25 ފެބުރުއަރީ 2018 - 00:15

ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާ އަދާކުރަމުން ދަނިކޮށް މި ސަރުކާރުން ވަޒީފާއިން ވަކިކުރާ މީހުންނަށް އިދިކޮޅު ފަރާތްތަކުގެ ސަރުކާރެއްގައި ބަދަލުދޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިރޭ ބުނެފި އެވެ.
ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ވަޒީފާއިން ވަކިކުރަމުން ދާ ދަނޑިވަޅެއްގައި އިދިކޮޅު ފަރާތްތަކުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ ސަލާމަތާއި މިނިވަންކަން ދިފާއު ކުރުމުގައި ހަމައެކަނި ގާނޫނު އަސާސީއަށް ތަބާވުމަށް މުއައްސަސާތަކަށާއި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތަށް އަމަލުކޮށްގެން ލިބޭ ގެއްލުމުގެ ބަދަލެއް އިދިކޮޅު ފަރާތްތަކުގެ ސަރުކާރުގައި ދޭނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ގެންދަވަނިކޮށް މަގާމުން ދުރުކުރެވޭ ފަރާތްތަކަށް ލިބިވަޑައިގަންނަވާ ގެއްލުންތަކަށް ރިޔާއަތް ކުރެވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާ ސަރުކާރެއްގައި އެ ފަރާތްތަކަށް އަލުން މަގާމުތައް ކަށަވަރުކުރެވި އެ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދެވޭނެ ކަމުގެ ޔަގީންކަން އަރުވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު އެކަމާ ހިލާފު ނުވުމަށް ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފަ އެވެ.
ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮތް މި ގައުމުގައި، ހަމައެކަނި ވެރިކަން ކުރާ ބާރުން ހުރިހާ ކަމެއް ކޮންޓްރޯލް ކުރަމުން އަންނަ ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެފަދަ ހާލަތެއްގައި ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަޅާނުލައި ތިބުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
ދައުލަތުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވާ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދައްކާ ބިރަކަށް ބެލުމެއްނެތި ގާނޫނު ތަންފީޒު ކޮށްދިނުމަށް ވެސް ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.