25 ފެބުރުއަރީ 2018 - 18:25

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ރޭ ފުލުހުންނަށް ލިބުނީ އަންހެނަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ކަމުގެ ރިޕޯޓެއް ކަމަށް ފުލުހަކު ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
އޮގަސްޓް، 2014 ގައި ހުޅުމާލޭގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހަކަށް ދައުލަތުން ދައުވާކުރެ އެވެ. އެއީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދިނީ ރިލްވާން ގެއްލުނު ރޭ ހުޅުމާލޭ ޕޮލިސް ސްޓޭޝަންގައި ޑިއުޓީގައި ހުރި ފުލުހެކެވެ.
ހެކިބަސް ދެމުން އެ ފުލުސް މީހާ ބުނިގޮތުގައި އެރޭ މެންދަމު އާންމު މީހަކު ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގުޅައި، ރިޕޯޓްކުރީ، ރިލްވާން ދިރިއުޅުނު ފްލެޓް ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން އަންހެނަކު އަރުވައިގެން ގެންދިޔަ ކަމަށް ބުނެ އެވެ. އޭނާ ބުނިގޮތުގައި ރިޕޯޓްކުރި މީހާ ބުނެފައިވަނީ ގަދަކަމުން ކާރަށް އެރުވި މީހާ ލައިގެން ހުރީ މަތިން ފެހި ކުލައިގެ ހެދުމެއް އަދި ތިރިން ރަތް ކުލައިގެ އެއްޗެއް ކަމަށެވެ. އެކަމަކު އެރުވީ ކޮން ނަމްބަރެއްގެ ކާރަކަށް ކަަމެއް ރިޕޯޓްކުރި މީހާއަށް ނޭނގޭ ކަމަށް އެ ފުލުސްމީހާ ބުންޏެވެ.
ފުލުސް މީހާ ބުނިގޮތުގައި އެ ރިޕޯޓް ލިބުމުން ފުރަތަމަ އެ ސަރަހައްދަށް ދެ ފުލުހަކު ފޮނުވިޔަސް، އެ ސަރަހައްދުގައި އެއްވެސް ކަމެއް އޭރު ފެންނާކަށް ނެތެވެ. އެކަމަކު އެ ސަރަހައްދުން ބިންމަތިން ބެނެޓް ވަޅިއެއް ފުލުހުންނަށް ފެނުނު ކަމަށާއި އެހެންވެ އެ ވަޅި ފޮރެންސިކް ފުލުހުން ނެގި ކަމަށް އޭނާ ބުންޏެވެ.
ގަދަކަމުން މީހަކު އެރުވި ކަމުގެ ރިޕޯޓް ލިބުނީ ރަތް ކުލައިގެ ކާރަކަށް ކަމަށްވާތީ އެރޭ ރަތް ކުލައިގެ ކާރެއް މަގުމަތިން ފެނޭތޯ ފުލުހުން އެކި ސަރަހައްދުތައް ބެލި ކަމަށް އެ ފުލުސް މީހާ ބުންޏެވެ. އެކަމަކު މަގުމަތީގައި ޕާކު ކޮށްފައި އޮތް ރަތް ކުލައިގެ ކާރުތަކެއް ފިޔަވައި، އެހެން ކާރެއް މަގުމަތިން ދުއްވާފައި ދަނިކޮށް ނުފެންނަ ކަމަށާއި އެކަމަކު ޕާކް ކޮށްފައި ހުރި ކާރުތަކުގެ ރަޖިސްޓްރީ ނަމްބަރުތައް ފުލުހުން ނޯޓްކުރި ކަމަށް އޭނާ ބުންޏެވެ.
"އެރޭ ދުއްވާފައި ދަނިކޮށް ރަތް ކުލައިގެ ކާރެއް ނުފެނޭ. ޕާކް ކޮށްފައި ހުރި ރަތް ކުލައިގެ ކާރުތަކެއް ފެނުނީ. ޕާކް ކޮށްފައި ހުރި އެއްޗެހި ވީމަ ތަޅުލާފައި ދެއްތޯ ހުންނާނީ. އަނެއްކާ އަޅުގަނޑުމެންނަށް ރިޕޯޓް ލިބުނުއިރު ވެސް އެއީ ކޮން ނަމްބަރެއްގެ ކާރެއް ކަމެއް ނޭނގޭ،" ރަތް ކުލައިގެ ކާރުތައް އެރޭ ފުލުހުން ޗެކް ކުރިތޯ، މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ސުވާލު ކުރެއްވުމުން އެ ފުލުސް މީހާ ބުންޏެވެ.
މިއަދު ދެވަނަ އަށް ހެކިބަސް ދިނީ ދޯންޏެއްގެ ވެރިއެކެވެ. ދައުލަތުން އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅީ ދައުވާލިބޭ އާލިފްގެ ރަތް ކުލައިގެ ކާރު އެ ހާދިސާ ހިނގުމުގެ ދުވަސްކޮޅެއް ކުރިން ހުޅުމާލެއަށް ގެންދިޔަކަން ސާބިތު ކުރުމަށެވެ.
