ދެން ނިކުންނާނީ ޑްރައިވަރު ނެތް ޓެކްސީ
ދެން ނިކުންނާނީ ޑްރައިވަރު ނެތް ޓެކްސީ

ޑްރައިވަރު ނެތި ދަތުރުކުރާ ޓެކްސީތަކުގެ އަޖުމަ ނީސާން ކުންފުނިން ބެލުން ވަރަށް އަވަހަށް ފަށަން ހަމަޖައްސައިފިއެވެ. ކާރު އުފައްދާ ބިޔަ ކުންފުނިން މަސައްކަތްކުރަނީ 2020 ގައި ޓޯކިޔޯގައި އޮންނަ އޮލިމްޕިކް ކުޅިވަރު މުބާރާތަށް މީގެ ޓެކްސީ ދަތުރުތައް ކުރަން ފެށުމަށެވެ.

ޑްރައިވަރާ ނުލައި ޓެކްސީ ދުއްވުމުގެ އަޖުމަ ބެލުމަށް ފުރަތަމަ ދަތުރުތައް ހަމަޖެހިފައިވަނީ ޖަޕާންގެ ޔޮކޮހާމާގައި ހުންނަ ނީސާންގެ މައި މަރުކަޒާއި ޔޮކޮހާމާ ވޯލްޑް ޕޯޓަޒް ވިޔަފާރި މަރުކަޒާ ދެމެދު އޮންނަ މަގުތަކުންނެވެ. މިއީ 2.8 މޭލުގެ ރާސްތާއެކެވެ. މި ދަތުރުތަކުގައި އެހީވެދޭނީ "އީޒީ ރައިޑް" އެޕްއެވެ.

އޮލިމްޕިކް މުބާރާތަށް ޖަޕާނަށް އަންނަ ފަތުރުވެރިންނާއި ކުޅިބަލާ މީހުންނަށް އަމާޒުކޮށް ތަރައްގީކުރާ އެކި ޚިދުމަތްތައް އީޒީ ރައިޑް އެޕްގައި ހުންނާނެއެވެ. އޭގެ ތެރޭގައި ޖަޕާންގެ ވަކި ތަނެއްގެ ނަން ބުނުމަށް ފަހު އެ ތަނުގައި ކުރެވެން ހުރި ކަންކަން، ޓެކްސްޓް މެސެޖަކުން ނުވަތަ ވޮއިސް މެސެޖަކުން އެޕަށް އަންގައިގެން އޮޅުންފިލުވޭނެއެވެ.

އީޒީ ރައިޑާއެކު ޑްރައިވަރު ނުލައި ދުއްވާ ޓެކްސީއަކީ ކުރިމަގުގައި ޖަޕާންގެ އިތުރުވަމުން އަންނަ އިސްރަށްވެހީންނަށް ވެސް ބޭނުންކުރެވޭނެ ޚިދުމަތަކަށް ހެދުމަށް ނިސާން ކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ.