16 ޖުލައި 2016 - 13:28

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރަށް 40.2 މިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު ފާސްކޮށްފި އެވެ.
މި އަހަރު ހިނގާނެ ކަމަށް 40.2 މިލިއަން ރުފިޔާ ލަފާކޮށްފައިވާއިރު ލިބޭނެ ކަމަށް ބަޖެޓުގައި ޖަހާފައިވަނީ 40.4 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ 213،602 ރުފިޔާގެ އަރަނި ބަޖެޓެކެވެ.
އެފްއޭއެމްގެ އާ އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ވުމަށް ފަހު ބަޖެޓް ފާސްކުރަން ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބަޖެޓް ފާސްކުރީ ބައިވެރިވި 17 މަންދޫބުންގެ އިއްތިފާގުންނެވެ.
މި ބަޖެޓާ އެކު މި އަހަރު ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ސަބްސިޑީގެ ގޮތުގައި އެއް މިލިއަން ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ދެ ވަނަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް އެއް ލައްކަ ރުފިޔާ ދޭނެ އެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމަށް އިނާމް ފައިސާގެ ގޮތުގައި 300،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހަރަދުތަކާ އެކު ޖުމްލަ 16 މިލިއަން ރުފިޔާ ވަނީ މުބާރާތްތަކަށް ހަރަދުކުރަން ބަޖެޓުގައި ހިމަނައިފަ އެވެ. އިދާރާ ހަރަދުތަކަށް 6.7 މިލިއަން ރުފިޔާ އަދި ޓެކްނިކަލް ޑިވެލޮޕްމަންޓަށް 6.07 މިލިއަން ރުފިޔާ ވަނީ އެލޮކޭޓްކޮށްފަ އެވެ. ގައުމީ ޓީމުގެ ހަރަދުތަކަށް 3.2 މިލިއަން ރުފިޔާ، ރެފްރީންނަށް 1.9 މިލިއަން ރުފިޔާ އަދި މެޑިކަލް އަށް 380،000ރ. ވަނީ ހިމަނައިފަ އެވެ. އަދި ވިމެންސް ފުޓްބޯޅަ އަށް 2.08 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހަމަޖެހިފަ އެވެ.
އެފްއޭއެމްގެ ބަޖެޓުން މި ފަހަރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މާކެޓިން އަށް ކަނޑައަޅާފައިވާ 3.5 މިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ދެ މިލިއަން ރުފިޔާ އަކީ ދިގު މުއްދަތުގެ ސްޓްރެޓެޖީ ހެދުމަށް ހަރަދުކުރާ އަދަދެކެވެ.
އެފްއޭއެމަށް މި އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ 40.4 މިލިއަން ރުފިޔާގެ ތެރެއިން ނުވަ މިލިއަން ރުފިިޔާ އަކީ ޑޮނޭޝަންގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އަދަދެކެވެ. އަދި 8.4 މިލިއަން ރުފިޔާ އަކީ ސްޕޮންސާޝިޕް ފައިސާ އެވެ. އޭއެފްސީން 6.1 މިލިއަން ރުފިޔާ، ފީފާ އިން 7.8 މިލިއަން ރުފިޔާ އަދި ސަރުކާރުން 6.4 މިލިއަން ރުފިޔާ ދޭނެ ކަމަށް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. ކުލީގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ލިބޭއިރު ޓިކެޓް ވިއްކައިގެން ލިބޭނެ ކަމަށް ޖަހާފައިވަނީ 364،200 ރުފިޔާ އެވެ.
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވަނީ އެ އެސޯސިއޭޝަނުގެ ދަރަނީގެ ތަފްސީލް ވެސް މިއަދު ދެއްވައިފަ އެވެ. އެގޮތުން 2012 ވަނަ އަހަރު 1.1 މިލިއަން ރުފިޔާގައި ދަރަނި ހުރިއިރު، 2013 ވަނަ އަހަރު އެ އަދަދު ވަނީ 3.3 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު 6.3 މިލިއަން ރުފިޔާ، 2015 ވަނަ އަހަރު ނިމުނުއިރު 18.8 މިލިއަން ރުފިޔާގައި ހުރިއިރު 2016 ވަނަ އަހަރުގެ މޭ މަހު 31 ގައި ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ނިމުނުއިރު ދަރަނި ހުރީ 17.1 މިލިއަން ރުފިޔާގަ އެވެ.
މިދިޔަ އަހަރުގެ މާލީ ރިޕޯޓް އިއްވަމުން ތޯރިގް ވިދާޅުވީ މިދިޔަ އަހަރު 49 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލައި 47 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ކަަމަށާއި އެކަމަކު ލިބުނީ 42.2 މިލިއަން ރުފިޔާ ކަމަށެވެ. އަދި 57.9 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތަފާތު އެވަރަށް ބޮޑުވެގެން ދިޔައީ ބަޖެޓުގައި ނެތް މުބާރާތެއް ކަމަށްވާ މިނިވަން 50 ޗެމްޕިއަންޝިޕް ބާއްވަން ހަރަދުކުރަން ޖެހި އަދި ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުން ގައުމީ ފުޓްބޯޅަ މުބާރާތް ރާއްޖޭގެ ދެ ސަރަހެއްގައި ބާއްވަން ޖެހުމުން ހިނގި ހަރަދުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ކޮންގްރެސްގައި ވަނީ ދެ ވަނަ ޑިވިޝަނުގެ ދެ ކްލަބް ކަމަށްވާ މަހިބަދޫ ސްޕޯޓްސް ކްލަބާއި ގްރީންސްޓްރީޓަށް އެފްއޭއެމްގެ ފުލް މެމްބަޝިޕް ދީފަ އެވެ. އެފްއޭއެމްގެ ކުރީގެ އަސާސީ ގަވާއިދުގެ ދަށުން ވެސް އެ ދެ ކްލަބަށް ފުރިހަމަ މެމްބަރުކަމުގެ ޝަތުރު ހަމަވާއިރު އާ އަސާސީ ގަވާއިދުގެ ދަށުން ފުރިހަމަކުރަން ޖެހޭ ކަންކަން ވެސް އެ ދެ ކްލަބުން ވަނީ ފުރިހަމަކޮށްފަ އެވެ.