26 ފެބުރުއަރީ 2018 - 10:30

ރާއްޖޭގެ ސިޔާސީ ދާއިރާގެ އިދިކޮޅުގައި ތިބި މީހުންނާ ބެހޭ ގޮތުން ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ ހަގީގީ ތެދު ވާހަކަތަކެއްކަން ސާބިތުވަމުން އަންނަ ކަމަށާއި އޭނާ ކުރައްވާ ހިތްވަރަށް ސާބަސް ދީ ޖެނެރަލެއްގެ ލަގަބު ދެއްވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ލީޑަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.

ރުމާލު 2 ޖަގަހާގައި "ގައުމަށްޓަކައި މަގޭ މޭ އައްޑަނައަކަށް" ގެ ނަމުގައި ބޭއްވި ޖަލްސާގައި އަދުރޭ އަށް ތައުރީފު އޮއްސަވަމުން ނިހާން ވިދާޅުވީ، ފެބްރުއަރީ 1 އިން ފެށިގެން އިދިކޮޅު މީހުންނާ ބެހޭ ގޮތުން އަދުރޭ ދައްކާ ވާހަކަތަކަކީ ތެދު ވާހަތަކެއްކަން ސާބިތުވާ އެންމެ ބޮޑު އެއް ހެއްކަކީ ސުޕްރީމް ކޯޓުން ނެރުނު އަމުރު ކަމަށެވެ. އެއީ ވެރިކަން ވައްޓާލަން ބަޣާވާތް ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަޑީގައި ހުންނަވައިގެން ނެރުއްވި އަމުރެއް ކަމަށް ގާސިމް އިއުތިރާފުވެވަޑައިގަތުން ކަމަށް ނިހާން ވިދާޅުވި އެވެ.

"ޔައުނީ އަބްދުއްރަހީމް އެކެއް ފެބްރުއަރީން ފެއްޓިގެން ރައްޔިތުންނަށް އާދޭސް ދަންނަވަމުން އެ ދަނީ އެ މަނިކުފާނު ވިދާޅުވި ވާހަކަތަކުގެ 99 އިންސައްތަ ވާހަކައަކީ ސައްހަ ވާހަކަ ކަމުގައި ވާތީ އަޅުގަނޑުމެން އަބްދުއްރަހީމަށް އައްސަރިބަހާއި ސާބަސް ދަންނަވައި ރަސްމީކޮށް ޖެނެރަލެއްގެ ނަން އެ މަނިކުފާނަށް އަޅުގަނޑުމެން ދީފިން،" ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އަދުރޭ ގައުމަށްޓަކައި ކުރައްވާ މަސައްކަތުގެ ސަބަބުން އޭނާއަކީ މި ވަގުތު އެ ބޭފުޅުންގެ އައްސައްޔިދް ކަމަށެވެ.

"އަޅުގަނޑުމެންގެ މިއަދުގެ ސައްޔިދަކީ އަބްދުއްރަހީމް. އައްސައްޔިދް އަބްދުއްރަހީމް،" ނިހާން ވިދާޅުވި އެވެ. "މިކަމާ ވެސް ހިތުގެ ޖެހޭނެ ބަޔަކު ތިބޭނެ. ވަރަށް ބޮޑަށް [އެ މީހުން] މޭކަރާނެ. ނަމަވެސް މީގެ ފަހުން އަޅުގަނޑު އެ މަނިކުފާނަށް ގޮވާނީ އައްސައްދު އަބްދުއްރަހީމޭ ކިޔާފައި."

އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް ބަޣާވާތް ކުރަން އުޅެނީ ވެރިކަމާ ހެދި ފޮން ބޮވައިގެންފައި ތިބޭ އެއްވެސް ތާކުންތާކު ނުޖެހޭ މީހުންނެވެ. ނަމަވެސް މި ފަހަރު "ގާސިމްގެ އަވާގައި ޖެހިފެން ބަޣާވާތް ކުރަން އުޅުނު މީހުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫންއަބްދުލް ގައްޔޫމާއި ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރަކު ހިމެނިވަޑައިގަތުމަކީ ދިވެހި ތާރީހުގައި ވަރަށް ހުތުރުކޮށް ލިޔެވޭނެ ވާހަކަތަކެއް" ކަމަށެވެ.

އެހެންވެ އެކަމާ ވަރަށް ހިތާމަ ކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ.
