25 ފެބުރުއަރީ 2018 - 06:26

ބުދަ ދުވަހާ ގުޅޭ
ލޯބީގެ ޖޯޝަކީ ވަކި އެއްޗެކެވެ. ޙަޤީޤީ ދިރިއުޅުމާ ކުރިމަތިލުމުން ދެން ދިމާވާ ކަންތައްތަކަކީ މުޅީން އެހެން އެއްޗެކެވެ. ލޯބީގެ ފިނި ރޯޅިތައް އަހަރެންގެ ހިތުގައި ބީހެން ފެށުމުން އަހަންނަށް ދުނިޔެ ފެނުނީ ފުސްކޮށެވެ. ހިތަށްއެރިއެވެ. ޢިޝްޤީ ލޯތްބަކީ ކަނޑިއެކެވެ. އެ ކަނޑި ހިފައިގެން ނުކުމެ މުޅި ދުނިޔެއާ ހަނގުރާމަ ކުރެވޭނެއެވެ. ކުރިމަތިވާ ކޮންމެ ހުރަހެއް ދެ ބަޔަށް ބައި ކޮށްލެވޭނެއެވެ. އަހަރެން ވަރުބައްޔެއް ނުވާނެއެވެ. ކަނޑީގެ މިޔައެއް ނުވެއްޓޭނެއެވެ. އަހަންނަށް ދިރިއުޅުން ދަސްވީ އޭގެ އެންމެ ހިތި އަދި އުނދަގޫ ގޮތަށެވެ.
އެއްޗެއް ކިތަންމެ ބޭނުންވިޔަސް އެ އެއްޗެއް ނުލިބޭނެކަން އެނގެންޏާ ޖެހޭނީ ކެތްކޮށްލައިގެން ހުންނާށެވެ. އަހަރެން ހެދީ އެހެންނެވެ. އޭގެ ސަބަބުން ހިތް ނުތަނަވަސް ވެއެވެ. އެކަމަކު، ހުމޭރު ދެކެ ވާ ލޯބިން ޝަކުވާއެއް ނުކުރަމެވެ. އަހަރެން ބޭނުންވާ ކަންކަން ހުމޭރަށް ނުކޮށްދެވޭކަން ހުމޭރަށް އިހުސާސް ކުރެވޭކަށް ބޭނުމެއް ނޫނެވެ. އޭނަ ދެރަވެދާނެތީއެވެ. އަހަރެން ބެލީ އޭނަގެ އުފަލަކީ އަހަރެންގެ ވެސް އުފާ ކަމުގައެވެ. ވަރަށް ގިނަ ދުވަހު އެ ގޮތަށް އުޅެވުނެވެ. ދެން ހިތަށްއެރިއެވެ. އެއީ އަދި ހަމަޖެހޭ އުސޫލެއް ނޫނެވެ. އަހަރެންގެ އުފާތައް ޤުރުބާން ކޮށްފައި ހުމޭރު އުފާކޮށްދިނުމަކީ އަހަރެންގެ އެއްވެސް ހައިސިއްޔަތެއް ނެތުމެވެ. އަހަރެންގެ ހުރިހައި ބޭނުންތަކެއް ކަފުން ކުރުމުން އޭގެ މާނައަކީ އަހަންނަކީ ނެތް މީހެކެވެ.
ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން އޮތީ ކޮޓަރީގައެވެ. މޭނުބައިކޮށްފައި ހޮޑުލެވޭ ވަރުން އެކައްޗެއް ވެސް ބަނޑަކު ހަރެއްނުލައެވެ. ހެނދުނުއްސުރެ އަހަރެން ހުރީ އާފަލެއް ކާން ބޭނުންވެފައެވެ. އެ ނުލިބިއްޖެއްޔާ ބުލޫބެރީއެވެ. ނޫނީ އެޕްރިކޮޓެއް ލިބުނަސް ފުދޭނެއެވެ. އެ ފަދަ މޭވާތައް ނުލިބޭނެކަން އެނގޭތީ، އެހެން ދުވަސްދުވަހު ވަރަށް އަވަހަށް އެ ވިސްނުން ހިތުން ފުހެލަމެވެ. އެކަމަކު އެ ދުވަހު އެހެނެއް ނުވިއެވެ. އަހަރެން ހުރީ އަހަރެންގެ މައިންބަފައިންނާ ދުރުގައެވެ. ރައްޓެއްސަކު ވެސް ނެތް ތަނެއްގައެވެ. އަހަރެންގެ ހުރިހައި ވެސް މީހަކީ ފިރިމީހާއެވެ. އެ މީހަކަށް ޓަކައި ހުރިހައި އެއްޗެއް އަހަރެން ދޫކޮށްލި ހުމޭރެވެ. އަހަރެން ބުނެފި ނަމަ ތަރިތަކުން އަހަރެންގެ އުނގު ފުރައިލައިދޭން ހުރި މީހާއެވެ. އެ ވަރުގެ މީހަކަށް މޭވާއެއް ހޯދަން މާ ފަސޭހަވާނެއޭ ހިތަށްއެރިއެވެ.
