25 ފެބުރުއަރީ 2018 - 21:55

މި ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ބޭފުޅެއް ނޫން ކަމަށާއި އިންތިހާބެއްގައިި ޖަމީލް ބަލިކޮށްލެވިދާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް މިރޭ ވިދާޅުވެއްޖެ އެވެ.

ރުމާލު 2 ޖަގަހާގައި "ގައުމަށްޓަކައި މަގޭ މޭ އައްޑަނަކަށް" ގެ ނަމުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވި ގޮތުގައި ނައިބު ރައީސްކަމުން ވަކިކުރި ޑރ. ޖަމީލަކީ ހިފައި ހައްޔަރު ކުރަން ޖެހޭ ބޭފުޅެކެވެ.

"ޑރ. ޖަމީލް އެބަ ޖެހޭ ހިފައި ހައްޔަރު ކުރަން. މީނައަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އާރެއް ބާރެއް، ޔާރެއް ހުރި މީހެއް ނޫން. މީހަކު ދަންނަ މީހެއް ނޫން،" އަދުރޭ ވިދާޅުވި އެވެ. "އަޅުގަނޑުމެންނާ އެކީގައި ނިކުތީމަ އޭނަ އަށް އެ މަގާމު ލިބުނަސް މި ދަންނަވަނީ ގޮންޖަހާފައި މި ރާއްޖޭގައި އަޅުގަނޑާ ވާދަ ކުރަން ހިނގާ. އަޅުގަނޑު ހޯދި ދިހަ ވޯޓަށް ދިހަ ވޯޓް ވެސް މި ރާއްޖޭން ޑރ. ޖަމީލަކަށް ނުލިބޭނެ."
އޭނާ ވިދާޅުވި ގޮތުގައި "އެ ފެންވަރުގެ މީހުން ފިލައި ތިބެގެން ބަސް ބުނީމަ ލަދު ގަންނަން ޖެހޭނެ" އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ޖަރުމަންވިލާތުގައި މިހާރު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވެސް ވީހާ އަވަހަކަށް ހިފައި ހައްޔަރުކޮށް ރާއްޖެ ގެނެސް ޖަލުގައި ބަހައްޓަން ޖެހޭ ބޭފުޅެކެވެ. އަދި އެކަން ކުރުމަށް ސަރުކާރަށް ގޮވައިލެއްވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ގާސިމް ކުރައްވަން ޖެހޭ ކަމަކީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކައިވައި، އިއްވާފައިވާ ޖަކު ހުކުމް ތަންފީޒު ކުރެއްވުމެވެ. އަދި ގާސިމަކީ ވެރިކަން ވައްޓާލަން ބަޣާވާތް ކުރި ބޭފުޅެއް ކަމަށް އަމިއްލަ އަށް މިހާރު އިއުތިރާފުވެ ވެސް ވެފައިވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.