26 ފެބުރުއަރީ 2018 - 10:31

ޕެރިސް (ފެބްރުއަރީ 26) – ފްރާންސް ލީގުގައި ރޭ އޮލިމްޕިކް މާސޭ އަތުން 3-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ނޭމާގެ ކުޑަހުޅަށް އަނިޔާވެ ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށް އަނިޔާވީ އޭނާގެ ފައި ފުރޮޅާލައިގެންނެވެ. އޭނާގެ އަނިޔާގެ ސީރިއަސް މިނެއް އަދި ނޭގެ އެވެ. އޭނާ އަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ސްޕެއިނުގެ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ނުވަ ވަރަކަށް ދުވަސް ބާކީ އޮއްވަ އެވެ. ފުރަތަމަ ލެގުން 3-1 އިން ޕީއެސްޖީ ބަލިވެފައިވާއިރު އެ ނަތީޖާ އަނބުރާލުމަށް އެ ޓީމަށް ނޭމާ ވަރަށް މުހިއްމެވެ.
ރޭގެ މޮޅާ އެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ 71 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 57 ޕޮއިންޓާ އެކު އޮތީ މޮނާކޯ އެވެ. މާސޭ އޮތީ 55 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ކީލިއަން އެމްބާޕޭ އެވެ. ދެ ވަނަ ގޯލް 27 ވަނަ މިނެޓުގައި ވަނީ މާސޭގެ ރޮލާންޑޯ އަތުން ބައިކޮޅަށެވެ. އެ ޓީމުގެ ތިން ވަނަ ގޯލް 55 ވަނަ މިނެޓުގައި ޖެހީ އެޑިންސަން ކަވާނީ އެވެ. މި ލަނޑު ޖަހަން އެހީވީ ނޭމާ އެވެ.