ނުކުންނަނީ ސީދާ ތަށްޓަށް، އެކަން ހާސިލްވާނެ: އިންމަ
ނުކުންނަނީ ސީދާ ތަށްޓަށް، އެކަން ހާސިލްވާނެ: އިންމަ

މާޒިޔާގެ އަމާޒަކީ އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރުން ކަމަށާއި އެ ޓީމުގެ ކުޅުންތެރިން ޕްރެކްޓިހުގައި ދައްކާ ކުޅުމަށް ބަލާއިރު އެކަން ހާސިލްވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

މިދިޔަ ސީޒަނުގެ މާލޭ ލީގު މާޒިޔާ އިން ކާމިޔާބުކުރި ނަމަވެސް އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕުގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވުނެވެ. މިދިޔަ ސީޒަނުގެ ފަހުކޮޅު ޓީމާ ހަވާލުވި އިންމައާ އެކު މާޒިޔާ އިން އާ ސީޒަނާ ކުރިމަތިލާއިރު ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ މާލޭ ލީގުގައި ކްލަބް ގްރީންސްޓްރީޓްސްއާ އެވެ.

"ހިތްހަމަޖެހޭ ގޮތަށް ޕްރީ ސީޒަން ނިމިގެން ދިޔައީ. އަޅުގަނޑުމެން މާލޭ ލީގަށް ނުކުންނަނީ ލީގު ކާމިޔާބުކުރަން. މި ޓާގެޓަށް ވާސިލްވެވޭނެ ކަމުގެ އުއްމީދު އެބައޮތް. އަޅުގަނޑުމެންގެ މިހާރު ތިބި ޕްލެޔަރުން ޕްރެކްޓިސްތަކުގައި ޕާފޯމްކުރާ ގޮތާއި އެ މީހުންގެ ކުޅުމަށް އަންނަ ބަދަލުތަކާއި މިއެއްޗެހިން ވަރަށް ބޮޑު އުއްމީދާ އެކު މި ލީގާ މި ކުރިމަތިލަނީ،" އިންމަ ބުންޏެވެ.

އިންމަ ބުނީ މިދިޔަ އަހަރު ދިމާވި ފަދަ ކަމެއް އަބަދު ދިމާވެދާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި އެކަމަކު އެކަން އެހެން ވެފައި އޮތުމުން މި ފަހަރު އެކަމާ ސަމާލުވާނެ ކަމަށެވެ.

މާޒިޔާގެ އެޓޭކިން ފޯހުގައި މި ސީޒަނުގައި ހިމެނެނީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދެއްކި ކޮނޭލިއަސް ސްޓެވާޓާއި ނާއިޒް ހަސަން (ދާދު) އެވެ.

އިންމަ ބުނީ މިދިޔަ ސީޒަނުގައި ވަރަށް ރަނގަޅަށް ކުޅެފައި ތިބި ދެ ކުޅުންތެރިން ޓީމާ ގުޅުމާ އެކު އެ ޓީމު އިތުރަށް ވަރުގަދަވެއްޖެ ކަމަށާއި އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އެ ދެ ކުޅުންތެރިންގެ ފަރާތުން މި ދުވަސްތަކުގައި ފެނުނު ފެނުމަށް ބަލާއިރު ވަރަށް ރަނގަޅު ހިތްވަރެއް ލާފައި ޓީމް ޕްލެޔަރުންގެ ގޮތުގައި ފެންނަނީ. މި ފަހަރު އެ ދެ ކުޅުންތެރިންގެ ފަރާތުން ތަފާތު ފެންނާނެ ފޯވާޑް ލައިނުން،" އިންމަ ބުންޏެވެ.

މާޒިޔާ އާއި ނިއު ރޭޑިއަންޓަކީ މި ސީޒަނަށް އެންމެ ވަރުގަދައަށް ތައްޔާރުވި ދެ ޓީމެވެ. އެހެންކަމުން އެންމެ ޕްރެޝަރު ބޮޑުވާނީ އެ ދެ ޓީމަށް ކަމަށް މިރޭ މާޒިޔާއާ ދެކޮޅަށް ނުކުންނަ ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ވަނީ ބުނެފަ އެވެ. އިންމަ ބުނީ ކޮންމެ ޓީމަކަށް ވެސް މުބާރާތެއް ނިމުމާ ހަމަޔަށް ޕްރެޝަރު އޮންނާނެ ކަމަށެވެ.

"މާޒިޔާ ޓީމަށް ވެސް އެހެން ޓީމަކަށް ވެސް މުބާރާތާ ކުރިމަތިލާއިރު އަދި ހާއްސަކޮށް އެ ގަބޫލްކުރާ ފެންވަރުގެ ޓީމެއް އޮންނަންޏާ ޕްރެޝަރު ނިމޭނީ ލީގު ނިމުނީމާ. ކޯޗަކަށް ހުންނަ މީހަކަށް ވެސް ޕްރެޝަރު ކެނޑޭނީ ލީގު ނިމުނީމާ ނުވަތަ ހޯދަން ބޭނުންވާ ކާމިޔާބު ހޯދުނީމާ،" އިންމަ ބުންޏެވެ.