26 ފެބުރުއަރީ 2018 - 09:24

އެފްރިކާގެ ގައުމެއް ކަމަށްވާ ޔޫގެންޑާގައި އިއްޔެ ނިމުނު ޔޫގެންޑާ އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ތިން ވަނަ ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ފާތިމަތު ނަބާހާ ހޯދައިފި އެވެ.
މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) މުބާރާތެއްގެ ސިންގަލްސް ބައިން ރާއްޖެ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ނަބާހާ ވާދަކުރީ ދުނިޔޭގެ 131 ވަނައިގައި އޮތް މިސްރުގެ ހަދިއާއާ އެވެ. މި މެޗުން ނަބާހާ ބަލިވި ނަމަވެސް އޭނާ ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. ފުރަތަމަ ސެޓުން 21/8 އިން ބަލިވި ނަމަވެސް ދެ ވަނަ ސެޓުގައި ނަބާހާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ސެޓު ނިމުނީ 21/17 އިންނެވެ.
ނަބާހާ އަކީ މިދިޔަ އަހަރު އިންޑިއާގެ ގުވަހާޓީގައި އޮތް ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުން ރާއްޖެ އަށް ރިހި މެޑަލް ގެނެސްދިން ޕެއާގައި ހިމެނޭ ކުޅުންތެރިޔެކެވެ. އެ ފަަހަރު ރިހި މެޑަލް ގެނައީ ނަބާހާގެ އިތުރުން އޭނާގެ އެއް މާބަނޑު އައިމިނަތު ނަބީހާ އެވެ.
ޔޫގެންޑާ މުބާރާތުގައި ރާއްޖޭގެ ޓީމުން ނެރުނު ނަތީޖާ ޖުމްލަ ގޮތެއްގައި ރަނގަޅެވެ. އެއީ ބައިވެރިވި ގިނަ އިވެންޓުތަކުން ދެ ވަނަ ބުރުގައި ވާދަކޮށްފައިވާތީ އެވެ. ފިރިހެން ސިންގަލްސް ބައިން ޒަޔާން ޒަކީ ވާދަކުރިިއިރު، އަންހެން ސިންގަލްސް ބައިގައި އައިމިނަތު ޝަހުރުނާޒް އާއި ނަބީހާ އަދި ނަފްހާ ނަސްރުﷲ ވެސް ވަނީ ކުރިއެރުން ހޯދައިފަ އެވެ.
އަންނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑެއްޔެއް ހޯދުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކުރުމުގެ ފުރުސަތު އަންނަނީ ހޯދައި ދެމުންނެވެ.