އާއިލާ މަރާލަން ހަވާލުކުރެވުނީ ފުލުހުންނާ
އާއިލާ މަރާލަން ހަވާލުކުރެވުނީ ފުލުހުންނާ

ރަޝިއާގެ ސޯކީގައި، އުމުރުން 22 އަހަރުގެ ފިރިހެނަކު އޭނާގެ މުއްސަނދި މައިންބަފައިންނާއި 10 އަހަރުގެ ކޮއްކޮ މަރާލަން ރާވަނިކޮށް ސިއްރު ފުލުހުން ހުރިހާ ކަމެއް ބޭޒާރުކޮށްލައިފި އެވެ.

ވިޔާނުދާކޮށް އުޅޭތީ މައިންބަފައިން ރުޅި އަންނާތީ އާއި ބުނާ ވަރަކަށް ފައިސާ ނުދޭތީ މި މީހާ ގަސްދުކުރީ ހުރިހާ މުއްސަނދިކަމެއް ފޭރިގަންނާށެވެ.

އާއިލާގެ އެންމެން މަރާލަން ރާވައި، ގޭގެ ކުރެހުންތަކާއި ކެމެރާތައް ހުންނަ ތަންތަން ފާހަގަކޮށް މި މީހާއަށް ހަވާލުކުރެވުނީ ސިއްރު ފުލުހަކާ އެވެ.

ފުލުހުން މި ހުރިހާ މައުލޫމާތެއް އާއިލާއާ ހިއްސާކޮށް، މިކަން އިތުރަށް ޔަގީންކޮށްދޭން އާއިލާގެ މީހުން ލައްވާ މަންޒަރު ކުޅުވީ އެވެ. ފުލުހުން ރޭވި ގޮތަށް، ސިއްރު ފުލުހުންގެ މީހާ އެ ގެއަށް ވަދެ އެ އާއިލާގެ އެންމެން މަރާލާ ކަމަށް ހެދި އެވެ. އަދި އެއްބަސް ވެފައިވާ ގޮތަށް އެ ގޭގެ ބޭރުގައި ކާރެއްގައި އިން ފިރިހެންމީހާ އަށް ފޭކް ފޮޓޯތައް ދެއްކި އެވެ. ފޮޓޯތައް ފެނުމާއެކު ފިރިހެންމީހާ ވަރަށް އުފާވެފައި، ވައުދުވެފައިވާ ގޮތަށް 38،000 ޕައުންޑް ވަގުތުން ދިނެވެ.

ފިރިހެންމީހާ ހީކުރީ ހަގީގަތުގައި ވެސް އަނެއް މީހާ އައީ އޭނާގެ މައިންބަފައިން މަރާލާފައި ކަމަށެވެ. ފައިސާ ހަވާލު ކުރުމާ އެކު ފުލުހުން ގޮސް އެ ކާރު ވަށާލައި ފިރިހެންމީހާ ހައްޔަރު ކުރުމުން އޭނާ ވަގުތުން ކުށަށް އެއްބަސްވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެ ފިރިހެންމީހާ ވަނީ އޭނާގެ އާއިލާ މަރާލަން މަސައްކަތް ކޮށްފަ އެވެ. އެއްފަހަރު ވިހައެއް ދީގެންނެވެ. އަނެއް ފަހަރު ކާރުގައި ވިހަ އެއްޗެއް ބަހައްޓައިގެންނެވެ. ނަމަވެސް ދެ ފަހަރުވެސް ރޭވުން ވަނީ ނާކާމިޔާބުވެފަ އެވެ. މި މީހާގެ މައްޗަށް ކުށް ސާބިތުވެ މިހާރު ވަނީ 15 އަހަރަށް ޖަލަށް ލައިފަ އެވެ.