25 ފެބުރުއަރީ 2018 - 15:44

ބެއިޖިން (ފެބްރުއަރީ 25) - ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ގިނަ ދުވަހު ވެރިކަމުގައި ހުރެވޭ ގޮތަށް ގާނޫނު އަސާސީގައި މިހާރު އޮންނަ ވެރިކަމުގެ ފަސް އަހަރުގެ ދެ ދައުރުގެ ލިމިޓުގެ މާއްދާ އުވާލަން ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ހުށަހަޅައިފި އެވެ.
ރައީސް ޝީ ޖިންޕިންގެ ރިޔާސީ ދައުރު 2023 ގައި ނިމޭނެ އެވެ. ނަމަވެސް ވެރިކަމުގެ ދެ ދައުރަށް ފަހު އިތުރަށް ރައީސްކަމުގައި ހުންނެވުމަށް ޝީ ޖިންޕިން މަސައްކަތް ކުރައްވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. މިދިޔަ އަހަރު ބޭއްވި ޕާޓީގެ ކޮންގްރެސްގައި ވަނީ މައޯ ޒެޑޮން އަށް ފަހު ޗައިނާގެ އެންމެ ބާރުގަދަ ލީޑަރަށް ޝީ ޖިންޕިންވެފަ އެވެ.
ކޮމިއުނިސްޓް ޕާޓީން ބުނީ އެ ޕާޓީގެ ސެންޓްރަލް ކޮމިޓީން ވަނީ ރައީސް އާއި ނައިބް ރައީސް އަށް ޖެހިޖެހިގެން ދެ ދައުރަށް ވުރެ ދިގު މުއްދަތެއްގައި ވެރިކަން ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާ މާއްދާ ނެގުމަށް ހުށަހަޅާފައި ކަމަށެވެ.
ރަސްމީ ނޫސް އެޖެންސީ ޒިންހުއާ މެދުވެރިކޮށް އެކަން އިއުލާންކުރި އިރު ޕާޓީގެ ސެންޓްރަލް ކޮމިޓީ މާދަމާ ބައްދަލު ކުރަން ވަނީ ހަމަޖެހިފަ އެވެ. ޕާޓީގެ ހުށަހެޅުން ފޮނުވާނީ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް އަށެވެ.
އުމުރުފުޅުން 64 އަހަރުގެ ޝީ ޖިންޕިން ޗައިނާގެ ރައީސް ކަމަށް ވަޑައިގެންނެވީ މާޗް، 2013 ގަ އެވެ. މިހާރު އޮންނަ ސިސްޓަމުގެ ދަށުން 2023 ވަނަ އަހަރަށް ފަހު ޝީ ޖިންޕިން މަގާމުން ދުރުވެވަޑައިގަންނަވަން ޖެހޭނެ އެވެ.
ވެރިކަމުގެ ދައުރު އެކަކަށް 10 އަހަރަށް ލިމިޓް ކުރުމުގެ އުސޫލު ތައާރަފް ކުރީ 1990 ގެ އަހަރުތަކުގަ އެވެ. ޝީ ޖިންޕިންގެ ކުރިން ވެރިކަން ކުރެއްވި ދެ ބޭފުޅުން ވެސް ވަނީ އެ އުސޫލަށް ތަބާވެވަޑައިގެންފަ އެވެ.