ރޮހިންޖާ މީހުންގެ 55 އަވަށް ބިމާ ހަމަކޮށްލައިފި
ރޮހިންޖާ މީހުންގެ 55 އަވަށް ބިމާ ހަމަކޮށްލައިފި

ރަކީން ސްޓޭޓް (ފެބްރުއަރީ 24) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުން ދިރިއުޅުނު 55 އަވަށް މިއަންމާ ސަރުކާރުން ބިމާ ހަމަކޮށްލާފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން ބުނެފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތުން އިއްޔެ އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އިމާރާތްތަކާއި ގަސްތަކުން ފުރިފައިވާ އަވަށްތައް ޑިސެމްބަރު 2017 އާއި މި އަހަރުގެ ފެބްރުއަރީ މެދަކާ ދެމެދު ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. މިއަންމާގެ ސަލާމަތީ ފަރާތްތަކުގެ މި އަމަލު އެޗްއާރުޑަބްލިއު އިން ސިފަކޮށްފައި ވަނީ "ނަސްލެއް ނެތިކޮށްލުމުގެ" ދަރަޖައިގަ އެވެ. އަދި އެކަން ހުއްޓުވުމަށް ވަނީ އދ. އާއި މިއަންމާ އަށް އެހީވާ ގައުމުތަކަށް ގޮވާލައިފަ އެވެ.

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު މިއަންމާ ސިފައިން އަނިޔާވެރި އޮޕަރޭޝަނެއް ހިންގަން ފެށި ފަހުން މިހާތަނަށް ވަނީ 362 އަވަށް އެކުގައި ނުވަތަ އެ އަވަށްތަކުން ބައެއް ބިމާ ހަމަކޮށްލާފައިވާ ކަމަށް ވެސް އެޗްއާރުޑަބްލިއު އިން ބުނެފައިވެ އެވެ. އެޗްއާރުޑަބްލިއުގެ އޭޝިއާ ޑިރެކްޓަރު ބްރެޑް އެޑަމްސް ވިދާޅުވީ މިއަންމާ ސިފައިން ހިންގި ޖަރީމާތައް ފޮރުވުމަށް ގަސްދުގައި އަވަށްތައް ބިމާ ހަމަކޮށްލުމަކީ އިންސާފަށް ހުރަސް އެޅުން ކަމަށެވެ.

"ރޮހިންޖާ އަވަށްތައް ބިމާ ހަމަކުރަމުންދާ އިރު ރޮހިންޖާ މީހުން އެ މީހުންގެ އަވަށްތަކަށް އެނބުރި ދިއުމާ މެދު އިންތިހާއަށް ކަންބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

އޮގަސްޓް މަހު ފަހުކޮޅު ރަކީން ސްޓޭޓުގައި ހިންގަން ފެށި ޖަރީމާތަކާ ގުޅިގެން އަވަށްޓެރި ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ މުސްލިމުންގެ އަދަދު 650،000 އަށް އަރަ އެވެ. ބަންގްލަދޭޝް އާއި މިއަންމާ އިން މިހާރު ދަނީ އެ މީހުން އަނބުރާ ގެންދިއުމާ ގުޅޭ ގޮތުން އިންތިޒާމްތައް ހަމަޖައްސަމުންނެވެ.