ސިގްނަލް
ސިގްނަލް

ފޯނު ހިފައިގެން ފޮޓޯނަގަން އަތިރިމަތީގައި ހުރި މާޔާ އިންތިޒާރުކުރީ އިރު އަރާނެ ވަގުތަކަށެވެ. ކުދިކުދި ރާޅުތައް، އަދަބުވެރިކަމާ އެކުގައި އައިސް މާޔާގެ ފައިތިލައިގައި ބޮސްދިނެވެ. އަހަރެން ބަލަން ހުރީމެވެ. ކުޑަދޮރުގެ ފޮތިގަނޑުގެ ނިވަލުގައެވެ. ކޮވެލި ގޮވާ އަޑާއި ރާޅުޖަހާ އަޑުގެ ތެރެއަށް ގުރާ ގޮވާ އަޑު ވެސް އެކުވަމުންދިޔައެވެ. ދުވާލުގެ ރަސްގެފާނަށް މަރުޙަބާ ކިޔުމަށްޓަކައި، އުދަރެހަށް ވެރިވަމުންދިޔަ ކުލަތައް ތައްޔާރުވަމުންދިޔައެވެ. އަހަރެން އަވަސްއަވަހަށް މޫނު ދޮވެލީމެވެ. ނިދަން އޮށޯތްއިރު ލައިގެން ހުރި ސޯޓުގެ މަތިން "މުންޑެއް" އަނދެލީމެވެ. ޙަޤީޤަތުގައި އެއީ މުންޑެއް ނޫނެވެ. ރިސޯޓުން ހަދިޔާއަކަށް ލިބުނު ފޭއްޔެކެވެ. އަހަރެން ކޮޓަރިން ނުކުތީމެވެ. މާލޭގައި އުޅޭއިރު، ކޮންމެ ދުވަހަކު ފަތިހު އަހަރެން ދުވަން ދަމެވެ. ރިސޯޓަށް އައުމާއެކު އެ ކަން މެދުކެނޑުނެވެ. އޮފީހުގެ ފަރާތުން އަހަރުމެން ރިސޯޓަށް އައީ ޖަލްސާއެއްގައި ބައިވެރިވުމަށެވެ. ދަތުރުގައި ހޭދަވީ ދެ ދުވަހެވެ. ބާކީ އޮތީ ވެސް ދެ ދުވަހެވެ. މަޑުމަޑުން ހިނގައިފައި އައިސް މާޔާގެ ފަހަތުގައި ހުއްޓިލީމެވެ.

"މޫދަށް އެރިލަން ވެއްޖެ!" އަހަރެން ބުނެލީމެވެ.

ސިއްސައިގެން ގޮސްފައި މާޔާ ބަލައިލިއެވެ. ފުރަތަމަ އަހަރެންގެ މޫނަށެވެ. ދެން އަހަރެންގެ ހަށިގަނޑަށެވެ. އަހަންނާ ދިމާއަށް ބަލައިފި ކޮންމެ މީހަކަށް، ކަސްރަތުކުރުމަށް އަހަރެންގެ ހުންނަ ޝައުޤުވެރިކަން ވަންހަނާއެއް ނުވާނެއެވެ. އެ ފުރުޞަތު ކުރިން މާޔާއަކަށް ނުދެމެވެ. މާޔާގެ ފޯނުން އަހަރެންގެ ފޮޓޯއެއް ނެގިއެވެ.

"ފައިޒާނަށް ފޮޓޯތައް ފެނުނީމަ ހުންނާނެ ފޯރި." ސަމާސާ ރާގަކަށް އަހަރެން ބުނީމެވެ. "ނަގައިދެންތަ ސަޅި ފޮޓޯއެއް؟"

އަހަރެންގެ ދެތިން ފޮޓޯއެއް ނެގުމަށް ފަހު މާޔާ ކެމެރާ ދިނެވެ. އަހަރެން ފޮޓޯނަގައިދިނީމެވެ. ދެ މީހުން އެކުގައި ވެސް ނެގީމެވެ. ދުވަހަކީ، ޖަލްސާގައި މާޔާ ވާހަކަދައްކާ ދުވަހެވެ. ދައްކާނެ ވާހަކަތަކާ ބެހޭގޮތުން އަހަރުމެން މަޝްވަރާ ކުރީމެވެ. ވާހަކައިގައި ހިނގަމުން ގޮސް ތުނޑިއަށް ނުކުމެވުނެވެ. އެ ތަނުގައި ފަތުވެރިންގެ ބަޔަކު ވެސް ތިއްބެވެ. އަހަރުމެން ފެނުމުން އަހަރުމެންނާ އެކުގައި ދެ މީހަކު ފޮޓޯނެގިއެވެ.

