28 ފެބުރުއަރީ 2018 - 11:36

އެމެރިކާގެ ސިޔާސީ މީހުންގެ ތެރޭގައި ދިވެހި ސަރުކާރުގެ ތަސައްވުރު ރަނގަޅުކޮށް، ސަރުކާރަށް ފަހިވާ ގޮތަށް މައުލޫމާތުތައް ފަތުރަން އެމެރިކާގެ ޕަބްލިކް ރިލޭޝަންސް ކުންފުންޏެއް ކަމަށްވާ ބިލާޑް ޕާޓްނާސްއާ އެކު ދިވެހި ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމެއް އާއްމުވެއްޖެ އެވެ. އެ ކަން ކުރުމަށްޓަކައި ދިވެހި ދައުލަތުން އެ ކުންފުންޏަށް މަހަކު 50،000 ޑޮލަރު (771،000ރ.) ދައްކާ ގޮތަށް އެކުލަވައިލި މި އެއްބަސްވުމާ ގުޅޭ ގޮތުން ސަރުކާރުން ވަކި އެއްޗެކޭ އަދި ނުބުނެ އެވެ.
އެމެރިކާގައި އޮންނަ ގާނޫނެއް ކަމަށްވާ ފޮރިން އެޖެންޓްސް ރެޖިސްޓްރޭޝަން އެކްޓް (ފަރާ)ގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ އެއްބަސްވުމުގައި، ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީގެ) މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދެވެ. މި މަހުގެ 11 ގައި ސޮއިކޮށްފައިވާ އެއްބަސްވުން އެކުލަވާލާފައި ވަނީ އެމްއެމްޕީއާރުސީ އާއި ބިލާޑް ޕާޓްނާސްއާ ދެމެދުގަ އެވެ.
ރާއްޖޭގެ މޫނުމަތީ ރީތިކުރަން އެ ކުންފުންޏާ ހަވާލުކުރީ، ޔޫރަޕްގެ 38 ގައުމު ހިމެނޭ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިން ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ. އެ ގަރާރާ ގުޅޭ ގޮތުން މިދިޔަ ހޯމަ ދުވަހު ބަހުސްކޮށް، އިސްލާހު ކުރަން ދިވެހި ސަރުކާރަށް ހުށަހެޅި ކަންކަން ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
މީގެ ކުރިން 2016 ގައި ވެސް މި ސަރުކާރަށް ކުރިމަތިވި ޕްރެޝަރުތަކާ ހެދި، އެމެރިކާގެ ރުހުން ހޯދައި އެ ގައުމުގައި ރާއްޖޭން ބޭނުންވާ ކަންކަން ހާސިލް ކުރަން، މަހަކު 55،000 ޑޮލަރު (848،100 ރުފިޔާ) ދައްކާ ގޮތަށް އެމެރިކާގެ އެންމެ ބޮޑު އެއް ލޯ ފާމް އަދި ލޮބީ ގްރޫޕެއް ކަމަށްވާ ސްޓްރައުސް ހައުއާ އެންޑް ފެލްޑްއާ ހަވާލުކުރި އެވެ. އެ ފަހަރު، އެ ލޯ ފާމަށް ރާއްޖެ ތަމްސީލު ކުރުމުގެ މަސައްކަތް ހަވާލުކުރީ ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ގަރާރެއް ފާސްކުރަން އުޅޭ ކަމުގެ އަޑު ގަދަވި ދަނޑިވަޅެއްގަ އެވެ.