"އަޅޭ! ހާދަހާ ފުރުޓް ކާހިތްވާ ދުވަހެކޭ،" އަހަރެން ބުނީމެވެ. "ކައިރި ރަށަކުން ވެސް ނުގެނެވޭނެތަ؟ އަޅެ ޓްރައިކޮށްލަބަލަ!"
"އެއްވެސް ކަމެއް ނޫނެއްނު!" ވަރަށް ހަމަޖެހިލައިފައި ހުމޭރު ބުންޏެވެ. "މި އުޅެނީ ތި ކަމާ!"
ހުމޭރު ކުރީ ކީއް ކަމެއް އަހަންނަކަށް ނޭނގެއެވެ. ކޮޓަރިން ނުކުމެފައި ވަރަށް އަވަހަށް ވަނެވެ.
"އިރު އޮއްސުމުގެ ކުރިން ލިބޭނެ." ވަރަށް ޔަގީންކަމާ އެކުގައި ހުމޭރު ބުންޏެވެ.
އަހަރެން ވަރަށް އުފާވިއެވެ. ހިތަށްއެރިއެވެ. ހުމޭރުގެ ތިމާގެ ގެޔަކަށް މާލެއިން ބަޔަކު އައީބާއެވެ؟ އައިއިރު އެ މީހުން މޭވާ ގެނައީބާއެވެ؟ އުފަލުން ހުމޭރު ގައިގައި ބައްދައިގަތީމެވެ. ޔަގީންކުރީމެވެ. ހުމޭރާ ކައިވެނިކުރުމަކީ އަހަންނަށް ނިންމުނު އެންމެ ރަނގަޅު ނިންމުމެވެ. ހުމޭރު ބުނީ އިރު އޮއްސުމުގެ ކުރިން މޭވާ ލިބޭނެކަމުގައެވެ. އެކަމަކު ގަޑިއެއްގެއިރު ނުވަނީސް ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ. ދޮރު ހުޅުވަން ދިޔައީ ހުމޭރެއެވެ.
"ހަފޫ އާދޭ!" ހުމޭރު ގޮވައިލި އަޑު އިވުނެވެ.
އުފަލުން ތެޅެމުންފޮޅެމުން އަހަރެން ނުކުތީމެވެ. ބޮޑުކޮޓަރިއަށް ނުކުތުމާއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އަތުރައިފައި ހުރި މޭވާތަކެވެ. ފަޅޮލާއި ދޮންކޭލެވެ. ކުންނާރާއި ޖަނބުރޯލެވެ. ދޮން އަނބަކާއި، އަންނާރަކާއި، އަތައެއް ވެސް އޮތެވެ. މޭޒު ކައިރީގައި ހުމޭރު ހުއްޓެވެ. ވަރަށް ހިނިއައިސްފައެވެ. އަހަރެންގެ ދެ ފައިގައި މީހަކު ހިފެހެއްޓި ކަހަލައެވެ. ވަގުތުން ހުއްޓެވުނެވެ.
"ހީވޭތަ ލޯބިވާ ބަފާބެއެއް ލިބުނުހެން،" ހުމޭރު ބުންޏެވެ. "ދެންމެ ބިނދެގެން ގެނެއްސަ މިހިރީ. ފްރެޝްކޮށް. މިރޭ ލިބޭނޯ ކަރަޔަކާ ފޭރެއް ވެސް."
"ތީ ފުރުޓް؟" އަހަންނަށް ބުނެވުނެވެ.
އަހަރެން ބުނީ އެ ދަނޑިވަޅުގައި ބުނަން އެންމެ ރަނގަޅު އެތި ނޫންކަމަށް ވެދާނެއެވެ. އެހެންނަމަވެސް އެއީ އަހަރެންގެ ހިތުގައި އޮތް ގޮތެވެ.
"އެކައްޗެއް ވެސް ކާހިތެއް ނެތް،" އަލުން ކޮޓަރިއަށް ވަންނަމުން އަހަރެން ބުނީމެވެ. "އަޅާނުލާ!"
މާލޭގައި ހުރި ނަމަ އަހަރެން ބޭނުންވި ހުރިހައި އެއްޗެއް ލިބުނީހެވެ. ފުދިފައި ބާކީ ވެސް ވީހެވެ. އެކަމަކު ދެން އަހަރެން ޖެހޭނީ ރަށުގައި ހައްދާ އެއްޗަކުން ފުއްދައިލާށެވެ. ނުވަތަ މާލެއިން އެ ކަހަލަ އެއްޗެހި ގެނެވޭ ފަހަރަކަށް އިންތިޒާރު ކުރާށެވެ. އެހެން ހިތަށްއެރުމުން އަހަންނަށް ރޮވުނެވެ. އެ ދަނޑިވަޅަށް ހުމޭރު ކޮޓަރިއަށް ވަނެވެ.
