ކާމިޔާބީ ފާހަގަކުރަން "ސީކްރެޓް ސުޕަސްޓާ"ގެ ޓީމު ޗައިނާއަށް
ކާމިޔާބީ ފާހަގަކުރަން "ސީކްރެޓް ސުޕަސްޓާ"ގެ ޓީމު ޗައިނާއަށް

އާމިރު ޚާންގެ "ސީކްރެޓް ސުޕަސްޓާ" އިންޑިއާގައި ކާމިޔާބު ނަމަވެސް ޗައިނާގައި އެ ފިލްމު ހޯދަމުން އަންނަ ކާމިޔާބީއާ އަޅާބަލާއިރު އެއީ ކުޑަ މިންވަރެކެވެ. ޗައިނާއިން އެ ފިލްމަށް މިހާތަނަށް 900 ކްރޯޑު (ނުވަ ބިލިއަން ރުޕީސް) ލިބިފައިވެ އެވެ. މި ކާމިޔާބީގެ އުފަލުގައި އާމިރު ވަނީ ޗައިނާ އަށް ގޮސް ވަރަށް ކުލަގަަދަ ޕާޓީއެއް ބާއްވައިފަ އެވެ. މި ޕާޓީގައި އާމިރާ އެކު ފިލްމުގެ ބަތަލާ ޒާއިރާ ވަސީމާއި މުޅި ކާސްޓް ބައިވެރިވި އެވެ.

އާމިރުގެ ފިލްމުތައް ޗައިނާގައި އެހާ ރަނގަޅަށް ހިނގާ ސަބަބާ ބެހޭ ގޮތުން މި ޕާޓީގައި ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުނީ އޭނާގެ ފިލްމުތަކުގައި ހުންނަ ޖަޒުބާތީ ގޮތްތައް ޗައިނާ މީހުންނަށް ކަމުދަނީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"އަހަންނަށް ހީވާނީ ޗައިނާ މީހުންނަކީ ވެސް ވަރަށް ޖަޒުބާތީ ބައެއްހެން. އެހެންވީމާ އެމީހުންނަށް އަހަރެންގެ ފިލްމުތަކާ ގަޔާ ވެވެނީހެން ހީވަނީ،" އާމިރު ބުންޏެވެ.

އާމިރުގެ "ދަންގަލް" ވެސް ޗައިނާގައި ވަރަށް ކާމިޔާބެވެ.

މިހާރު އާމިރު މަސައްކަތް ކުރަމުން އަންނަނީ ޔާޝް ރާޖް ފިލްމްސްގެ "ތަގްސް އޮފް ހިންދުސްތާން"ގަ އެވެ. ޗައިނާއަށް އޭނާ ޒިޔާރަތް ކޮށްފައިވަނީ ފިލްމުގެ ޝޫޓިންގެ މެދުތެރެއިން ދުވަހެއް ޗުއްޓީ ކޮށްލުމަށް ފަހުގަ އެވެ.

އާމިރުގެ ކާމިޔާބީން ފިލާވަޅު ހޯދައިގެން ސަލްމާން ޚާނާއި ޝާހްރުކް ޚާން ފަދަ އެކްޓަރުން ވެސް މިހާރު އަންނަނީ އެމީހުންގެ ފިލްމުތައް ޗައިނާގައި ރިލީޒްކުރަން ތައްޔާރު ވަމުންނެވެ. އެގޮތުން ސަލްމާންގެ "ބަޖްރަންގީ ބައިޖާން" އަންނަ މަހު ތެރޭ ޗައިނާގައި އަޅުވަން ވަނީ ހަމަޖެހިފަ އެވެ.