އާލިއާގެ ދިރިއުޅުން ބަދަލުކޮށްލީ "ހައިވޭ"
އާލިއާގެ ދިރިއުޅުން ބަދަލުކޮށްލީ "ހައިވޭ"

އާލިއާ ބަޓްގެ "ހައިވޭ" ރިލީޒްކުރިތާ ހަތަރު އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި އާލިއާ ވަނީ ފިލްމާ ގުޅޭ ޚާއްސަ ޓުވީޓެއްކޮށްފަ އެވެ. އާލިއާގެ ޓުވީޓްގައި ބުނި ގޮތުގައި "ހައިވޭ" އަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ފިލްމެކެވެ. ފިލްމަށް ލިބުނު ބޮޑު ތަރުހީބަށް އަބަދުވެސް ޝުކުރުވެރިވާނެ ކަމަށް ވެސް އާލިއާ ބުނެފައިވެ އެވެ.

"ހައިވޭ" އަކީ ހަގީގަތުގައި ވެސް ވަރަށް ތަފާތު ގޮތެއް ހުރި ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ވާހަކަ އާއި ޑައިރެކްޝަން އަދި ލަވަތަކަށް ވެސް ބޮޑު ތަރުހީބު ލިބުނެވެ. މި ފިލްމު ވެފައިވަނީ ޑައިރެކްޓަރު އިމްތިޔާޒު އަލީ އުފެއްދި ފިލްމުތަކުގެ ތެރެއިން "ޖަބް ވީ މެޓް" ނުލައި ދެން އެންމެ ބޮޑު ތަރުހީބެއް ލިބުނު ފިލްމަށެވެ.

"ހައިވޭ"ގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ގިނަ ފިލްމުތަކުގައި ވާގޮތަށް މި ފިލްމުގެ ނިމުން އުފާވެރި ނުވީމަ އެވެ. މިކަމުގެ ސަބަބުން ފިލްމަށް އިތުރު ފުރިހަމަކަމެއް ލިބި ހަގީގަތާ މާ ބޮޑަށް އެއްގޮތް ކަމަށް ހީވެ އެވެ.

މި ފިލްމަކީ އާލިއާގެ ފިލްމީ ކެރިއަރުގެ ވަރަށް ކުރީކޮޅު ކުޅުނު ފިލްމެއް ނަމަވެސް އޭނާއަށް ރަނގަޅަށް ޕާފޯމް ނުކުރެވޭ ކަހަލަ ކެރެކްޓާތައް ހުންނަ ފިލްމުތައް އޭރު ވެސް އާލިއާ ގަބޫލެއް ނުކުރެ އެވެ. "ހައިވޭ"ގައި އާލިއާ އަށް އޭނާގެ ހުނަރު އެންމެ ފުރިހަމައަށް ދައްކާލާނެ ފުރުސަތު ލިބުނެވެ. އަދި މި ފިލްމާއި "އުޅްތާ ޕަންޖާބު"ގެ ސަބަބުން، މިހާރު ފިލްމު ކުޅޭ ހުރިހާ ބަތަލާއިންނަށް ވުރެ އާލިއާގެ މަގާމު މަތިވެގެން ދިޔަ އެވެ.

އާލިއާ މިހާތަނަށް ކުޅުނު އެއްވެސް ފިލްމެއްގައި، އޭނާ ކުޅެފައިވާ އެއްވެސް ރޯލަކަށް ބެލުންތެރިންގެ ތަރުހީބު ނުލިބިއެއް ނުދެ އެވެ.

މިހާރުވެސް އާލިއާގެ އަތުގައި ވަރަށް ރަނގަޅު ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "ރާޒީ" އާއި "ގަލީ ބޯއި" އަދި "ބްރަހްމަޝްތުރާ" ހިމެނެ އެވެ. މީގެ ތެރެއިން "ރާޒީ" ރިލީޒްކުރަން ހަަމަޖެހިފައިވަނީ މޭ 18 ގައެވެ. އަނެއް ދެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.