއި ނުވަ ކްލަބް
ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި 16 ސްކޫލާއި ނުވަ ކްލަބް

އަންނަ މަހުގެ 26 އިން 29 އަށް ށ. މިލަންދޫގައި އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ މަކީޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 16 ސްކޫލަކުންނާއި އެސޯސިއޭޝަނުގެ މެމްބަރު ނުވަ ކްލަބުން ބައިވެރިވެއްޖެ އެވެ.

މި މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން އުމުރުފުރާގައި 19 ޓީމު ބައިވެރިވެފައިވާއިރު އަންހެން އުމުރުފުރާގައި 18 ޓީމު ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން 15 އަހަރުން ދަށުގެ ފިރިހެން އުމުރުފުރާގައި 20 ޓީމު އަދި އަންހެން އުމުރުފުރާގައި 17 ޓީމު ވަނީ ބައިވެރިވެފަ އެވެ. ދެން ހިމެނޭ 17 އަހަރުން ދަށުގެ އުމުރުފުރާގައި ފިރިހެން 17 ޓީމު އަދި އަންހެން 14 ޓީމު ވެސް ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުގައި ވާދަކުރާ ކްލަބްތަކަކީ ކީން ޔޫތު ސްޕޯޓްސް އެކަޑަމީ، ކްލަބް މުގޫ ސްޕޯޓްސް، ތިނަދޫ ޒުވާނުންގެ ކްލަބް، ރައުހަތު ސްޕޯޓްސް، ކްލަބް ރާވެރިޔާ، ދަ ބްލެކް މާލިން، ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަން، ކްލަބް ކާމް ސްޕޯޓްސް އަދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް، ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ހދ. ކުމުންދޫ ސްކޫލް، ހދ. މަކުނުދޫ މަދަރުސާ، ހދ. ނޮޅިވަރަމް ސްކޫލް، ށ. ފޯކައިދޫ ސްކޫލް، ށ. ޅައިމަގު ސްކޫލް، ށ. މިލަންދޫ ސްކޫލް، ށ. ނަރުދޫ ސްކޫލް، ށ. އަތޮޅު ތަޢުލީމީ މަރުކަޒު، ނ. ޅޮހީ ސްކޫލް، ރ. މަޑުއްވަރީ ސްކޫލް، ލ. މުންޑޫ ސްކޫލް، ލ. މާވަށު ސްކޫލް އަދި ގއ. ދާންދޫ ސްކޫލެވެ.

މި މުބާރާތް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރު އައްޑޫ ސިޓީގަ އެވެ. ފިރިހެން ބައިގެ ޗެމްޕިއަންކަން ޏ. އަތޮޅު ތައުލީމީ މަރުކަޒު ހޯދިއިރު އަންހެން ޗެމްޕިއަންކަން ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމަށް 7000ރ.، ދެ ވަނަ ޓީމަށް 5000ރ. އަދި ތިން ވަނަ ޓީމަށް 3000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މުޅި ރާއްޖޭގެ ސްކޫލްތަކަށް އަދި އެސޯސިއޭޝަނުގެ މެމްބަރު ކްލަބްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ހދ. ކުޅުދުއްފުށްޓާއި ފުވައްމުލަކުގައި ވެސް ބޭއްވި އެވެ. މިލަންދޫ އަކީ އުތުރުގެ ރަށްތަކުގެ ތެރެއިން ގައުމީ ފެންވަރުގެ އެތުލެޓިކްސް މުބާރާތެއް ބާއްވާ ތިން ވަނަ ރަށެވެ. މީގެ ކުރިން ބާއްވާފައިވަނީ ކުޅުދުއްފުށީގެ އިތުރުން ހއ. ދިއްދޫގަ އެވެ.

އެތުލެޓިކްސް އަކީ ރާއްޖޭގައި ސްކޫލްތަކުގައި ވަރަށް ވާދަވެރިކޮށް ކުރިއަށްދާ ކުޅިވަރެކެވެ. ސްކޫލް މުބާރާތްތަކުން ފާހަގަވި ގިނަ އެތުލީޓުން މިހާރު އަންނަނީ ގައުމީ ފެންވަރުގައި ވާދަކުރަމުންނެވެ.