ފިލްމީ ތަރި ސްރީދޭވީ މަރުވެއްޖެ
ފިލްމީ ތަރި ސްރީދޭވީ މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދޭވީ ހާޓް އެޓޭކެއްގައި މިއަދު މަރުވެއްޖެ އެވެ.

ފިލްމީ ތަރި ސްރީދޭވީ މަރުވެއްޖެ
ފިލްމީ ތަރި ސްރީދޭވީ މަރުވެއްޖެ

އުމުރުން 54 އަހަރުގެ ސްރީދޭވީ މަރުވީ އާއިލީ ކައިވެންޏަކަށް ދުބާއީއަށް ގޮސް އުޅެނިކޮށެވެ. އޭނާ މަރުވި އިރު ކައިރީގައ ފިރިމީހާ، ޕްރޮޑިއުސަރު ބޮނީ ކަޕޫރާއި އަންހެން ދަރިފުޅު ހުޝީ ވެސް ހުއްޓެވެ.

އުމުރުން އެންމެ ހަތަރު އަހަރުން ފެށިގެން ސްރީދޭވީ އަންނަނީ ތަމަޅަ، ޓުލުގޫ، މަލަޔާލަމް އަދި ހިންދީ ފިލްމުތަކުގައި މަސައްކަތްކުރަމުންނެވެ. އޭނާއަކީ ބޮލީވުޑްގައި މަޝްހޫރު ފިރިހެން ތަރިއެއްގެ އެހީއާ ނުލާ ވެސް ބޮކްސް އޮފީހުގެ ކާމިޔާބު ކަށަވަރުކުރެވޭ މަދު އަންހެން ތަރިންގެ ތެރެއިން އެކެކެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާއިންގެ ލިސްޓުން އޭނާ ފުރަތަމަ ޖާގަ ހޯދީ 1978 ގަ އެވެ. އޭނާގެ ކެރިއަރުގެ 50 އަހަރުގެ ތެރޭގައި 150 ފިލްމުގައި މަސައްކަތްކުރި އެވެ. އެންމެ މަޝްހޫރުވި ފިލްމުތަކުގެ ތެރޭގައި މިސްޓަ އިންޑިއާ އާއި ޗާނދަނީ، ޗާލްބާޒު އަދި ސަދްނާ ހިމެނެ އެވެ.

ސްރީ ދޭވީ ވަނީ 1997 ގައި ނުކުން ޖުދާއީ އަށް ފަހު ފިލްމު ކުޅުމުން ބޮޑު ބްރޭކެއް ވެސް ނަގާފަ އެވެ. އެކަމަކު 2012 ގައި އަލުން ފިލްމީ ދާއިރާއަށް ވަދެ އިންގްލިޝް ވިންގްލިޝް ކުޅުނެވެ.

ސްރީދޭވީގެ ކުއްލި މަރާ އެކު އޭނާގެ ފޭނުންނަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. ސޯޝަލް މީޑިއާގައި އެކަމުގެ ހިތާމަ މިހާވެސް ދަނީ ފާޅުކުރަމުންނެވެ. ފޭސްބުކާއި ޓްވިޓާ ވަނީ އޭގެ މެސެޖްތަކުން ފުރިފަ އެވެ.