25 ފެބުރުއަރީ 2018 - 11:27

އެކްޓިން ކެރިއަރަށްޓަކައި އުމުރުން އެންމެ 14 އަހަރުގައި ކިޔެވުން ހުއްޓާލި ކަމަށާއި އެކަމާ އެއްގޮތަކަށް ވެސް ދެރަނުވާ ކަމަށް ހޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ ޖެނިފާ ލޮރެންސް ބުނެފި އެވެ.
ބަތަލާއިންގެ ތެރެއިން މިހާރު އެންމެ ބޮޑު އާމްދަނީއެއް ވެސް ލިބޭ އަދި އޮސްކާ ވެސް ހާސިލްކޮށްފައިވާ ބަތަލާ ސީބީއެސްގެ "60 މިނިޓްސް" ގައި ބުނީ އޭނާއަކީ ކިޔަވައިގެން އެއްވެސް ފާހެއް އޮތް މީހެއް ނޫން ކަމަށެވެ. އަދި އެކަމާ އެއްގޮތަކަށް ވެސް ދެރަނުވާ ކަމަށާއި ކިޔެވުން ދޫކޮށްލީ ހާސިލްކުރަން ބޭނުންވި ލަނޑުދަނޑިތަކެއް ހާސިލު ކުރަން ކަމަށް ބުންޏެވެ.
"އަހަރެން އެއްގޮތަކަށްވެސް ދެރައެއް ނުވޭ. ކިޔެވުން ހުއްޓާލީ އަހަރެން ކުރަން ބޭނުންވި ކަމެއް ހާސިލް ކުރުމަށްޓަކައި. އެހެންވީމާ އެކަމާ އަހަރެން ފަހުރުވެރިވޭ،" ހަންގާ ގޭމްސް އާއި އެކްސް-މެން ފަދަ ކާމިޔާބު ފިލްމްތައް ކުޅެފައިވާ ލޮރެންސް، 27، ބުންޏެވެ. "އަހަންނަށް ވިސްނުނު ގޮތުގައި އަހަރެން ދާން ބޭނުންވި މިސްރާބަށް ދަތުރު ކުރުމަށްޓަކައި ވަކި ކަމެއް ހުއްޓާލައި، ކުރިއަށް ދާން ހިތްވަރު ހޯދުމަކީ އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް. އަހަރެން ދާން ބޭނުންވި ދިމާލަށް ދާން ހުރަހެއް އޮތުމަކީ ގަބޫލު ކުރެވުނު ކަމެއް ނޫން."
އޭނާ ބުނި ގޮތުގައި އެހާ ޅަ އުމުރުގައި އެފަދަ ނިންމުމެއް ނިންމުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ.
"އެކަމަކު އަހަންނަކީ ކިޔަވަން އެހާ މޮޅު އަދި އެހާ ބޮޑު ޝައުގެއް އޮތް މީހެއް ވެސް ނޫން،" އަންނަ މަހު ރިލީޒް ކުރާ "ރެޑް ސްޕެރޯ" ގެ ބަތަލާ ބުންޏެވެ.
ސިލްވަ ލައިނިންސް ޕްލޭބުކް އިން 2012 ގައި އޮސްކާ ހޯދައި އަދި އިތުރު އެހެން ތިން ފިލްމަކުން ވެސް އޮސްކާ ނޮމިނޭޝަން ހޯދި ލޮރެންސް ބުނީ އެކްޓިންގެ ތެރެއަށް ވަންނަން ނިންމައި، ސްކްރިޕްޓްތައް ކިޔަން ފެށުމާ އެކު، އެކްޓިން އަށް އޮތް ލޯބި އިތުރަށް ބޮޑުވި ކަމަށެވެ.
"އަދި އަހަންނަށް ފިލްމީ ދާއިރާ އިން ކުރިއަށް ދާން ލިބުނު ފުރުސަތާއި އެ ދާއިރާގެ މީހުންނަށް އަހަންނަށް ކީ މަރުހަބާ އަށް ޓަކައި އަބަދު ވެސް ޝުކުރުވެރި ވާނަން،" އޭނާ ބުންޏެވެ.