ހެކިބަސް ދެމުން އެ މީހާ ބުނިގޮތުގައި އެ ހާދިސާ ހިނގުމުގެ ދުވަސްކޮޅެއް ކުރިން އޭނާގެ ދޯނިން ހުޅުމާލެއަށް ކާރެއް ގެންދިޔަކަން އެނގެ އެވެ. އެކަމަކު އެއީ ކޮން ކުލައެއްގެ ކާރެއް ކަމެއް އަދި ކާކުގެ ކާރެއް ކަމެއް ވެސް ބުނަން ނޭނގޭ ކަމަށް އެ މީހާ ހެކިބަސް ދިނެވެ. އޭނާ ބުނިގޮތުގައި އެދުވަހު ކާރު ގެންދިޔަ ދަތުރުގައި އޭނާ ބައިވެރިއެއް ނުވެ އެވެ. އެކަމަކު އެ ދަތުރަށް ލިބެންޖެހޭ ފައިސާ އޭނާއަށް ލިބުނު ކަމަށާއި އެ ފައިސާ އޭނާއާ ހަވާލުކުރީ އެ ދޯނީގެ ކެޕްޓަން ކަމަށް އެ މީހާ ބުންޏެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ އާރިފް ވަނީ ހެކިން ހާޒިރު ކުރުން ލަސްވުމުން އެ މައްސަލަ އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ސިއްރު ހެކިންނަކީ ދައުލަތުގެ އެހީތެރިކަމާ އެކު ހާޒިރުކުރާ ބައެއް ކަން ފާހަގަ ކުރައްވައި، ގާޒީ އާރިފް ވިދާޅުވީ މިދިޔަ ހަފުތާގައި ހެކިބަސް ނަގަން ހަމަޖެއްސި އަޑުއެހުންތައް ވެސް ކެންސަލް ކުރަން ޖެހުނީ ސިއްރު ހެކިން ހާޒިރު ނުކުރެވުމުގެ ސަބަބުން ކަމަށެވެ.
ގިނަ އަދަދެއްގެ ހެކިން އެ މައްސަލާގައި ހުށަހަޅާފައިވާއިރު ގާޒީ ވިދާޅުވި ގޮތުގައި ފުރަތަމަ ކޯޓުން ނިންމާފައިވަނީ ސިއްރު ހެކިވެރިންގެ ހެކިބަސް ނެގުމަށް ފަހު، ފާޅުގައި ހެކިބަސްދޭ ފަރާތްތަކުގެ ހެކިބަސް ނެގުމަށެވެ. އެކަމަކު އެ އުސޫލު ބަދަލުކޮށް، ފާޅުގައި ހެކިބަސް ދޭ މީހުންގެ ހެކިބަސް ވެސް މިހާރު ނަގަން ފެށީ މައްސަލަ ދިގުލައިގެންދާތީ ކަމަށް ގާޒީ އާރިފް ވިދާޅުވި އެވެ. އަދި މިހާރު ކޯޓުން އަމަލުކުރާ އުސޫލަކީ ބޮޑެތި ހުރިހާ މައްސަލަތަކުގައި ވެސް އަވަސް ގޮތެއްގައި އަޑުއެހުންތައް ބާއްވައި، ހެކިބަސް ނަގައި ނިންމުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ހެކިން ހުށަހަޅާފައިވާ ކަން ފާހަގަކޮށް، އާލިފާއި ނޫރައްދީންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު އެދުނީ ދައުލަތުގެ ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގަން ދައުލަތުން އެދޭ އެދުން އިތުރަށް މުރާޖާކޮށް ދިނުމަށެވެ. އޭނާ ވިދާޅުވީ ބައެއް ހެކިންގެ ފަރާތުން މައްސަލައާ ގުޅުންހުރި އެއްވެސް ކަމެއް ސާފުނުވާއިރު ވެސް، އެ ފަރާތްތަކުގެ ހެކިބަސް ނަގަން ދައުލަތުން އެދޭ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އެކަމަކު ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ. ދައުލަތުން ބުނިގޮތުގައި އަދިވެސް ބޭނުންވަނީ އެންމެ ފުރަތަމަ ވެސް އެދިފައި އޮތް ގޮތަށް، ދައުލަތުން ހުށަހެޅި 26 ހެކިންގެ ހެކިބަސް ނަގާށެވެ.
މިއަދު އެ މައްސަލާގައި ހާޒިރު ކުރެވުނީ އެންމެ ދެ ހެއްކެކެވެ. އިތުރު ސިއްރު ހެއްކެއްގެ ހެކިބަސް މާދަމާ ނަގާއިރު ފާޅުގައި ހެކިބަސް ދޭ ފަރާތްތަކުގެ ތެރެއިން ހާޒިރު ކުރެވެން ތިބި ފަރާތްތައް މާދަމާ ހާޒިރު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އާރިފް ވިދާޅުވި އެވެ.