27 ފެބުރުއަރީ 2018 - 07:05

ތަޅުންގަނޑުގައި ގޮދަޑި އަޅައިގެން ނިދުމަކީ ބައެއް މީހުން އެހާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ވަރަށް ގިނަ ފިރިހެނުންނަށް އެނދުގައި ނިދުމަށް ވުރެ ބިންމަތީގައި ކުނަލެއް ނުވަތަ ގޮދަޑިއެއް އަޅައިގެން ނިދަން މާ ހިތްހަމަޖެހެ އެވެ.
ގިނަ ފިރިހެނުން ދެކޭ ގޮތުގައި އެމީހުންނަށް ނިދާކަށް ވަކި ތަނެއް ނެތެވެ. އަރާމުގައި އޮށޯވެލައިގެން އޮވެ ނިދާލެވެންޏާ ބިންމަތީގައި އޮންނާކަށް އެމީހުންނަކަށް މާ ބޮޑު މައްސަލައަކަށް ނުވެ އެވެ.
އަންހެނުންގެ ތެރެއިން ގިނަ މީހުންނަށް މިއީ ކުރެވޭ ކަމަކަށް ނުވެ އެވެ. ސާފުތާހިރު އަދި ރީތިކޮށް ޒީނަތްތެރިކޮށްފައިވާ ތަފާތު ކުލަކުލައިގެ އުއްބައްތި ނުވަތަ ބޮކިތަކުން ޖަރީކޮށްފައިވާ ކޮޓަރިއެއްގައި ރީތި ބެޑްޝީޓާއި ބާލީސްތަކެއްގެ މަތީގައި އޮވެ ނިދާލުމަކީ ވަރަށް ގިނަ އަންހެނުން އުންމީދުކުރާ ގޮތެވެ.
ދޮރުފޮއްޗާއި ބެޑްޝީޓް ފަދަ އެއްޗެހި ސާފުކޮށް ރީތިކޮށް ބެހެއްޓުމާ ބެހޭ ގޮތުން ބޮޑަށް ވިސްނާނީ އަންހެނުންނެވެ. ފިރިހެނުންނަށް ކޮންމެހެން އެނދުގައި އޮތީ ކޮން ކުލައެއްގެ ބެޑްޝީޓެއްތޯ އަދި އެއީ އެންމެ ފަހުގެ ޑިޒައިނެއްގެ އެއްޗެއްތޯ ބެލުމުގެ މާބޮޑު ޝައުގުވެރިކަމެއް ނުހުރެ އެވެ. ޚާއްސަކޮށް، ކައިވެނިނުކޮށް ތިބޭ ފިރިހެނުންނަށް މިއީ އެއްވެސް ވަރަކަށް ވިސްނާ ކަމެއް ވެސް ނޫނެވެ.
ފިރިމީހާ ބިންމަތީގައި ނިންދެވުމަކީ އަނބިމީހާ ހިތްހަމަޖެހޭ ކަމަކަށް ނުވާއިރު ބައެއް އަންހެނުން ސިފަކުރަނީ މިއީ ފިރިހެނުންގެ ހުންނަ އެންމެ ރޮމެންޓިކް ނޫން ސިފައިގެ ގޮތުގަ އެވެ. ނަމަވެސް މި މައުލޫއަކީ އެހާ ގަޔާވާ މައުލޫއަކަށް ނުވާ މީހުން ވެސް އުޅެ އެވެ. އެމީހުންގެ ނަޒަރުގައި ތަޅުންގަނޑުގައި އޮތަސް އެނދުގައި އޮތަސް ރަނގަޅަށް ނިދާލެވެންޏާ މައްސަލައެއް ނެތެވެ.
މިކަމާ ޚިޔާލުބަދަލުކޮށްލަން ހިނގާށެވެ. ތަޅުންގަނޑުގައި ނިދުމަކީ މައްސަލައެއް ހެއްޔެވެ؟