24 ފެބުރުއަރީ 2018 - 15:59

ވޮޝިންޓަން (ފެބްރުއަރީ 24) - އިޒްރޭލުގެ މިނިވަންކަން އިއުލާންކުރިތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އަންނަ މެއި މަހުގެ ތެރޭގައި ގުދުސްގައި އެމެރިކާ އެމްބަސީ ހުޅުވާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.
އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަކީ "ތާރީޚީ ފިޔަވަޅެއް" ކަމަށް ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ ބެހޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުން އިއުލާންކުރި ތާރީޚާއި ނައިބް ރައީސް މައިކް ޕެންސް ދެއްވި ތާރީޚު ދިމަލެއް ނުވެ އެވެ. މިދިޔަ މަހު ފަހުކޮޅު ޕެންސް ވިދާޅުވެފައި ވަނީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށެވެ.
ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަންނަކަން އިއުލާންކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެ ނިންމެވުމާ ގުޅިގެން ފަލަސްތީނުގައި ވަރަށް ބޮޑަށް ހަމަނުޖެހުންތައް އިތުރުވެގެން ދިޔަ އެވެ. ޓްރަމްޕުގެ ކެމްޕޭން ތެރޭގައި ވަނީ ތެލް އަވީވުގައި މިހާރު ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ފަލަސްތީނު މީހުން މެއި މަހުގެ 15 ވަނަ ދުވަސް ފާހަގަ ކުރަނީ ނަކްބާ ޑޭޭ ނުވަތަ ހަލާކުގެ ދުވަހުގެ ގޮތުގަ އެވެ. އިޒްރޭލުގެ މިނިވަންކަން އިއުލާންކޮށްފައި ވަނީ މެއި 14، 1948 ގަ އެވެ.
ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވީ އެމެރިކާ އެމްބަސީ ބަދަލުކުރާނެކަން އިއުލާން ކުރުމަކީ އަރަބިންނަށް ކުރި ބޮޑު ޖެއްސުމެއް ކަމަށާއި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކުރާ ކަމެއް ކަމަށެވެ.
ޕަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ސެކްރެޓަރީ ޖެނެރަލް ސާއިބް އުރައިގާތު ވިދާޅުވީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ ދެ ދައުލަތް އުފައްދައިގެން ފަލަސްތީނު މައްސަލަ އަށް ހައްލު ހޯދަން ކުރާ އުއްމީދުތައް ފުނޑުފުނޑުވުން ކަމަށެވެ.
އިޒްރޭލުގެ އިންޓަލިޖެންސް މިނިސްޓަރު އިޒްރޭލް ކާޒް ވިދާޅުވީ މިއަށް ވުރެ ބޮޑު ހަދިޔާއެއް އެމެރިކާގެ ފަރާތުން އިޒްރޭލަށް ނުލިބޭނެ ކަމަށެވެ.