"ނައިސް ކަޕްލް!" އެކަކު އެހެން ވެސް ބުންޏެވެ.

ފައިޒާނާއި އަހަންނަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އޭގެ ސަބަބުން އަހަރުމެންގެ އަނބިންނަކީ ވެސް ގާތް އެކުވެރިންނެވެ. ފައިޒާންގެ އަންހެނުން އަހަރެންގެ އޮފީހުގައި އުޅޭއިރު، އަހަރެންގެ އަންހެނުން ރާނިޔާ އުޅެނީ ފައިޒާންގެ އޮފީހުގައެވެ. އެއީ، އިއްތިފާޤެއް ނޫނެވެ. އަހަރުމެން ބޭނުންވި ގޮތެވެ. އަހަރުމެންގެ އޮފީހުގެ ގޮތް އަހަރުމެންނަށް އެނގޭތީއެވެ. އެހެންނަމަވެސް، އެއް އޮފީހެއްގައި ދެމަފިރިން އުޅުމަކީ އަހަރުމެން ތާއީދުކުރާ ކަމެއް ނޫނެވެ. އަހަރެންގެ ދަރިއަކު ނެތެވެ. އަހަރެއްގެ ފަހުން ނޫނީ އެ ކަމާ ވިސްނުމެއް ވެސް ނެތެވެ. ފައިޒާން އާއި މާޔާގެ ދެ ކުދިން ތިބެއެވެ. އެހެންނަމަވެސް، މާޔާއަކީ ދެ ކުދިންގެ މަންމައެއް ހެނެއް ހިއެއް ނުވާނެއެވެ.

އެކުގައި ވަގުތު ހޭދަކުރަން ލިބުމަކީ، ކުރިން ނުދެއްކޭ ކަހަލަ ޒާތީ ވާހަކަ ދައްކަން މަގު ފަހިވާ ކަމެކެވެ. އަހަރުމެން އެންމެންނަކީ ވެސް އިންސާނުންނެވެ. ކޮންމެ މީހެއްގެ ވެސް އުނި ސިފަތައް ހުރެއެވެ. ގަޔާނުވާ ސިފަތަކާއި، ފޫހިވާ ސިފަތައް ހުރެއެވެ. މާޔާ ވަރަށް ގިނަ ވާހަކަދެއްކިއެވެ. ކައިވެނި ދަތުރުކުރަމުންދާ ކަނޑުގެ ހަލަބޮލިކަމާއި، މައްސަލަތަކުގެ ވާހަކަ ދެއްކިއެވެ. އާ ވާހަކައެއް ނޫނެވެ. ތަފާތަކީ، ބައެއް ވާހަކަތަކުގެ ތަފުސީލަށް ދިޔަކަމެވެ. މާޔާގެ ކައިވެންޏަށް ކުރިމަތިވެފައިވާ ކޮންމެ އޮޅިއަކުން ގިރާކުރަން އެންމެ ރަނގަޅު ގޮތް އަހަރެން ކިޔައިދިނީމެވެ. ތަޖުރިބާކާރަކަށް ވެގެނެއް ނޫނެވެ. މާޔާއަށް ވުރެ މާ ކުރިން ފައިޒާން ދަންނަ މީހަކަށް އަހަރެން ވީތީއެވެ. މާޔާ އާއި ފައިޒާނަކީ، ރައްޓެހިވެގެން އުޅުނުއިރު ވެސް އަހަރެންގެ ލަފާ ގަބޫލުކުރާ ދެ މީހުންނެވެ.

