24 ފެބުރުއަރީ 2018 - 11:22

މެޑްރިޑް (ފެބްރުއަރީ 24) – އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް ފެނާންޑޯ ޓޮރޭސް ޗައިނީސް ސުޕަ ލީގުގެ ދާލިއާން ޔިފަންގް އަށް ބަދަލުވާން އުޅޭ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެތުލެޓިކޯއާ އެކު ޓޮރޭސް ހަދާފައިވާ ކޮންޓްރެކްޓް ޖޫން މަހު ހަމަވާއިރު، އޭނާ އަށް ޗައިނާ ކްލަބުން ރަނގަޅު އޮފާއެއްކޮށްފައިވާ ކަމަށްވެ އެވެ.
ޓޮރޭސް ވަނީ މި ސީޒަނުގައި 28 މެޗުން ފަސް ގޯލް ޖަހައިފަ އެވެ. އެކަމަކު އެންޓޮއިން ގްރިޒްމަން އާއި ކެވިން ގަމެއިރޯ އަދި ޑިއެގޯ ކޯސްޓާ ތިބުމާ އެކު އޭނާ އަށް އެންމެ އެކަށީގެންވާ ފުރުސަތެއް ނުލިބެ އެވެ.
އެތުލެޓިކޯ އިން ކެރިއަރު ފެށި ޓޮރޭސް ވިދާލީ ލިވަޕޫލުގަ އެވެ. އޭގެ ފަހުން ޗެލްސީގައި ވެސް އަހަރުތަކެއް ހޭދަކުރި އެވެ. އޭނާ އެނބުރި އެތުލެޓިކޯ އަށް ބަދަލުވީ އޭސީ މިލާނުގައި ދުވަސްކޮޅެއް ހޭދަކުރުމަށް ފަހު އެވެ.
އޭނާ ޗައިނާ ލީގުން ވަރަށް އަވަހަށް ފެންނާނެ ކަމަށް ލަފާކުރެވޭއިރު އެ ލީގުގައި ދުނިޔޭގެ ބައެއް މަޝްހޫރު ކުޅުންތެރިން މިހާރު ވެސް ކުޅެ އެވެ. ޗައިނާގެ ކްލަބްތަކުން ބޮޑު އަގުގައި ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ގަތުމުގެ ސިލްސިލާ އެއް ދާދި ފަހުން ކުރިއަށްދިޔަ އެވެ. އެކަމަކު މިހާރު އެކަމަށް ވަނީ ހުއްޓުމެއް އައިސްފަ އެވެ.