26 ފެބުރުއަރީ 2018 - 06:28

ފެހިކުލައިގެ ގަސްތަކާއި ވިނަގަނޑު އޮންނަ ހިސާބެއްގައި ނުވަތަ ފެހި މާހައުލެއްގައި ކުޑައިރު ގެންގުޅޭ ކުދިންގެ ސިކުނޑި ތަރައްގީވުން ރަނގަޅުކަމަށާއި އެކަމުގެ ފައިދާ ކުދިންގެ ސިކުނޑިތަކަށް ކުރާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ކުދިންގެ ގޭގެ ވަށައިގެންވާ މާހައުލުގައި ގަސްތައް ގިނަވުމުން އެ މާހައުލަށް ފެހިކަން ލިބިފައިވާ ނަމަ އެކަމުގެ ފައިދާ ކުދިންގެ ސިކުނޑި ތަރައްގީވުމަށް ކުރެ އެވެ.
ޕްރައިމަރީ ސްކޫލަށްދާ އުމުރުގެ ކުދިން ފެހި މާހައުލެއްގައި ގެންގުޅުމުން އެކުދިންގެ ސިކުނޑީގައި ވަކި ހިސާބުތަކުގައި ވައިޓް އެންޑް ގްރޭ މެޓާ ހުންނަ މިންވަރު އިތުރުވާ ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.
ފެހިކަން ގަދަ މާހައުލެއްގައި ކުދިން ގެންގުޅުމުން ކުދިންގެ ސިކުނޑީގެ ސްޓްރަކްޗާއަށް ބަދަލުތަކެއް އަންނަކަން ދެނެގަންނަން ހޯދި މިއީ ފުރަތަމަ ހޯދުން ކަމަށް ސްޕޭނުގެ ބާސެލޯނާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ހެލްތުން ވާހަކަދެއްކެވި ޕަޔަމް ދަދްވަންދް ވިދާޅުވި އެވެ.
"އަހަރެމެންގެ ހޯދުމުން ދެއްކި ގޮތުގައި ޅަފަތުގައި ފެހި މާހައުލެއްގައި ކުދިން ގެންގުޅުނު މިންވަރަކުން އެކުދިންގެ ސިކުނޑީގެ ސްޓްރަކްޗާއަށް ރަނގަޅު އަސަރުތަކެއް ކުރޭ،" ޕަަޔަމް ވިދާޅުވި އެވެ.
ޖާނަލް އެންވަޔަރަންމަންޓަލް ހެލްތު ޕާސްޕެކްޓިވްސްގައި ޝާއިއުކޮށްފައިވާ މި ހޯދުމަށް ސައިންސްވެރިން ވަނީ ސްކޫލަށް ދާ ކުދިންގެ 253 ކުއްޖަކު ބައިވެރިކޮށްފަ އެވެ. މި ކުދިންގެ އުމުރުގެ ބޮޑު ބައެއް ފެހިކަން ގަދަ މާހައުލެއްގައި އުޅެފައިވާކަން ޔަގީންކޮށްފައިވަނީ އެކުދިން އުފަންވީއްސުރެ ދިރިއުޅުނު ހުރިހާ ގެއެއް ހުންނަ ހިސާބުގަނޑު ސެޓެލައިޓް ފޮޓޯގެ އެހީގައި އިވެލުއޭޓް ކޮށްގެންނެވެ.
ސިކުނޑިއަށް އަންނަމުންދިޔަ ބަދަލުތައް ބަލާފައިވަނީ ހައި-ރިޒޮލިއުޝަން ތްރީޑީ މެގްނެޓިކް ރިސޮނަންސް އިމޭޖަސް (އެމްއާރްއައި)ގެ އެހީގަ އެވެ.
މި މައުލޫމާތުތައް އެނަލައިޒްކުރުމުން ނަތީޖާ ދެއްކި ގޮތުން ފެހިކަން ގަދަ މާހައުލުގައި ކުދިން ކުޑައިރު ގެންގުޅޭ މިންވަރަކުން އެ ކުދިންގެ ސިކުނޑީގެ ބައެއް ހިސާބުގައި ވައިޓް އެންޑް ގްރޭ މެޓާ ހުންނަ މިންވަރު އިތުރުވެ އެވެ. މިއީ ކުއްޖާގެ ވިސްނުން ތޫނުވުމަށް މަގުފަހިވާ ކަމެކެވެ. އަދި ކިޔަވައިދޭ އެއްޗިއްސަށް ސަމާލުކަން ދެވޭލެއް އިތުރުވުމާއި ހަނދާން ގަދަވުން ވެސް މީގެން ކުރާ ރަނގަޅު އަސަރުތަކުގެ ތެރޭގައި ހިމެނެ އެވެ.
މީގެ އިތުރުން ގަސްތަކާއި ވިހަތައް ގިނައިން ހުންނަ ހިސާބުތަކުގައި ވައި ތަޣައްޔަރުވެފައި ހުންނަލެއް ކުޑަވެފައި އަޑުތައް ވެސް މަޑެވެ. މިއީ ވެސް ސިކުނޑި ފުރިހަމައަށް ތަރައްގީވުމަށް އިތުރު ބާރެއް ލިބޭ ކަންތައް ތަކެވެ.