"އޮކްޓޯބަރު" ކުޅެން ވަރުން ނަގަނީ އަސްލު އަގުގެ ދެބައިކުޅަ އެއްބައި
"އޮކްޓޯބަރު" ކުޅެން ވަރުން ނަގަނީ އަސްލު އަގުގެ ދެބައިކުޅަ އެއްބައި

މިދިޔަ އަހަރު ވަރުން ދަވަން ކުޅުނު "ޖުޅްވާ 2" އާއި "ބަދްރީނާތު ކީ ދުލްހަނިޔާ"އަށް ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. މިހާރު އޭނާ އިންތިޒާރުކުރަނީ "އޮކްޓޯބަރު" ރިލީޒްވާނެ ދުވަހަކަށެވެ. މި ފިލްމު ވަރުން ކުޅެދެނީ އޭނާ އަސްލު ފިލްމު ކުޅެދޭ އަގުގެ ދެބައިކުޅަ އެއްބައި ވަރުގެ ފީއަކަށެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނާ ގޮތުން "އޮކްޓޯބަރު"ގެ ޑައިރެކްޓަރު ޝޫޖިތު ސިރްކާރް މި ފިލްމު ކުޅެދޭން ވަރުން ކިބައިން އެދުނުއިރު އެއީ ވަރަށް ކުޑަ ބަޖެޓަކުން އުފައްދާ ފިލްމެއް ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އޭރު ވަރުން އަށް ފިލްމުގެ ސްކްރިޕްޓް ކިޔައިދީފައި އޮތުމުން އޭނާ ކޮންމެ ގޮތެއް ހަދާފައި ވެސް ފިލްމު ކުޅެން ބޭނުންވީ އެވެ. އަދި އޭނާގެ އަސްލު އަގުގެ ދެބައިކުޅަ އެއްބަޔަށް ފިލްމު ކުޅެދޭން އެއްބަސްވީ އެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި "އޮކްޓޯބަރު" އަކީ 20 ކްރޯޑު (200 މިލިއަން ރުޕީސް)ގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ. އިންޑިއާގެ ދިއްލީ އާއި ހިމާޗަލް ޕްރަދޭޝްގެ ޝޫޓްކުރި މި ފިލްމުގެ ޝޫޓިން ވަނީ ނިންމަން ކަނޑައެޅިފައިވާ ތާރީޚަށް ވުރެ މާ ކުރިން އެންމެ 38 ދުވަސް ތެރޭ މުޅިން ނިންމާލާފަ އެވެ.

އަންނަ އެޕްރީލް 13 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ވަރުންއާ އެކު މި ފިލްމުގައި ހަރަކާތްތެރިވާ ބަތަލާ އަކީ މުޅިން އަލަށް ތައާރަފްވާ ބެނީޓާ ސިންދޫ އެވެ.

މިއީ ޑައިރެކްޓަރު ސިރްކާރް އާއެކު ވަރުން މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. އެންޑީޓީީވީ އަށް ދިން އިންޓަވިއު އެއްގައި ޑައިރެކްޓަރު ވަނީ ވަރުންގެ ވިސްނުން ތޫނުކަމާއި ގާބިލްކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.