16 ޖުލައި 2016 - 16:09

ވޮޝިންޓަން (ޖުލައި 16) - އެމެރިކާގެ މުސްލިމުން އިސްލާމީ ޝަރީއަތް ގަބޫލް ކުރޭތޯ ބެލުމަށް އެ އެންމެން ސްކްރީން ކުރުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ކުރީގެ ރައީސް ނިއުޓް ގިންގްރިޗް ގޮވާލައްވައިފި އެވެ.
ފްރާންސްގެ ނީސްގައި ގައުމީ ދުވަސް ފާހަގަ ކުރަން ގިނަ ބަޔަކު ޖަމާވެފައި ވަނިކޮށް ލޮރީއަކުން ޖައްސާ 84 މީހުން މަރާލި ހާދިސާ އަށް ފަހު ގިންގްރިޗް ވިދާޅުވީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވާ ކޮންމެ މުސްލިމަކު އެމެރިކާ އިން ބޭރު ކުރަން ޖެހޭ ކަމަށެވެ.
ގްންގްރިޗް މި މޭރުމުން ވާހަކަ ދައްކަވާފައިވާ އިރު އަންނަ ނޮވެމްބަރު މަހުގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ބެލެވޭ ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެމެރިކާ އަށް މުސްލިމުން ވަނުން މަނާ ކުރުމަށް ގޮވާލައްވައިފަ އެވެ. ޓްރަމްޕުގެ ރަނިން މޭޓަކަށް ވެދާނެ ކަމަށް އެންމެ ބޮޑު އަޑުއެރި ފަރާތްތަކުގެ ތެރޭގައި ގިންގްރިޗް ވެސް ހިމެނެ އެވެ.
"ހުޅަނގުގެ ތަހުޒީބު މި ވަނީ ހަނގުރާމައެއްގެ ތެރޭގައި. އެމެރިކާގެ ކޮންމެ މުސްލިމަކު ވެސް އެބަ ޖެހޭ އެ މީހުން ޝަރީއާ ގަބޫލް ކުރޭތޯ ސްކްރީން ކުރުމަށް. އަދި ޝަރީއާ ގަބޫލް ކުރާ ކޮންމެ މުސްލިމަކު ޖެހޭ އެމެރިކާ އިން ބޭރު ކުރުމަށް،" ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ގިންގްރިޗް ވިދާޅުވި އެވެ. "ހުޅަނގުގެ ތަހުޒީބާ، ޝަރީއާ ގުޅުމެއް ނުވޭ. ޝަރީއާ ދޫކޮށްލާފައިވާ މި ޒަމާނުގެ މުސްލިމުން އެމެރިކާގެ ރައްޔިތުންގެ ގޮތުގައި ތިބޭ ނަމަ އެއީ އުފަލެއް. އަދި އަވައްޓެރިންގެ ގޮތުގައި އެ މީހުން ތިބޭ ނަމަ މާ އުފާވާނެ."
ގިންގްރިޗް ވަނީ އެމެރިކާގެ މިސްކިތްތައް ވެސް މޮނިޓާ ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ޓެރަރިސްޓް ޖަމާއަތްތަކުގެ ވެބްސައިޓްތަކަށް ވަންނަ މީހުން ޖަލަށް ލުމަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ.
ގިންގްރިޗުގެ ވާހަކަތައް ވަނީ ކައުންސިލް އޮން އެމެރިކަން- އިސްލާމިކް ރިލޭޝަންސް އިން ކުށްވެރިކޮށްފަ އެވެ. އަދި ރައީސް ބަރަކް އޮބާމާ ވެސް ވަނީ ގިންގްރިޗުގެ ވާހަކަތައް ކުށްވެރި ކުރައްވައިފަ އެވެ.