ކައިވެނި ނުކުރާ ސަބަބާ ބެހޭ ގޮތުން ސަލްމާން އަނެއްކާވެސް އާ ވާހަކައެއް ދައްކައިފި
ކައިވެނި ނުކުރާ ސަބަބާ ބެހޭ ގޮތުން ސަލްމާން އަނެއްކާވެސް އާ ވާހަކައެއް ދައްކައިފި

ސަލްމާން ޚާނަކީ މިވަގުތު ބޮލީވުޑްގައި މަސައްކަތްކުރާ ބަތަލުންގެ ތެރެއިން ކައިވެނި ނުކޮށް ތިބި މަދު އެކްޓަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެހެންވެ ކައިވެންޏެއް ނުކުރާ ސަބަބާއި ކުރަނީ ކޮން އިރަކުންތޯ ވަރަށް ގިނަ މީހުން ސުވާލު ކުރެ އެވެ. މި ސުވާލުގެ ޖަވާބު އޭނާ ދެނީ އެކި ފަހަރު އެކި ގޮތަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން އޮތް އިވެންޓެއްގައި ވެސް ސަލްމާނާ މި ސުވާލު ކުރިމަތިވި އެވެ. އޭނާ މިފަހަރު ދިން ޖަވާބުން އެންމެން ތިބީ އަނގަހުޅުވިފަ އެވެ. ސަލްމާން ބުނީ އޭނާ ކައިވެނި ނުކުރަނީ އެކަމަށް ހިނގާ ޚަރަދު ބޮޑުވުމުން، އެވަރު ޚަރަދެއް ކުރެވެން ނެތީމުން ކަމަށެވެ.

"ކައިވެނި ކުރުމަކީ މިހާރު ދެން ވަރަށް ބޮޑު ކަމަކަށް ވަނީ ވެފައި. މީހަކާ އިންނަން މީހުން އެބަ ލައްކައިން ކްރޯޑުން ޚަރަދު ކުރޭ. އަހަންނަކަށް އެވަރުގެ ޚަރަދެއް ކުރެވޭކަށް ނެތް. އެހެންވެ އަހަރެން ކައިވެނި ނުކޮށް މިހިރީ،" ސަލްމާން ބުންޏެވެ.

މީގެ ކުރިން ބައެއް ފަހަރު އޭނާ ބުނެފައި ވަނީ ކޮންމެވެސް ދުވަހަކުން ކައިވެނިކުރާނެ ކަމަށާއި އެކަމަކު އެއީ ދަރިން ހޯދުމުގެ ބޭނުމަށް އެކަނި ކަމަށެވެ.

ސަލްމާން ބުނި ގޮތުގައި އޭނާގެ ބައްޕަ ކައިވެނި ކުރީ އެންމެ 180 ރުޕީސް އަށެވެ. އެހާ ކުޑަ ފައިސާކޮޅެއް ކައިވެންޏަށް ޚަރަދުކޮށްފައި ވެސް ފަސް ދަރިން ބޮޑުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެންވެ މިޒަމާނުގައި ކައިވެންޏަށް އެހާ ގިނަ ފައިސާ ޚަރަދު ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ބުންޏެވެ.

ސަލްމާން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޖެކްލީން ފެނާންޑިސް އާއި ބޮބީ ޑެއޯލް އާއެކު ކުޅޭ "ރޭސް 3"ގެ ޝޫޓިންގައެވެ. އޭނާ ކުޅުމަށް ހަމަޖެހިފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ބާރަތު"، "ކިކް 2" އަދި "ދަބަންގް 3" ހިމެނެ އެވެ.