24 ފެބުރުއަރީ 2018 - 09:07

ލިވަޕޫލް (ފެބްރުއަރީ 24) – ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ ހުވަފެން ދެކޭ ކަމަށާއި މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް ހާއްސަ ކަމެއް ހާސިލްކުރަން ބޭނުންވާ ކަމަށް ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް ބުނެފި އެވެ.
ޕްރިމިއާ ލީގުގައި މިރޭ 8 ޖަހާއިރު ވެސްޓް ހޭމް އަތުން މޮޅުވެގެން ދެ ވަނަ އަށް ލިވަޕޫލަށް އެރޭނެ އެވެ. އަނެއްކޮޅުން އެ ޓީމު އޮތީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ފިޔަވަޅަކާ ގާތުގަ އެވެ. މި ހުރިހާ ކާމިޔާބެއްގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ މި ސީޒަނުގައި އެ ޓީމާ ގުޅި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާ އަށެވެ.
"އަހަރެން މިތަނަށް އައި ތަށިތައް ކާމިޔާބުކުރަން،" ފުޓްބޯލް ފޯކަސް އަށް ދިން އިންޓަވިއުއެއްގައި ސަލާ ބުންޏެވެ. "އަހަންނަށް ސަޕޯޓަރުން ގާތު ބުނެވިދާނެ އަހަރެމެން 100 ޕަސެންޓް މަސައްކަތްކުރަމޭ ކްލަބަށް ކާމިޔާބެއް ހޯދައިދޭން. ކްލަބުން (އެންމެ ފަހުން) ލީގު ހޯދިތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ. ޕްރިމިއާ ލީގު ކާމިޔާބުކުރުމަކީ އަހަރެންގެ ހުވަފެން. އެކަމަކު އަހަރެން އެ މުބާރާތް ކާމިޔާބުކުރަން ބޭނުންވަނީ މި ކްލަބާ އެކު."
ސްވިޒަލެންޑުގެ ބަސެލްގައި ވިދާލި ސަލާ އެންމެ ފުރަތަމަ ޕްރިމިއާ ލީގަށް އައީ ޗެލްސީގެ ޖާޒީގައި 2013 ގަ އެވެ. އެކަމަކު އެ ޓީމުގައި އެކަށީގެންވާ ފުރުސަތުތަކެއް ނުލިބި ފަހުން ކުޅުނީ އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އާއި ރޯމާގަ އެވެ. އޭނާ މި ސީޒަނުގައި އެނބުރި ޕްރިމިއާ ލީގަށް އައިސް ލިވަޕޫލަށް 36 މެޗުން 30 ގޯލް ވަނީ ޖަހައިދީފަ އެވެ. ސަލާ ގެންދަން ރެއާލް މެޑްރިޑުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެ އެވެ.
ސަލާ ވަނީ އޭނާއާ އެކު ލިވަޕޫލަށް ކުޅޭ ކުޅުންތެރިންނަށް ތައުރީފްކޮށްފަ އެވެ. އޭނާ ބުނީ އެ ފެންވަރުގެ ކުޅުންތެރިންނާ އެކު ކުޅެން ފަސޭހަ ކަމަށެވެ.
"މީގެ ފަސް އަހަރު ކުރިއާ މިހާރާ އަހަންނަށް ބަލައިފި ނަމަ ހުރިހާ ކަމެއް ވެސް (ފެންނާނީ) ތަފާތުކޮށް، ނަފްސާނީ ގޮތުން ވެސް އަދި ޖިސްމާނީ ގޮތުން ވެސް،" ސަލާ ބުންޏެވެ. "އަހަންނަށް ކުރިއެރުން ހޯދައިދޭން އަހަރެން ކޮންމެ ދުވަހަކު މި އަންނަނީ މަސައްކަތްކުރަމުން. އަހަރެން އަބަދުވެސް ބޭނުންވޭ ކުރިއެރުން ހޯދުމަށްޓަކައި އަހަރެންގެ ނަފްފު ޕްރެޝަރުގެ ތެރެއަށް ލާން."
ސަލާ ބުނީ އޭނާގެ މުޅި ދިރިއުޅުން ދެނީ ފުޓްބޯޅައަށް ކަމަށާއި އޭނާ ވިސްނަނީ ވެސް ހަމައެކަނި ފުޓްބޯޅައާ މެދު ކަމަށެވެ. އަދި އޭނާގެ ސިކުނޑީގައި އަބަދުވެސް އެނބުރެނީ ފުޓްބޯޅަ ކަމަށް ވެސް ބުންޏެވެ.