ރިސޯޓުގައި ހޭދަވި ހަތަރު ދުވަހަކީ، އަހަންނާއި މާޔާގެ އެކުވެރިކަމުގެ އާ ބާބެއް ލިޔެވުނު ހަތަރު ދުވަހެވެ. އެކުވެރިކަމަށް ވުރެ ފުނަކަށް އަހަރުމެން ނުދަމެވެ. މާލެ އައި ފަހުން އަހަރުމެން ހަތަރު މީހުން ބައްދަލުވާލެއް ގިނަވިއެވެ. އަހަރުމެން އެކަކުއަނެކަކަށް ކުރާ ކޯލުތައް ގިނަވިއެވެ. އަހަރެން ހުރީ ވަރަށް ހުސިޔާރުވެގެންނެވެ. އެކުވެރިންނަށްވުމުގެ ކުރިން އަހަރުމެންނަކީ އިންސާނުންނެވެ. އިންސާނުންނަކީ ޝައްކުބަލި ބޮޑު ބައެކެވެ.

ދަންވަރުގެ ވަގުތެވެ. އަހަރެންގެ ފޯނު އަހަރެން ހޭލައްވައިލިއިރު ގަޑިން ދޭން ޖަހަނީއެވެ. ފޯނު ނެގިއިރު ވެސް މާޔާގެ އަޑު އަހަންނަށް އިވެއެވެ. މާޔާ ރޮނީއެވެ. ފައިޒާން ކޮންމެވެސް އެއްޗެއް ކިއެވެ. އަޑު މަޑުކަމުން ކިޔާ އެއްޗެއް ސާފެއް ނުވެއެވެ.

"ނަސީމް! ޖައްސާލެވިދާނެތަ މި ކޮޅަށް؟" ފައިޒާން ބުނި އަޑު އިވުނެވެ. "ވަރަށް އިމަޖެންސީ."

އަހަރެންގެ އެންމެ ފުރަތަމަ ނިންމުމަކީ ނުދިއުމެވެ. ބައެއްގެ ދިރިއުޅުމުގެ އެހާ އެތެރެއަށް އަހަރެން ނުވަނުމެވެ. ދެވަނަ ވިސްނުމަކަށް ދިއުމުން ތެދުވާނެ ހިތްވަރު ލިބުނެވެ. ފައިޒާންގެ ގެއަށް ދިޔައިރު ފައިޒާން ހުރީ އަހަރެންގެ އިންތިޒާރުގައި މަގުމައްޗަށް ނުކުމެވެ. ވީ ގޮތް އެހުމުން ޖަވާބު ނުދީ އަހަރެން ގޮވައިގެން ފައިޒާން ވަނީ ކޮޓަރިއަށެވެ. މާޔާ އޮތީ ނިދާހެދުމުގައި ބަންޑުން އޮށޯވެގެން ރޯށެވެ. ފަންކާގައި ފަލަނގުފޭއްޔެއް އައްސައިފައި ހުއްޓެވެ.

"މީ ކޮން ބެޑުޝީޓެއް ފަންކާގަ އައްސާފަ މިއޮތީ؟" އަހަންނަށް ސުވާލު ކުރެވުނެވެ.

"ކީކޭ ދެން ބުނާނީ؟" ފަންކާގައި އައްސައިފައި އޮތް ފަލަނގުފޭލި މޮހާލަމުން ފައިޒާން ބުންޏެވެ. "މަ ލޯތްބެއް ނުވެޔޯ! އަމިއްލައަށް މަރުވާނީޔޯ! މީ ދެން މީހުން ކުރާ ކަހަލަ ކަންތައް؟"

އަހަންނަށް ބޯކަހައިލެވުނެވެ. ފުން ނޭވައެއް ބޭރުކޮށްލައިފައި އެނދުގައި އިށީނދެލީމެވެ.

"ތި ވަރުން ދެން ކިހިނެއް ދެ މީހުން އިނދެގެން އުޅޭނީ؟" އަހަރެން މަޑުމަޑުން ބުނީމެވެ.

"ނޫޅެވޭނެ،" ބަންޑުން އޮށޯވެގެން އޮތް މާޔާ ރުޅިއައިސްފައި ބުންޏެވެ. "ކަމެއް ކުރީމަ ކުރާ ތަން ތި ފެންނަނީ. އޮފީހުގަ ބިޒީއޭ ކިޔާފަ ސައިކަލު ފަހަތަށް ބިޓުން އަރުވައިގެން ދުއްވުން މި ފައިޒާންގެ ކަމަކީ. މަ ގޮވައިގެން ތާކަށް ދާންވެއްޖެއްޔާ ބިޒީ! މި ކަހަލަ ފިރިހެނަކާ އިނދެގެން ނޫޅެވޭނެ އެކަކަށް ވެސް."

