25 ފެބުރުއަރީ 2018 - 06:27

މަޝްހޫރު ޓީވީ ސިލްސިލާ "ސަސުރާލް ސިމަރް ކާ"ގައި ގިނަ ދުވަސްތަކެއް ވަންދެން ލީޑް ރޯލު އަދާކުރި ދިޕިކާ ކައްކަރް އާއި ޝުއައިބު އިބްރާހީމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކައިވެނިކޮށްފަ އެވެ. މި މީހުން ކައިވެނިކުރީ މުސްލިމުން ކައިވެނި ކުރާ ގޮތަށެވެ. އެއާ އެކު ދިޕިކާ އިސްލާމްވީ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.
މި އަޑުތައް ގަދަވާ ގޮތްވީ މި ދެ މީހުންގެ ކައިވެނީގެ ދައުވަތު ކާޑުގައި ދިޕިކާގެ ނަމުގައި ބަދަލުގައި ފައިޒާ ޖަހާފައި ވާތީ އެވެ.
ނަމަވެސް ދިޕިކާގެ ގާތް މީހަކު އިންޑިއާ ޓުޑޭ އަށް ބުނި ގޮތުގައި ނަން ބަދަލުކުރިޔަސް ދިޕިކާ އަދި އިސްލާމެއް ނުވެ އެވެ. ޝުއައިބުގެ އާއިލާގެ މީހުުން ވަނީ ދިޕިކާ އިސްލާމް ދީނަށް ވަނުން ދިޕިކާ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
މީގެ ދުވަސްކޮޅެއް ކުރިން ދިޕިކާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ޝުއައިބުގެ މައިންބަފައިންނާއި އާއިލާގެ މީހުން ދެކެ އޭނާ ވަރަށް ލޯބިވެ އެވެ. އަދި ގިނަ އަންހެނުން ކައިވެންޏަށްފަހު ވަކިން ދިރިއުޅެން ބޭނުން ވިޔަސް އޭނާ ބޭނުމީ ފިރިމީހާގެ އާއިލާއާ އެކު އުޅެން ކަމަށް ބުންޏެވެ.
ދިޕިކާ މީގެ ކުރިން ވެސް މީހަކާ ކައިވެނިކޮށްފައިވެ އެވެ. އޭނާ ފިރިމީހާ ކައިރިން ވަރިވީ "ސަސުރާލް ސިމަރް ކާ"ގެ ސެޓުން ޝުއައިބުއާ ބައްދަލުވުމުން ކަމަށް ވެސް ކިޔައި އުޅެ އެވެ.
ދިޕިކާ އާއި ޝުއައިބު ވަނީ އެންމެ ފަހުން އޮތް ޑާންސް ރިއަލިޓީ ޝޯ "ނަޗް ބަލިޔޭ" ގައި ވެސް ބައިވެރިވެފަ އެވެ.