27 ފެބުރުއަރީ 2018 - 07:06

ކެއުމުގައި ހަކުރު ބޭނުންކުރާ މިންވަރާއި ދަރިން ނުލިބުމާ ގުޅުމެއްވާކަން އެނގޭ ހެއްޔެވެ؟ މިއީ ވަރަށް ހައިރާންވާ ކަހަލަ ވާހަކައެއް ނަމަވެސް މިއީ ހަމަ ހަގީގަތެކެވެ. ހަކުރު އެކުލެވޭ ބުއިންތައް ކޮންމެ ދުވަހަކު ބޭނުންކުރުމުން ދެމަފިރިންގެ ތެރެއިން ކޮންމެ މީހަކަށް ވެސް، ދަރިން ލިބުމުގެ ފުރުސަތު ހަނިވާ ކަމަށް ޖާނަލް އޮފް އެޕިޑެމިއޮލޮޖީގައި ޝާއިއުކޮށްފައިވާ ހޯދުމެއްގައިވެ އެވެ.
ހަށިގަނޑުގައި ހަކުރު ނުވަތަ ގުލްކޯޒް ހުންނަ މިންވަރާއި ދަރިން ނުލިބޭ މައްސަލައާ ސީދާ ގުޅުމެއް ނެތް ނަމަވެސް މީގެ ސަބަބުން ދިމާވާ އެހެން މައްސަލަތައް ކަމަށްވާ އިންސިއުލިން ރެސިސްޓެންސް، ހަކުރުބަލި، ބަރުދަން އިތުރުވުން، ދިފާއީބާރު ދަށްވުން އަދި ހޯމޯން އިމްބެލެންސްގެ ސަބަބުން، ދަރިން ލިބުމުގެ ގާބިލްކަން ކުޑަވާން މެދުވެރިވެ އެވެ.
އިންޑިއާގެ ހޮސްޕިޓަލެއްގެ ސީނިއާ ފާޓިލިޓީ ކޮންސަލްޓަންޓް ޑރ. ސަރޯޖް ކޮޕާލާ އެ ގައުމުގެ ނޫހަކަށް ވިދާޅުވެފައިވާ ގޮތުގައި ހަކުރު ގިނައިން އެކުލެވޭ ކެއުންތައް ކެއުމުން، ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ ފެޓްތައް ހަލާކުކޮށްލަން ދަތިތަކާ ކުރިމަތިވެ އެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑު ހިނގަންވާ ގޮތަށް ނުހިނގައި ދަރިން ހޯދުމަށް ވެސް ދަތިތައް ކުރިމަތިވެ އެވެ.
ހަކުރު އެކުލެވޭ ކެއުންތައް ބޭނުންކުރުމުން، ދަރިން ހޯދުމަށް އަސަރު ކުރަނީ ކިހިނެއް ހެއްޔެވެ؟ ލޭގައި ގުލްކޯޒް ހުންނަ މިންވަރު މަތިވުމުން ބަރުދަން އިތުރުވުމާއި އިންސިއުލިން އުފައްދައިނުދިނުން ފަދަ ކަންތައްތައް ދިމާވެ ހޯމޯންތަކަށް މައްސަލަތައް ދިމާވެ އެވެ. ބަލިވެ އިނުމުގައި އެސްޓްރޯޖަން އާއި ޕްރޮޖެސްޓެރޯން އާއި ދެ ހޯމޯންގެ ދައުރު ވަރަށް ބޮޑެވެ. ހޯމޯން ބެލެންސް ނުވާ ނަމަ އަންހެނުންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ އޯވަރީން ބިސް ދޫކުރުމަށް މައްސަލަތައް ދިމާވުމެވެ. މިފަދަ މައްސަލައެއް ހުރިނަމަ އަލާމާތުގެ ގޮތުގައި އާންމުކޮށް ފެންނާނީ މައްސަރުކަންތައް ނުޖެހުމެވެ. ހޯމޯން ބެލެންސް ނުވުމުގެ ސަބަބުން ދިމާވާ އަނެއް މައްސަލައަކީ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމްސް (ޕީސީއޯއެސް) އެވެ. މިއީ ކޮންމެ 10 އަންހެނަކުން އެކަކަށް މެދުވެރިވާ މައްސަލަ އެކެވެ.