"މާޔާ ކީއްވެގެންތަ މީހަކު ބުނާހާ އެއްޗެއް ގަބޫލުކުރަނީ؟" އާދޭހާ އެކުގައި ފައިޒާން އެހިއެވެ. "މަ އޮފީހުގައޭ އުޅުނީ."

އެކަކު ރުޅިއައިސްފައި ތުހުމަތުތައް އެޅުވިއެވެ. އަނެކަކު ހިތާމައާ އެކުގައި ވިސްނައިދިނެވެ. މައްސަލަ ޙައްލެއް ނުވިއެވެ. ރާނިޔާއަށް ހޭލެވިގެން އޭނަ ގުޅިއެވެ. ވެގެން އުޅޭ ގޮތް އަހަރެން ކިޔައިދިނީމެވެ. ނަސީބަކުން ރާނިޔާއަށް ވިސްނުނެވެ. އަހަރެން ވާހަކަދައްކަދައްކާ ހުއްޓައި ފައިޒާން ފޯނު އަތުލިއެވެ. އެހާ ދަންވަރު އަހަރެން ގެންނަންޖެހުނީތީ މާފަށް އެދުނެވެ. އެއީ ކޮންމެހެން މުހިންމު ކަމެއް ވެސް ނޫނެވެ. މައްސަލަ ޙައްލުވީ، އިރު އެރި ފަހުންނެވެ. ފައިޒާން ދެއްކި ވާހަކަތަކަށް ބީރުކަންފަތް ދިން ނަމަވެސް، އަހަރެން ދެއްކި ވާހަކަތައް މާޔާ އަޑުއެހިއެވެ.

"މާ ރަނގަޅުވީސް ނަސީމާ އިނދެވުނު ނަމަވެސް." މާޔާ ޖެހިލުމެއް ނެތި ބުންޏެވެ.

ފައިޒާން ދެކޭނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން އިތުރަށް އެ ވާހަކައެއް ނުދައްކަމެވެ. ކޮޓަރީގެ ހަތަރު ފާރުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވައިލުމަށް ފަހު ތެދުވީމެވެ.

"ފައިޒާން ހިނގާ ސައިދޭން،" އަހަރެން ބުނީމެވެ. "ހާންތިވެގެން މަރުވާ ވަރު ވެއްޖެ!"

އަހަންނާއި ފައިޒާން މިސްރާބުޖެހީ ހޮޓަލަކަށެވެ. ދެ ސައިކަލުގައި ދިއުމުގެ ބަދަލުގައި އަހަރެން އެރީ ފައިޒާންގެ ސައިކަލު ފަހަތަށެވެ. އެ ދަނޑިވަޅުގެ ފައިދާ އަހަރެން ނެގީމެވެ.

"ވަރަށް ތެދަށް ބުނެބަލަ!" އަހަރެން ޖެހުނީ އެ ސުވާލު ކުރާށެވެ. "މަށާ އިނދެވުނު ނަމަ މާ ރަނގަޅުވީހޭ މާޔާ ބުނީމަ ކީކޭ ހިތަށްއެރީ؟"

އެއްޗެއް ނުބުނެ އިރުކޮޅަކު ފައިޒާން އިނދެވެ. ދެ އެކުވެރިން ނަމަވެސް، އެއީ ދައްކަން އެހާ ފަސޭހަ ވާހަކައެއް ނޫނެވެ.

"މަންމަ ދެއްކި ވާހަކަތަކެއް ހަނދާންވީ،" ފައިޒާން ބުނި އަޑު އިވުނެވެ. "މަންމަ ކިޔާނެ، މިހާރު ނަސީމް ގެއަށް އައީމަ މާޔާ ކަންތައް ކުރާ ގޮތް ވަރަށް ތަފާތޭ. ތަނަކަށް ދާންއުޅޭ އިރަށް ވެސް މާޔާ ބުނާނެ ނަސީމް ގެންދަންވާނޭ. އެ ވާހަކަތައް ހަނދާންވީ. ވެދާނެ ދޯ މާޔާ ލައިކްވަނީ ކަމަށް."