އޭގެ ކުރިން އިނގިރޭސި ވިލާތުގެ ލޯ ފާމެއް ކަމަށްވާ އޮމްނިއާ ސްޓްރެޓަޖީން ވެސް ލަފާ ހޯދި އެވެ. ކުރީގެ އިނގިރޭސި ބޮޑުވަޒީރު ޓޯނީ ބްލެއާގެ އަނބިކަނބަލުން ޝެރީ ބްލެއާ އިސްކޮށް ހުންނަވާ ފާމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގައި ސަރުކާރު ދިފާއު ކުރަން ކޮށްދިން މަސައްކަތަށް 420،000 ޕައުންޑް (8.،5 މިލިއަން ރުފިޔާ) ދިން ކަމަށް ވެ އެވެ. އެއީ ވެސް ހަ މަސްދުވަހަށް ހެދި އެއްބަސްވުމެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ބްރިއަން ބެލާޑްގެ ބެލާޑް ޕާޓްނާސްގެ އެހީތެރިކަން ހޯދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަހަރު ދުވަހަށް 600،000 ޑޮލަރު (9.2 މިލިއަން ރުފިޔާ) ހޭދަކުރާނެ ކަމަށް ބެލެވެ އެވެ. އެ ފާމުން ބިލް ކުރަން ހުށަހަޅާފައި ވަނީ ކޮންމެ މަހެއް ނިމުމުން އެ މަހެއްގެ ފައިސާ މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ގޮތަށެވެ. މީގެ އިތުރުން، ރާއްޖެއާ ގުޅުން ހުރި މަސައްކަތްތަކުގައި ކުރާ ދަތުރުތަކާއި އެ ނޫން ވެސް މުހިއްމު ހަރަދުތަކަށް ވެސް އެމްއެމްޕީއާރުސީން ފައިސާ ދައްކަން ޖެހެ އެވެ.
ބެލާޑް ޕާޓްނާސް އަކީ އެމެރިކާގެ ސިޔާސީ ލީޑަރުންނާ ގުޅުން ބޮޑު ފާމެކެވެ. އެ ގޮތުން ޓްރަމްޕްގެ ކެމްޕޭންގައި ބެލާޑް ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފަ އެވެ. އޭގެ ކުރިން އޭނާ ވަނީ ޖޯން މެކެއިން އާއި މިޓް ރަމްސީ ފަދަ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓުންނާ އެކު ވެސް މަސައްކަތް ކުރައްވައިފަ އެވެ.
އެތެރޭގެ މައްސަލަތަކާ ހެދި ބައިނަލްއަގުވާމީ ތަސައްވުރު ކިލަނބުވެފައިވާ އެހެން ބައެއް ގައުމުތަކުން ވެސް ބެލާޑް ޕާޓްނާސްގެ އެހީތެރިކަން އަންނަނީ ހޯދަމުންނެވެ. އޭގެ ތެރޭގައި ތުރުކީ ވެސް ހިމެނެ އެވެ. އެ ގޮތުން އެމެރިކާގައި ހުންނަ ތުރުކީ އެމްބަސީ އަށް ޕީއާރު ކަންކަމުގައި ލަފާ ދެނީ ބެލާޑް ޕާޓްނާސް އިންނެވެ.
ރައީސް ޔާމީނަށް މި ވަގުތު ވަނީ ބައިނަލްއަގުވާމީ ވަރަށް ބޮޑެތި ޕްރެޝަރުތައް ކުރިމަތިވެވަޑައިގެންފަ އެވެ. މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، މި މަހުގެ ފަސް ވަނަ ދުވަހު ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރުމާއި ސުޕްރީމް ކޯޓަށް ނުޒޫފު ފޯރުވަން ސަރުކާރުން ކުރާ ކަންކަމުގެ ސަބަބުން، ބޮޑެތި އެތައް ގައުމަކުން ރާއްޖެ އަށް ފާޑުކިޔަމުން ދެ އެވެ. އަދި އެ އަމުރު ތަންޒީފުކުރަން ވެސް އެ ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ.
މިހާރު ރާއްޖޭގައި ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓުވުމުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން އަތް ނުބޭނުމަށް ވެސް ބައިނަލްއަގުވާމީ ފަރާތްތަކުން ތަކުރާރުކޮށް އަންނަނީ އެދެމުންނެވެ.