"ދެން ބައްޕަ އެހާ ލޯބިން ގެނައިމަ ކާންވީނު. ހެނދުނުއްސުރެ ފުރުޓު ނޫން އެއްޗެއް ނުދިރިގެން އުޅުނު މީހެއް ވިއްޔަ ތީ،" ހުމޭރު ހިތްހަމަ ނުޖެހިފައި ބުންޏެވެ. "ކޮން ރުއިމެއް މިހާރު ތި ރޮނީ؟"
"އެކަމަކު މަ ބޭނުމީ އެޕަލްއެއް،" ރުއިން ހުއްޓައިލައިފައި އަހަރެން ބުނީމެވެ. "ވަރިހަމަ ބެރީސްކޮޅެއް ވިޔަސް."
"ދެން މި ރަށަކުން އެޕަލާ ސްޓޯބަރީއެއް ނުލިބޭނެއްނު ހަފޫ. ލިބޭނެ އެއްޗެހި އެހެރީ ގެނެއްސަ! ކަންޏާ ކައި!" ހުމޭރު ރުންކުރުވެފައި ބުންޏެވެ. "ނުކަންޏާ ބޮޑާހާކަން ހުރޭ! އަހަންނަކަށް ނެތް ޓައިމެއް ހަފޫ ތި ކަހަލަ ކޫސަނި ކަންތަކާ ކުސްތަޅާ ތަން ބަލާކަށް."
"އެއީ މާލޭ ބޭފުޅުންގެ ވައްތަރު،" ހުމޭރުގެ ކޮއްކޮ މަލާމާތް ކޮށްލި އަޑު އަހަންނަށް އިވުނެވެ. "ވަރަށް ހިތްމޮޅު ވާނެ."
އަހަރެން ރުޅިއައިސްފައި ފަހަރިޔަށް ލޯއަޅައިލީމެވެ. އެ ވަރުން ވެސް އަހަރެންގެ ދިފާޢުގައި ހުމޭރު އެއްޗެއް ނުބުނެއެވެ. ކަންތައް ހިނގައިދިޔައީ އޭގެ އިދިކޮޅަށެވެ.
"ތިމާއަށް ވުރެ ކުޑަ ކުދިންނަށް ލޯއަޅާކަށް ނުވާނެ." ހުމޭރަށް ގޯސްވީ އަހަންނެވެ. "ބޭފުޅެއް ވެސް ނޫން. ބޭސް ހުސްކުރި ފުޅިއަކާ ވައްތަރީ. ހަފޫއަކަށް ނޭނގޭތަ ކުޑަކުދިންނަށް ނުވިސްނޭ ކަމެއް؟"
ދުވަހަކު ވެސް ހުމޭރުގެ ކޮއްކޮއަކަށް ނުވިސްނޭނެއެވެ. އޭނަ ބޮޑެއް ވެސް ނުވާނެއެވެ. އަހަންނަށް ވުރެ އެންމެ އަހަރެއް ހަގަސް ވެހެވެ. އެކަމަކު އިރު އޮއްސިއްޖެއްޔާ އޭނަ ހުންނާނީ ކޮންމެވެސް ފިރިހެނަކާ ވާހަކަދައްކަން ދޮރާށިދޮށަށް ނުކުމެއެވެ. އެކަކު ވެސް އެ ކަމަކާ އަޅައެއްނުލައެވެ. އުނދަގޫވަނީ އަހަންނަށެވެ. ކެތްކޮށްލައިގެން އަހަރެން ނުކުންނަނީ ގެއިން ބޭރަށެވެ. ހަވީރު ވުމުން މޫދު ކައިރީގައި ވަރަށް ގިނައިން އަހަރެން އިންނަމެވެ. ހަޔާތާ މެދު ވިސްނަމެވެ. ލިބޭނެކަމަށް އުންމީދުކުރި ދިރިއުޅުން އަހަންނަކަށް ނުލިބުނެވެ.
"ދެން މި ތާ އެކަނި ކޮންކަމެއް؟" ހުމޭރު ބުނި އަޑު އިވުނެވެ. "ހިނގާ ގޭތެރެއަށް. ރަށު އެންމެނަށް ދެއްކެން މި ތާ އިންނާކަށް ނުޖެހެއެއްނު. ތީ ދެން މީހުން އުޅޭ ވައްތަރެއް ނޫނެއްނު. ހީވަނީ އަހަރެން ހަފޫ ގެއިން ބޭރަށްލާފަ އިންހެނެއްނު. ހިނގާހިނގާ!"