"ނޭނގެ ދޯ!" އަހަންނަކަށް އެއްބަހެއް ނުވެވުނެވެ. "ފައިޒާންގެ ވައިފް ވީމަ ގައިމު ވެސް އަހަރެން ވަރަށް ރެސްޕެކްޓު ކުރަން މާޔާއަށް. ފަހަރެއްގަ އޭގެ ނުބައި މާނައެއް ނެގެނީކަންނޭނގެ. އެކަމަކު، މަ ދުވަހަކު ވެސް ރައްޓެއްސެއްގެ ގޭގެ ފުރާޅުން ޓިނު ނަގައިގެނެއް ނުވަންނާނަން. މަށަށް އެނގެނީ މަގޭ ގޮތް. ތިބެދާނެ ވަރަށް ގޮތް ކުޑަ، ހަރާންކޯރު ރައްޓެހިން ވެސް."

މުހިންމީ ކުރާ އިޝާރާތެއް ނޫނެވެ. އެކަމަކު، ދަނޑިވަޅެވެ. ރާނިޔާއާ އެކުގައި ފައިޒާން މެލޭޝިޔާއަށް ދިޔައީ ފަސް ދުވަހުގެ ކުރު ކޯހަކަށެވެ. އެއީ ދެ މަސް ދުވަސް ކުރިއެވެ. ފުރި ދުވަހު ރާނިޔާ އާއި އަހަރެން ކަމަކާ ދެބަސްވިކަން ފައިޒާނަށް އެނގޭނެއެވެ. މެލޭޝިޔާއަށް ގޮސް، އެ ދަނޑިވަޅުގެ ނާޖާއިޒު ފައިދާނަގަން ފައިޒާން މަސައްކަތް ކުރިއެވެ. ރާނިޔާއަށް ސިގުނަލްތަކެއް ދިނެވެ. ވަރަށް ފަނޑުކޮށް، ވަރަށް ދުރުދުރުންނެވެ. އަދި އޭގެ ފަހުން ވެސް އެ ކަމުގައި އޭނަ ދެމިހުއްޓެވެ. އެއީ، ފައިޒާންގެ ޙަޤީޤީ ކުލައެވެ. ކުރިން އަހަންނަށް އެ ކަން ނޭނގުނީއެވެ. އަހަރެންގެ ނަސީބަކީ، އެ ސިގުނަލް ރާނިޔާއަށް ނަގައިނުގަނެވުނުކަމެވެ. ގާތް އެކުވެރިންގެ ކެހިވެރިކަން ރާނިޔާއަށް ނުވިސްނެނީއެވެ. ފައިޒާންގެ ނިޔަތާ ދޭތެރޭގައި ރާނިޔާ ޝައްކު ނުކުރީއެވެ. ކުރި ނަމަ، އެ ދަތުރުގައި ފައިޒާން ދިން "ސިގުނަލްތަކުގެ" ވާހަކަ އަހަންނަކަށް ކިޔައެއް ނުދިނީހެވެ.

އަހަރެން ވެސް ކުޅުނީ ފައިޒާން ކުޅުނު ކުޅިގަނޑެވެ. މާޔާއަށް ނަގައިގަނެވުނީ އަހަރެން ގަސްތުގައި ފޮނުވި ސިގުނަލްތަކެކެވެ. ދުރުދުރުންނެވެ. އެހާމެ ފަނޑުކޮށެވެ. އަހަރެންގެ އަވައިގައި މާޔާ ޖެއްސީ ގަސްތުގައެވެ. ފައިޒާނަށް ސިގުނަލެއް ދިނުމުގެ ބޭނުމުގައެވެ. އަހަރެންގެ އެންމެ ދަރިއެއް ވެސް ނެތެވެ. ފައިޒާންގެ ދެ ދަރިން އެބަތިއްބެވެ. ފައި ކައްސައިލައިފިއްޔާ ބޮޑަށް އަނިޔާ ވާނީ ވެސް ފައިޒާނަށެވެ. ކަންތައްވީ އަހަރެން ހީކުރި ގޮތަށެވެ. ފައިޒާނަށް ވިސްނުނެވެ. އެކަމަކު، ކަމެއް އަހަންނަށް އެނގުނުކަމެއް ފައިޒާނަކަށް ނޭނގެއެވެ. ކަމެއް ރަނގަޅު ކުރާކަށް އަހަރެން ނުވެސް ބުނަމެވެ.

ނިމުނީ