25 ފެބުރުއަރީ 2018 - 13:17

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ދެ މީހަކު މިހާރު ވެސް ތިބީ ސިފައިންގެ ބަންދުގައި ކަމަށް، "މިހާރު" އަށް އެނގިއްޖެ އެވެ.

އެކަމަކު އެ މީހުން ތިބީ "ބަންދު"ގައި ކަމެއް ނުވަތަ "ހައްޔަރުކޮށްފައި" ކަމެއް އެމްއެންޑީއެފަކުން ނުބުނެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ބައެއް މީހުންނާ މެދު އިދާރީ ފިޔަވަޅު އަޅާފައިވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް އެފަދަ ފިޔަވަޅުތަކުގެ މައުލޫމާތު އާންމުންނާ ހިއްސާނުކުރާނެ ކަމަށް ވިދާޅުވި އެވެ.
ސިފައިންނާ ދޭތެރޭ އަޅާ އިދާރީ ފިޔަވަޅުތަކުގެ ސަބަބުން ސިފައިންގެއިން ބޭރަށް ނުދެވޭ ގޮތަށް ބަންދުކުރެ އެވެ. އަދި ފޯނު އަތުލުން ފަދަ ފިޔަވަޅުތައް ވެސް އަޅަ އެވެ.
ބަންދުގައި ތިބި ކަމަށް އަޑުއަރާފައިވާ ސިފައިންގެ ދެ ބޮޑީގާޑުންނަކީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކުރީގެ ބޮޑީގާޑު އަހުމަދު ޝާނީޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑް ސިމާދު އަހުމަދެވެ. ޝާނީޒު ވަނީ ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ބޮޑީގާޑުކަން ވެސް ކޮށްފަ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ފުލުހުންގެ ބައެއް މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެސްއޯގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ދެން ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީގައި މަސައްކަތް ކުރާ ފުލުހެކެވެ.
އެ ދެ ފުލުހުން ވެސް ހައްޔަރުކުރީ ފުލުހުންގެ ތެރޭގައި ބައިބައިވުން އުފައްދަން އުޅުމުގެ ތުހުމަތުގަ އެވެ.