24 ފެބުރުއަރީ 2018 - 08:22

އެފްރިކާގެ ގައުމެއް ކަމަށްވާ ޔޫގެންޑާގައި މިހާރު ކުރިއަށްދާ ޔޫގެންޑާ އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ގައުމީ ބެޑްމިންޓަން ޓީމުން ފެށުން ރަނގަޅުކޮށްފި އެވެ.
މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުން އައިމިނަތު ނަބީހާ، ޒަޔާން ޒަކީ، ފާތިމަތު ނަބާހާ އަދި އައިމިނަތު ޝަހުރުނާޒް މޫސާ ވަނީ މޮޅުވެ އަނެއް ބުރުގެ ޖާގަ ހޯދައިފަ އެވެ.
އަންހެން ސިންގަލްސް ބައިގައި ނަބީހާ ވަނީ މޮރިޝަސްގެ ގަނޭޝާ މުގްރާގެ މައްޗަށް ކުރި ހޯދައިފަ އެވެ. އޭނާ ސެޓުތައް ގެންދިޔައީ 21/5، 21/8 އިންނެވެ. މި ބައިގައި ޔޫގެންޑާގެ ސަލްމާ މުޓެސީގެ މައްޗަށް 21/9، 21/6 އިން ނަބާހާ ކުރިހޯދިއިރު، ޝަހުރުނާޒް ވަނީ ޒެމްބިއާގެ މިޔަމްބޯ ގާންޑްވޭ އަތުން މޮޅުވެފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21/11، 14/21 އަދި 21/11 އިންނެވެ.
އަންހެން ސިންގަލްސްގައި ރާއްޖޭގެ ނަފްހާ ނަސްރުﷲ ކުޅުނު ފުރަތަމަ މެޗުން ޔޫގެންޑާގެ ބަޔީޖާ ރޮނާއާ ވާދަކޮށް މޮޅުވި ނަމަވެސް ދެ ވަަނަ މެޗުން ވަނީ އެ ގައުމުގެ ޑެއިސީ ނަކަލްޔަންގޯ އަތުން ބަލިވެފަ އެވެ.
ފިރިހެން ސިންގަލްސް ބައިގައި ޒަޔާން ޒަކީ ކުޅުނު މެޗުން ވަނީ ޔޫގެންޑާގެ ޑެނިއަލް މިހީގޯ އަތުން މޮޅުވެފަ އެވެ. އޭނާ ސެޓުތައް ގެންދިޔައީ 21/18، 21/16 އިންނެވެ. އަދި މިކްސް ޑަބަލްސްގައި ރާއްޖޭގެ ޒަޔާން އާއި ނަބާހާގެ ޕެއާ ވަނީ 21/5، 21/9 އިން ޔޫގެންޑާގެ މުޒައްފަރު އާއި އޮލިވިއާގެ ޕެއާ ބަލިކޮށްފަ އެވެ.
މުބާރާތުގައި މިއަދު ކުޅޭ މެޗުތަކުގައި ފިރިހެން ސިންގަލްސް ބައިން ޒަޔާން ނުކުންނާނީ ތުރުކީގެ އެމްރޭއާ ދެކޮޅަށެވެ. އަންހެން ސިންގަލްސް ބައިގައި ނަބާހާ ކުޅޭނީ ޔޫގެންޑާގެ ފާތިމާ ނަބިރުންގީއާ ދެކޮޅަށެވެ. ނަބީހާ ބައްދަލުކުރާނީ މޮރިޝަސްގެ ކޭޓް ފޫއާ އެވެ. އަދި ޝަހުރުނާޒް ކުޅޭނީ އަލްޖީރިއާގެ ލިންޑާ މަޒްރީއާ ދެކޮޅަށެވެ.
މިކްސް ޑަބަލްސް ބައިން ޒަޔާން އާއި ނަބާހާގެ ޕެއާ ނުކުންނާނީ މިސްރުގެ ޕެއާ އެއް ކަމަށްވާ ހަތެމް އެލްޖަމާލް އާއި ދޯހާ ހަނީއާ ދެކޮޅަށެވެ. އަންހެން ޑަބަލްސް ބައިން ނަބީހާ އާއި ނަބާހާގެ ޕެއާ ބައްދަލުކުރާނީ ޔޫގެންޑާގެ ހަމޫޒާ އާއި ނަކަލެމާގެ ޕެއާއާ އެވެ. އަދި ނަފްހާ އާއި ޝަހުރުނާޒްގެ ޕެއާ ނުކުންނާނީ އެ ގައުމުގެ ޕެއާއެއް ކަމަށްވާ ބްރިޖެޓް ޝަމީމް އާއި އައިޝާ ނަކިޔެމްބާއާ ދެކޮޅަށެވެ.