ފަހަތުން އަރައި ވިކްޓަރީ އަތުން އީގަލްސް އަށް ބޮޑު މޮޅެއް
ފަހަތުން އަރައި ވިކްޓަރީ އަތުން އީގަލްސް އަށް ބޮޑު މޮޅެއް

ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ފަހަތުން އަރައި 4-1 އިން މޮޅުވެ ކްލަބް އީގަލްސް އިން އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާ އެކު އެސްޓީއޯ މާލޭ ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީގެ ސިމޮން ޓިބޯ އެ ޓީމަށް ލީޑު ނަގައިދީފައިވަނިކޮށް އީގަލްސް އިން ފަހަތުން އަރައި ހަތަރު ގޯލް ޖެހީ ވެސް ފަހު ހާފުގަ އެވެ.

"ވަރަށް ބޮޑަށް ކޮންފިޑެންސް އިތުރުވެގެންދާނެ މި މޮޅާ އެކު،" މޯހަން ބުންޏެވެ. "ވަރަށް ގިނަ އާ، ޅަ ކުޅުންތެރިންތަކެއް ލައިގެން މި ކުޅެނީ. ބައެއް ކުޅުންތެރިން މުޅިން އާ ޕޮޒިޝަންތަކަށް މި އެރުވީ ވެސް. އެހެންވެ މި މޮޅާ އެކު އިތުބާރު ބޮޑުވާނެ."

ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ބުނީ މިއަދު މޮޅުވީ މޮޅަށް ކުޅުނު ޓީމު ކަމަށާއި ފުރަތަމަ ހާފުގައި އޭނާގެ ޓީމުން ރަނގަޅަށް ކުޅުނު ކަމަށެވެ.

"ފުރަތަމަ ހާފުގައި ސްޕެއިން ކުޅުންތެރިޔާ (އެންހެލް މުނޯޒް) އަށް ލިބުނު ބޯޅަ ވައްދާލި ނަމަ މެޗު ތަފާތުވީސް،" ކިސް ބުންޏެވެ.

ފުރަތަމަ ހާފުގައި އީގަލްސް އިން މެޗު ކޮންޓްރޯލްކުރިއިރު ދެ ޓީމަށް ވެސް ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން 14 ވަނަ މިނެޓުގައި އެ ޓީމުގެ ކަނާތު ބެކް އަލީ ޝާމިސް (ތޮއްޕެ) އަރިމަތިން އަރައި ނެގި ހުރަސް މުނޯޒް އޭރިއާ ތެރެއިން ބޮލުން ޖެހުމުން އީގަލްސްގެ ކެޕްޓަން އަދި ގޯލްކީޕަރު ސްރީ ލަންކާގެ ސުޖަން ޕެރޭރާ މަތަކުރި އެވެ.

ވިކްޓަރީން ލީޑު ނެގީ 25 ވަނަ މިނެޓުގަ އެވެ. ކޯނަރަކުން މުނޯޒް ހުރަސްކުރި ބޯޅަ އޭރިއާ ތެރެއިން ސިމޮން ބޮލުން ޖަހައި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި އެވެ.

އޭގެ ދެ މިނެޓު ފަހުން އީގަލްސް އިން ނުރައްކާތެރި ހަމަލައެއް ފޮނުވާލި އެވެ. އެ ޓީމުގެ ޖުމައިލް ޖަމީލަށް އޭރިއާ ބޭރުން ލިބުނު ބޯޅަ އޭނާ ވަނީ ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން ކުރިއަށް އަރާ ހުއްޓާ ގޯލަށް ފޮނުވާލާފަ އެވެ. އެކަމަކު އިމްރާން ވަނީ ވެއްޓިގެންފައި އެ ބޯޅަ ސަލާމަތްކޮށްފަ އެވެ. އޭގެ ފަހުން 29 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އީގަލްސްގެ ޖުމައިލް ޖައްސާލި ބޯޅަ އެ ޓީމުގެ ޕުރްސީނޯ ލުއިސް އެޑުއާޑޯ ޖެހުމުން ވެސް އިމްރާން ސަލާމަތްކުރި އެވެ. އަދި 32 ވަނަ މިނެޓުގައި އީގަލްސްގެ މުހައްމަދު ނައިމް ފޮނުވާލި ހަމަލަ ވެސް ސަލާމަތްކުރީ އިމްރާނެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ވިކްޓަރީގެ މުނޯޒަށް ލީޑު ފުޅާކޮށްލަން ރަނުގެ ދެ ފުރުސަތު ލިބުނެވެ. ފުރަތަމަ ފުރުސަތުގައި 39 ވަނަ މިނެޓުގައި އޭނާ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ކީޕަރު ސުޖަންގެ ފައިދަށުން ގޮސް ގޯލަށް ވަންނަން ދަނިކޮށް ރޮނގު މަތިން ސަލާމަތްކުރީ އީގަލްސް ޑިފެންޑަރުންނެވެ. އޭގެ ފަހުން 43 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

އީގަލްސް އިން ވަނީ ދެ ވަނަ ހާފު ފަށައިގެން ވިކްޓަރީ އަށް ހަމަޖެހުނުލެވެނީސް އެއްވަރުކޮށްފަ އެވެ. މި ލަނޑު 48 ވަނަ މިނެޓުގައި ޖެހީ ނާއިމެވެ. އެ ޓީމުން ކުރި ހޯދީ 64 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އެޑުއާޑޯ ޖެހި ގޯލުންނެވެ. މިއީ އޭރިއާ ތެރެއިން ވިކްޓަރީގެ ޑިފެންޑަރު ޔޯކުއިން ކާލޯސް ގާސިއާ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ މޮޅު ކުޅުމާ އެކު އީގަލްސް އިން ދިޔައީ ދެ ވަނަ ހާފުގައި މެޗު އެއްކޮށް ކޮންޓްރޯލްކުރަމުންނެވެ. ނަތީޖާއަކަށްވީ އެ ޓީމުން ތަފާތު ބޮޑުކުރުމެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ޒުވާން ކުޅުންތެރިޔާ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ގޯލުގެ ތިރީ ކަނަށް ވައްދާލީ ވިކްޓަރީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އެވެ.

އީގަލްސްގެ ހަތަރު ވަނަ ގޯލް ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި އެ ޓީމުގެ މުހިއްމު ކުޅުންތެރިޔާ އަހުމަދު ރިޒްވާން (ރިޒޭ) އެވެ. މެދު ރޮނގާ ހިސާބުން އޭނާ ތަނަވަސްކުރި ފުރުސަތެއްގައި ކުރިއަށް އަރައި ބޯޅަ ގޯލަށް ވައްދާލީ ކީޕަރު ބޯމަތިންނެވެ.

އީގަލްސްގެ ކޯޗު މޯހަން ބުނީ ފުރަތަމަ މެޗާ ބަލާއިރު ކުޅުމާ މެދު ވެސް ހިތްހަމަޖެހޭ ކަމަށާއި އެކަމަކު އަދިވެސް ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.

"މެޗަކަށް ފަހު މެޗެއް އިމްޕްރޫވަމުން އަންނާނީ. ފުރަތަމަ ހާފުގައި ޕްރެޝަރަށް ދިޔަ. އާ ކުޅުންތެރިޔެއް ފަހަތަށް އަރުވައިގެން ކުޅެން ޖެހުމުން ދިމާވި ގޮތެއް. އެކަމަކު ދެ ވަނަ ހާފުގައި ގެނައި ބަދަލުތަކާ އެކު އެކަން ހައްލުވި،" މޯހަން ބުންޏެވެ.