16 ޖުލައި 2016 - 15:21

ރައްޔިތުންގެ ފަރާތުން ރައީސް އަބްދުﷲ ޔާމީން ބޭފުޅުވަނީ އެންމެ ކަމެއް ކަމަށާއި އެއީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ރައްޔިތުން ތިބުން ކަމަށް ނައިބް ރައީސް އަބްދުﷲ ޖިހާދު ރޭ ވިދާޅުވެއްޖެ އެވެ.

މަގާމާ ހަވާލުވެވަޑައިގަތް ފަހުން އަތޮޅުތެރެ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ފޭދޫގައި އޮތް ޖަލްސާއެއްގައި ނައިބް ރައީސް ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާ ތަރައްގީ ރާއްޖެ އަށް ގެންނަވަން ކަމަށެވެ.
އެހެންވެ އެކަމަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ އެއްވެސް ރައީސަކު ނުކުރައްވާ ވަރަށް މަޝްރޫއުތައް މި ވޭތުވެ ދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ރައީސުލްޖުމްހުރިއްޔާ [ޔާމީން] ވަނީ ފައްޓަވާފައި،" ކުރީގެ ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
"އޭގެ މާނައަކީ ރައީސުލްޖުމްހުރިއްޔާއަކީ ރާއްޖޭގެ ރައްޔިތުންގެ އެދުންތައް ފުއްދާ، ރައްޔިތުން ބޭނުންވާ ކަންތައްތައް ފުރިހަމަކޮށް ދެއްވާ، ރައްޔިތުން ދެކެ ލޯބިވާ ރައީސެކޭ."
ނައިބް ރައީސް ވިދާޅުވީ ރައީސް ޔާމީނަކީ ދުރު ވިސްނިވަޑައިގަންނަވާ، އަމަލުން ކަންކަން ކުރައްވާ ތަން ދައްކަވޭ ބޭފުޅެއް ކަމަށެވެ.
"އެމަނިކުފާނަކީ ދައްކަވާ ވާހަކަ އާއި އަމަލާ ދިމާވާ ބޭފުޅެއް. އެމަނިކުފާނަކީ ކަން ކުރައްވާ ބޭފުޅެއް. އެހެންވީމާ މި ވޭތުވެ ދިޔަ ދޭއް ބައި އަހަރަކީ އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ހިސްޓްރީގައި މިހާތަނަށް ހިންގުނު އެންމެ ގިނަ މަޝްރޫއުތައް ހިންގުނު ރިޔާސީ ދައުރޭ،" އައްޑު އާއި ފުވައްމުލަކުގެ ބަހުގެ ހިދުމަތް އިފްތިތާހުކުރަން ބޭއްވި ޖަލްސާގައި ޖިހާދު ވިދާޅުވި އެވެ.
"މިކަން އަދި ކުރިއަށް އޮތް ތާނގައި ވެސް ކުރިއަށް ދާނެ."
އެހެންވެ އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ރައްޔިތުން ތިބެން ޖެހޭ ކަމަށެވެ.
"ރައީސުލްޖުމްހުރިއްޔާ އެއްވެސް އިރަކު ރައްޔިތުންގެ ފަރާތުން މާ ގިނަ ކަންތައްތަކެއް ބޭނުންފުޅެއް ނުވޭ. އެމަނިކުފާނު ބޭނުން ވަނީ ރައީސްގެ ފަހަތުގައި ރައްޔިތުން ތިއްބެވުން،" ޖިހާދު ވިދާޅުވި އެވެ.
"އެމަނިކުފާނު ކުރައްވާ ކަންތައްތަކަށް ތާއީދުކުރައްވައިގެން އެކަންތައްތަކާ އެކީގައި ރައްޔިތުން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުން. އެގޮތަށް ވެއްޖިއްޔާ ކުރިއަށް އޮތް ދެ އަހަރާ ބައިގައި ވެސް ފާއިތުވި ދެ އަހަރާ ބައިގައި ހިންގި މަޝްރޫއުތަކަށް ވުރެ މާ ގިނަ މަޝްރޫއުތައް ފެށިގެން ދާނެ."
ޖިހާދު ވިދާޅުވީ އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ނުދައްކައި ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ދޭން ޖެހޭ ކަމަށެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނަށް ފެނިވަޑައިގަތީ އައްޑޫ ރައްޔިތުން ސަރުކާރާ އެކު ތިބި މަންޒަރު ކަމަށް ވެސް ވިދާޅުވި އެވެ.