ފިރިހެނުންގެ ލޭގައި ގުލްކޯޒް ހުރި މިންވަރު މަތިވުމުން ޓެސްޓޮސްޓެރޯން ހުންނަ މިންވަރަށް އަސަރުކޮށް ސްޕާމް އުފައްދާ ވަރު މަދުވެ އެވެ. ދަރިން ނުލިބޭ ފިރިހެނުންގެ ތެރެއިން 30-40 ޕަސެންޓް މީހުންނަކީ ސްޕާމް ކައުންޓް ދަށް މީހުންނެވެ. ނުވަތަ ސްޕާމްގެ ކޮލިޓީ ދަށް މީހުންނެވެ. ސްޕާމްގެ ސިއްހަތު އެކަށީގެންވާ ވަރަކަށް ނެތްނަމަ ބިހެއް ފާޓިލައިޒްކޮށް ކުއްޖަކު އުފެދުމަކީ ދަތިކަމަކަށް ވެއެވެ. މިފަދަ މީހުންނަށް ދަރިން ނުލިބެނީ މި ސަބަބާ ހެދި އެވެ.
އަންހެނަކަށް ދުވާލަކު އެވްރެޖްކޮށް ބޭނުންކުރެވޭނީ އެންމެ ގިނަވެގެން ވެސް 25-28 ގްރާމް ހަކުރެވެ. ފިރިހެނަކަށް 37-40 ގްރާމެވެ. މިއީ ދުވާލަކަށް މީހަކަށް ބޭނުންވާ 2000 ކެލޮރީޒްގެ ފަސް ޕަސެންޓެވެ. ގިނަ މީހުންނަށް ވިސްނާ ނުލެވޭ އެއް ހަގީގަތަކީ ހަކުރު ހަށިގަނޑަށް އެތެރެވާ ގޮތެވެ.
ސައިތައްޓަށް އަޅާ ދެ ސަމުސަލެއްހާ ހަކުރު އެއީ ހަށިގަނޑަަށް ހަމައެކަނި އެތެރެވާ ހަކުރު ކަމަށް ދެކިގެން ނުވާނެ އެވެ. އަހަރެމެން ކައި އުޅޭ ހުރިހާ ކާނާއެއްގައި ވެސް ގުލްކޯޒް ހުންނާނެ އެވެ. ތަރުކާރީ އާއި މޭވާގައި ނެޗުރަލް ޝުގާ ހުންނައިރު އެނޫން ވައްތަރުތަކުގެ ކާނާގެ ތެރޭގައި ހިމެނޭ މާމުއި، ސިރަޕް، ސްވީޓްނާ ފަދަ ހުރިހާ އެއްޗެއްގައި ވެސް ހަކުރު ހުރެ އެވެ.
ޕެކެޓްކޮށްފައި ހުންނަ ކާއެއްޗެހީގައި ހަކުރު ހުރި މިންވަރު ބަލައިލަން ވަރަށް ފަސޭހަވާނެ އެވެ. ސަބަބަކީ އެ ބަންދުކޮށްފައި ހުންނަ ފޮށީގައި ނުވަތަ އުރައިގެ ބޭރުގައި މި މައުލޫމާތު ހުންނާނެތީ އެވެ.
ހަކުރުގެ ބައި މަދުކުރަން ބޭނުންނަމަ ފޮނި ކާއެއްޗިސާއި ބުއިންތައް މަދުކުރުމަކުން ނުފުދެ އެވެ. އެކި ވައްތަރުގެ ޖޫހުގައި ވެސް ހަކުރު ހުންނާނެ އެވެ. ހުދު ޕާން، ޕާސްތާ، ކެޗަޕް، ސޯސް، ސައި، ކޮފީ، ބްރެކްފަސްޓް ސީރިއަލްސް، ޕްރޮޓީން ބާ، ކުކީ، ޖޭމް، ބިސްކޯދު ފަދަ އެއްޗެތީގައި ވެސް ހަކުރު ވަރަށް މައްޗަށް އެކުލެވިގެން ވެއެވެ.
މާބަނޑުމީހުން ނުވަތަ ދަރިން ހޯދަން މަސައްކަތް ކުރާ އަންހެނުން ސިއްހަތަށް ފައިދާނުކުރާ ބާވަތްތައް ކެއުން އާދަކޮށްފި ނަމަ ބަރުދަން އާދަޔާޚިލާފަށް އިތުރުވެ ދަރިން ހޯދަން ނުވަތަ މާބަނޑު މީހާއަށް ސިއްހަތު ރަނގަޅު ދަރިއަކު ހޯދަން ދަތިވެ އެވެ.
ބަރުދަން އިތުރުނަމަ އަދި ދަރިއަކު ހޯދަން ބޭނުން ނަމަ އެންމެ ފުރަތަމަވެސް ސިއްހަތަށް ފައިދާހުރި ކާނާ ކާން ފަށާށެވެ. އެއީ ހަކުރު މަދުން އެކުލެވޭ ކެއުމެވެ. އަދި ގަވާއިދުން ކަސްރަތުކުރަން ފެށުމަށް ތަޖުރިބާކާރުން އިރުޝާދު ދެއެވެ.