26 ފެބުރުއަރީ 2018 - 13:06

އުރީދޫ ގްރޫޕުން 5ޖީ ތައާރަފްކޮށް، ދުނިޔޭގައި ފުރަތަމަ ފަހަރަށް އެ ހިދުމަތް ލިބޭ ގައުމަކަށް ގަތަރު ހަދައިފި އެވެ.
ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫން 5ޖީގެ ހިދުމަތް ތައާރަފްކުރީ ސްޕޭންގެ ބާސެލޯނާގައި މިއަދު ފެށި މޯބައިލް ވޯލްޑް ކޮންގްރެސްގަ އެވެ. "އިވޮލިއުޝަން ޓް 5ޖީ"ގެ ނަމުގައި އުރީދޫން، ދުނިޔޭގެ ފުރަތަމަ "5ޖީ ނިއު ރޭޑިއޯ" ނެޓްވޯކް ތައާރަފްކުރީ ގަތަރުގެ ވިޔަފާރި ބޭނުންތަކަށް ހާއްސަކޮށްކޮށްގެންނެވެ.
އުރީދޫން ގަތަރުގައި ތައާރަފްކުރި 5ޖީ ނެޓްވޯކުގެ ސްޕީޑަކީ 2.3 ޖީބީޕީއެސް އެވެ. އުރީދޫން ބުނީ އެ ކުންފުނިން ހިދުމަތް ދެމުން އަންނަ ގައުމުތަކަށް 5ޖީގެ ހިދުމަތް ފޯރުކޮށްދޭން ވަރަށް ބާރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަލްޓްރާ ފާސްޓް 5ޖީ ނެޓްވޯކް މިހާރު ގަތަރުގައި ބޭނުންކުރަމުން އަންނަ އިރު، މިއީ 4ޖީ ނެޓްވޯކްގެ ސްޕީޑަށް ވުރެ ދެ ގުނަ ބާރު ސްޕީޑެއް ލިބޭ ނެޓްވޯކެކެވެ،" ރާއްޖޭގެ ބޮޑު ބަޔަކަށް 4ޖީ ޕްލަސްގެ ހިދުމަތް ދެމުން އަންނަ އުރީދޫ މޯލްޑިވްސް ނިސްބަތްވާ މައި ކުންފނީގެ ބަޔާނެއްގައި ބުނެފައިވެ އެވެ.
"މީގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުންފުނިތަކާއި އިންޑަސްޓްރީގެ މަސައްކަތްތަކަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ އެވެ."
5ޖީ ނެޓްވޯކްގެ ސަބަބުން ޒަމާނީ އާ އުފެއްދުންތަކަށް ވަރަށް ބޮޑު ބާރެއް ލިބޭނެ ކަމަށް އުރީދޫ ގްރޫޕުން ގަބޫލުކުރެ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ތައާރަފުވާ ޑްރައިވަރުންނާ ނުލާ ދުއްވާ ކާރުތަކާއި، ރޮބަޓް ބޭނުންކޮށްގެން ހަދާ ސާޖަރީތަކާއި ވާޗުއަލް ރިއަލިޓީ ގޭމްތަކަށް ވެސް 5ޖީ މުހިންމު ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ ވަލީދު އަލް ސައީދު ވިދާޅުވީ އާ ހިދުމަތާ އެކު އުރީދޫއަކީ ދުނިޔޭގެ އެންމެ ފުރަތަމަ 5ޖީ ނެޓްވޯކް ކަވަރޭޖު ދޫކުރާ ކުންފުންޏަށް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ. އަދި މި ހިދުމަތާ އެކު ލިބޭ ހަލުވި ސްޕީޑުގެ ސަބަބުން އުރީދޫ "ސްމާޓް ސިޓީ" ތަސައްވުރު ކާމިޔާބުވާން އިތުރު ބާރަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގަތަރުގެ 5ޖީ ނެޓްވޯކާ އެކު އެ ގައުމުގައި ސްމާޓް ސިޓީތަކުގެ އިތުރުން ސްމާޓް ސްޓޭޑިއަމްތައް ވެސް ގާއިމް ވެގެން ދާނެ އެވެ.