25 ފެބުރުއަރީ 2018 - 21:21

މެންޗެސްޓާ (ފެބްރުއަރީ 25) – ޗެލްސީ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް މެންޗެސްޓާ ޔުނައިޓެޑް މިރޭ އަލުން އަރައިފި އެވެ.
ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވެ ލިވަޕޫލް ދެ ވަނަ އަށް އަރާފައިވަނިކޮށް ޔުނައިޓެޑް އަލުން އެ މަގާމް ހޯދީ 59 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި 72 ޕޮއިންޓާ އެކު އޮތީ އެއް މަދު މަދުން ކުޅެފައިވާ މެންޗެސްޓާ ސިޓީ އެވެ. ލިވަޕޫލް މިހާރު އޮތީ 57 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
އަނެއްކޮޅުން މިރޭ ބަލިވުމާ އެކު ޗެލްސީ ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމު 53 ޕޮއިންޓާ އެކު އޮތްއިރު މިރޭ ކްރިސްޓަލް ޕެލަސް އަތުން 1-0 އިން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާސް ވަނީ 55 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް އަރައިފަ އެވެ.
ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ މިރޭ މި ކުރި ހޯދީ އޭނާގެ ކުރީގެ ޓީމު ޗެލްސީގެ އިތުރުން ވާދަވެރި ކޯޗު އެންޓޯނިއޯ ކޮންޓޭގެ ވެސް މައްޗަށެވެ. ދެ ކޯޗުންގެ ވާދަވެރިކަން ފަހަކަށް އައިސް ވަނީ ބޮޑުވެފަ އެވެ.
ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ 32 ވަނަ މިނެޓުގައި ޗެލްސީން ލީޑު ނެގީ، ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ބާސެލޯނާއާ ދެކޮޅަށް ވެސް މޮޅު ކުޅުމެއް ދެއްކި ވިލިއަންގެ ގޯލުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ޗެލްސީގެ ކުރީގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. އެންތަނީ މާޝިއާލް ދިން ބޯޅައަކުން އޭނާ މި ގޯލް ޖެހީ 39 ވަނަ މިނެޓުގަ އެވެ. ޔުނައިޓެޑް މޮޅުވީ 75 ވަނަ މިނެޓުގައި ޖެސޭ ލިންގާޑް ޖެހި ގޯލުންނެވެ. މިއީ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ގޯލެކެވެ.
މިދިޔަ ދެ މެޗުގައި ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުނު މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް މޮރީނިއޯ މިރޭގެ މެޗުގައި ފުލްކޮށް ކުޅެން ފުރުސަތު ދިނެވެ.
މިރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން ޓޮޓެންހަމް މޮޅުވީ ކިރިޔާ އެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު 88 ވަނަ މިނެޓުގައި ޖެހީ ހެރީ ކޭން އެވެ.