"ބެޓްގާލް" އުފެއްދިދާނެތޯ ސުވާލު އުފެދިއްޖެ
"ބެޓްގާލް" އުފެއްދިދާނެތޯ ސުވާލު އުފެދިއްޖެ

ވާނާ ބްރަދާޒް އާއި ޑީޒީ ކޮމިކްސް ގުޅިގެން ގެނެސް ދޭން ރޭވި އުންމީދީ ފިލްމް "ބެޓްގާލް" ގެ ޑައިރެކްޓަރު އަދި ސްކްރީންރައިޓަރު ޖޮސް ވީޑެން ފިލްމް ކުއްލި ގޮތަކަށް ދޫކޮށްލުމާ އެކު، މި ފިލްމް ދެން އުފައްދާނެކަމާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ވާނާޒް އިން މިހާރު ބޭނުން ވަނީ ފިލްމެއްގެ ބަދަލުގައި ކޮމިކް ފޮތެއްގެ ގޮތުގައި "ބެޓްގާލް" ގެންނާށެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި އެ ސްޓޫޑިއޯ އިން ގޮތެއް ނިންމި ކަމެއް ކަށަވަރެއް ނުވެ އެވެ.

ޖޮސް ފިލްމް ދޫކޮށްލިކަން ބުރާސްފަތި ދުވަހު އިއުލާން ކުރުމާ އެކު، ގިނަ ބައެއްގެ ސަމާލަން އެންމެ ބޮޑަށް ހުއްޓުނީ "ހަންގާ" އާއި "ބޭޑް ފެމިނިސްޓް" ފަދަ ފޮތްތައް ލިޔެފައިވާ ރޮޒޭން ގޭ ކުރި ޓްވީޓަކަށެވެ.

އޭނާ ޑީސީ ކޮމިކްސް ޓެގްކޮށް ކުރި ޓްވީޓެއްގައި ބުނީ "އަހަރެން ބެޓްގާލް ލިޔެފާނަން" ކަމަށާއި "އޭގައި އެއްވެސް މައްސަލައެއް ނެތް" ކަމަށެވެ.

ރޮޒޭންގެ ޓްވިޓާ އެކު، ވާނާ ބްރާދާޒްގެ ރާޑަރަށް ވެސް ރޮޒޭން އެރި އެވެ. އެގޮތުން ސްޓޫޑިއޯގެ ނައިބު ރައީސާ މިޝެލް ވެލްސް ކުރި ޓްވީޓެއްގައި ބުނީ "ކަލޭ ހަމަ ރަނގަޅަށް ވެސް ސީރިއަސް ނަމަ، އަހަންނާ ގުޅާލަން އެދޭ" ކަމަށެވެ.

އެ ޓްވީޓަށް ޖަވާބު ދެމުން ރޮޒޭން ބުނީ "އަހަރެން ހަމަ ސީރިއަސް" ކަމަށާއި "މެއިލްކޮށްލާނަން" ކަމަށެވެ.

މި ޓްވީޓްތަކާ އެކު "ބެޓްގާލް" އަށް އަންހެން ލިޔުންތެރިއަކު އައުމަކީ މާ ރަނގަޅު ބަދަލަކަށް ވާނެ ކަމަށް ބައެއް މީހުން މިހާރު އަންނަނީ ބުނަމުންނެވެ.

"އެވެންޖާޒް" އާއި ޖަސްޓިސް ލީގް" ފަދަ ކޮމިކްތަކަށް ފިލްމްތައް ގެނެސް ދިން ޖޮސް "ބެޓްގާލް" ދޫކޮށްލީ، ފިލްމްގެ ވާހަކަ ބައްޓަން ކުރާނެ ގޮތަކާ ދޭތެރޭ ޑީސީ އާއި ވާނާ ބްރަދާޒްއާ އުފެދުނު ހިޔާލު ތަފާވުންތަކަކާ ހެދި އެވެ.

"އެއީ އަހަރެން ވަރަށް ހަދަން ބޭނުންވި ފިލްމެއް. އެކަމަކު ފިލްމް ދޫކޮށްލީ އެތައް މަހެއްވީ އިރު ވެސް މީގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ނޭނގުމުން،" އޭނާ ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކޮންމެއަކަސް މިހާރު މިއޮތީ "ބެޓްގާލް" ބޮޑު ސްކްރީނުން ފެނިދާނެކަމާ ދޭތެރޭ ބޮޑު ސުވާލެއް އުފެދިފަ އެވެ. ރޮޒޭންއާ "ބެޓްގާލް" ހަވާލުކޮށްފި ނަމަ، އެ ވެގެން ދާނީ އޭނާ މަސައްކަތް ކުރާ ފުރަތަމަ ކޮމިކަށެވެ. މީގެ ކުރިން ރޮޒޭން ވަނީ މާވެލްއާ އެކު "ބްލެކް ޕެންތާ" ގެ ކޮމިކްގެ މަސައްކަތްކޮށްފަ އެވެ. އެކަމަކު ވަކި ހިސާބަކުން އެކަން ޖެހުނީ ހުއްޓައިލާށެވެ.

ރޮޒޭން މިހާރު އަންނަނީ ރޭޕްގެ މައްސަލައަށް ބިނާކޮށް ލިޔެފައިވާ ފޮތް "ނޮޓް ދެޓް ބޭޑް" މެއި 1 ގައި ނެރެން ތައްޔާރުވަމުންނެވެ.