25 ފެބުރުއަރީ 2018 - 09:18

ލިވަޕޫލް (ފެބްރުއަރީ 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 4-1 އިން މޮޅުވެ ލީގުގެ ދެ ވަނަ އަށް ލިވަޕޫލް ޖެހިލިއިރު، އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ލީގުގެ އެހެން ޓީމުތަކަށް މެސެޖެއް ދީފި އެވެ.
"އަހަރެމެން ހުއްޓުވޭނީ ކޮށް ގޮތަކަށް ކުޅެގެންކަން އެންމެނަށް ވެސް އެނގޭ. އެކަމަކު އަހަރެމެންގެ ކުޅުން ހުއްޓުވާލަން މަސައްކަތް ކުރުމަކީ މެޗު ހަލާކުކޮށްލުން. އެހެން ޓީމުތަކުން ވެސް ބަސް ޕާކް ކޮށްގެން ޑިފެންސެއް ނޫން ކުރަންވީ. ފުޓްބޯޅަ ކުޅެންވީ،" ރޭގެ މެޗަށް ފަހު ބީޓީ ސްޕޯޓްސްގެ ސުވާލަކަށް ޖަވާބު ދެމުން ކްލޮޕް ބުންޏެވެ.
ރޭގެ މޮޅާ އެކު ލިވަޕޫލް ލީގުގެ ދެ ވަނަ އަށް އެރީ 28 މެޗުން 57 ޕޮއިންޓާ އެކު އެވެ. މިރޭ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ލިވަޕޫލަށް ދެ ވަނަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ޔުނައިޓެޑް މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ 27 މެޗުން 56 ޕޮއިންޓާ އެކު އެވެ. ޗެލްސީ ހަތަރު ވަނައިގައި އޮތީ 27 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގައި ލިވަޕޫލަށް ލީޑުނަގައިދިނީ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވިފައިވާ ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗާން އެވެ. ދެ ވަނަ ހާފް ފެށިގެން ހަ މިނިޓް ތެރޭ ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ މުހައްމަދު ސަލާހު އެވެ. މިއީ މި ސީޒަނުގައި ސަލާހު ލިވަޕޫލަށް ޖަހައިދިން 31 ވަނަ ގޯލެވެ. އެއާ އެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ވާތު ފައިން އެއް ސީޒަނެއްގައި 20 ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ ރޮބާޓޯ ފިރްމީނޯ އެވެ. އޭގެ އިރުކޮޅެއް ފަހުން ވެސްޓް ހޭމްގެ ހަމައެކަނި ލަނޑު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް މިކެއިލް އެންޓޯނިއޯ ޖެހިއިރު، ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ކާމިޔާބުކުރީ ސަޑިއޯ މާނޭ އެވެ.
މި މެޗުން ބަލިވުމުން ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮއިސް އަށް ލިވަޕޫލް ދަނޑުގައި މޮޅެއް ނުހޯދި އިތުރު އިންތިޒާރެއް ކުރަން ޖެހުނީ އެވެ. މޮއިސް ވަނީ ލިވަޕޫލް ދަނޑަށް އެވަޓަން، މެންޗެސްޓާ ޔުނައިޓެޑް، ސަންޑަލެންޑް ގޮވައިގެން ވެސް އައިސްފަ އެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ އަށް ލިވަޕޫލް ދަނޑުގައި މޮޅެއް ނުހޯދެ އެވެ.
ރޭގެ މެޗުގައި ޖެހި ގޯލުތަކާ އެކު ލިވަޕޫލް ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 103 ލަނޑު ހަމަކޮށްފަ އެވެ.