26 ފެބުރުއަރީ 2018 - 06:27

ރިޕޯޓްތައް ބުނާ ގޮތުން ދުނިޔޭގެ ގާތްގަނޑަކަށް 33 ޕަސެންޓް މީހުން ބޮޑެތިވަނީ ޑިޖިޓަލް ދުނިޔެއެއްގަ އެވެ. މި މީހުންނަށް ގަބޫލުކުރެވޭ ގޮތުގައި އެހެން ބަޔަކާ މުއާމަލާތް ކުރުމަށް ވުރެ ސްމާޓްފޯނަށް ގެއްލިފައި އިނުން މާ ބޭނުންތެރި އެވެ.
މި ލިސްޓުގެ އެންމެ ކުރީގައި އޮތީ އިންޑިއާ އެވެ. އިންޑިއާގެ އާބާދީގެ 47 ޕަސެންޓު އުޅެނީ މި މައްސަލައިގެ ތެރޭގަ އެވެ. އާއިލާގެ މީހުންނާއި އެންމެ ލޯބިވާ މީހުންނަށް ވުރެ މި މީހުންގެ އޯގާތެރިކަމާއި އަޅާލުން އަދި ވަގުތު ސްމާޓްފޯނަށް ދެއެވެ.
މުއާސަލާތީ ކުންފުންޏެއް ކަމަށްވާ މޮޓޮރޯލާ އާއި ހާވަޑް ޔުނިވަސިޓީގެ ތަޖުރިބާކާރެއް ގުޅިގެން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި މި ޖީލުގެ އަތުން ދިރިއުޅުމުގެ ކޮންޓްރޯލް ދަނީ ގެއްލެމުންނެވެ.
މި ދިރާސާއަށް ޖަވާބުދިން މީހުންގެ 53 ޕަސެންޓް ސިފަކުރި ގޮތުގައި ސްމާޓްފޯނަކީ އެމީހުންގެ އެންމެ ގާތް ބައިވެރިޔާ އަދި އެކުވެރިޔާ އެވެ. ފޯނާއެކު ދިރިއުޅެން ދަސްކުރުމަށް އެހީތެރިކަން ބޭނުންކަމަށް 64 ޕަސެންޓް މީހުން ބުނެފައިވެ އެވެ.
ފޯނާ ނުލައި ދިރިއުޅެން ދަތިވާނެކަމަށް ވެސް ދިރާސާއަށް ޖަވާބުދިން ގިނަ ބަޔަކު އެއްބަސްވެ އެވެ. ފަންސާސް ޕަސެންޓް މީހުން ބުނި ގޮތުގައި އިރުއިރުކޮޅުން ފޯނު ނުބަލައެއް އެމީހުންނަކަށް ނުތިބެވެ އެވެ. އަދި ނުބަލަން ހުއްޓަސް ފޯނަށް ބެލޭ ކަމަށް ދެބައިކުޅަ އެއްބައި މީހުން އެއްބަސްވި އެވެ.
ބޭނުންވާ މިންވަރަށް ވުރެ މާ ގިނަ ވަގުތު ފޯނުގައި ހޭދަކުރެވޭ ކަމަށް 35 ޕަސެންޓް މީހުން ބުނެފައިވެ އެވެ. އަދި މީގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. އެއީ 1990ގެ އަހަރު ތަކުގެ މެދެއްހާ ހިސާބުން ފެށިގެން 2000ގެ އަހަރު ތަކުގައި އުފަން ވެފައި ތިިބި މީހުންނެވެ.
މި ދިރާސާއަށް ސުވާލުކުރި އިންޑިއާ މީހުންގެ 51 ޕަސެންޓް ބުނެފައިވަނީ ފޯނުގައި ހޭދަކުރެވޭ ވަގުތު މަދު ކުރެވޭނަމަ ވަރަށް އުފާވާނެ ކަމަށެވެ. އަދި ފޯނު ގެއްލިއްޖެހެން ހީވާ ނަމަ ދެރަވެގެން ގޮސް ހަދާނެގޮތް ހުސްވާ ކަމަށް 65 ޕަސެންޓް މީހުން ބުންޏެވެ.