އެތައް ފަހަރަކު ހުމޭރު އެ ސަކަރާތެއް ޖެހިއެވެ. އަހަންނަކަށް ގެއަކު އިނދެވޭކަށް ނޯވެއެވެ. ބޭރަކު އިނަކަ ނުދެއެވެ. ބަނޑަށް ދެ މަސް ވުމުން އަހަރެން ފޮށްޓަށް އެއްޗެހި އަޅަން ފެށީމެވެ. ހަމަ އެ ދުވަހުން އެ ދުވަހު މާލެ ގެންގޮސްދޭން އެދުނީމެވެ. ބޮޑު މައްސަލަގަނޑަކަށް އެ ކަން ވެފައި އޮއްވައި ރަށަށް އައި ލޯންޗަކުން މާލެ ދެވޭ ގޮތް ހަމަޖެހުނެވެ. ބައްޕައަކަށް ނާންގަމެވެ. މާލެއަށް ދަތުރު ފެށިއިރު އަހަރެންގެ ހިތުގައި ސުވާލުތައް އުތުރިއަރައެވެ. މާލެއަށް ގޮސްފައި އަހަރެން ވަންނާނީ ކޮން ތާކަށް ހެއްޔެވެ؟ ގެއަށް ވައްދާނެ ހެއްޔެވެ؟ ގޭގައި ތަން ހުންނާނެ ހެއްޔެވެ؟ ގޭގެ މީހަކަށް ގުޅާކަށް ނުކެރުނެވެ. އަހަރެން މާލެއިން ފުރީ އެންމެންނާ ދެކޮޅަށެވެ. އެ ހުރިހައި ކަމެއް އަހަރެން ރަނގަޅަށް ހަނދާން ހުއްޓެވެ. ހިތަށްއެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ބައްޕަގެ ގެއެވެ. ޖެހޭނީ އަހަރެން ބަހައްޓާށެވެ. ލޯންޗަށް އެރީއްސުރެ ހުމޭރު އިންނަނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނަ ހިތުން އަހަންނަކަށް އެކައްޗެއް ވެސް ނުވިސްނޭނެއެވެ. ހުމޭރުގެ މޫނަށް އަހަރެން ބަލަން އިންދައި އަހަރެންގެ މޫނަށް ހުމޭރަށް ބަލައިލެވުނެވެ.
"ކޮންކަމަކާ ތި ވިސްނަނީ؟" އަހަންނަށް ވުރެ ކުރިން ހުމޭރު އެ ސުވާލު އަހަންނާ ކުރިއެވެ. "ގެއަށް ވަންނަން ބިރުގަންނަނީތަ؟"
"އަހަރެން އަދި ކިޔަވަން ބޭނުން،" އަހަރެން ބުނީމެވެ. "ޕީއެޗްޑީއާ ހަމައަށް."
"ކޮބާ ބޭނުމެއް؟" ފޫހި ރާގެއްގައި ހުމޭރު ބުންޏެވެ. "މީހަކާ އިނީމަ ދެން އެ ހިސާބުން ކިޔަވާ ނިމުނީ. މިހާރު ތި އުޅެނީ ކިޑެއް ލިބެން. ހަފޫ އިންނާނީ ދަރި ބަލަން ގޭގަ."
ފިރިޔަކަށް ވެވޭއިރަށް ފިރިހެނުންގެ މިޒާޖަށް އެހާ ބޮޑެތި ބަދަލުތައް އަންނަނީ ކީއްވެގެން ހެއްޔެވެ؟ ހުމޭރަކީ ކުރިން ވަރަށް މިނިވަންކޮށް ވިސްނި މީހެކެވެ. އަންހެނުން މޮޅަށް ކިޔެވުމަކީ ހުމޭރު ވަރަށް ތާއީދުކުރި ކަމެކެވެ. ނުވަތަ އެއީ އަހަރެންގެ ލޮލުގައި އެޅުވި އަނދުނެކެވެ. ދައްކައިލި ދަޅައެކެވެ. ފަހުން ބާރުކޮށްލާ ގޮތަށް ދޫކޮށްފައި އޮތް މަޅިއެކެވެ. އެ ކަމާ ވިސްނަން އިންދައި މާލޭގެ ނެރުން ލޯންޗު ވަދެގެން އައިސް ފާލަމާ ކައިރިކުރިއެވެ. ހިތަށްއެރިއެވެ. މާލެއިން އަހަރެން ފުރީ ކިހާ ފޮނި އުންމީދުތަކެއް ފަސްބަޔަށް އަޅައިގެން ހެއްޔެވެ؟ ދުވަހަކު ވެސް އެނބުރި މާލެއަށް އަންނާނަމެކޭ އޭރު ހިތަކަށްނާރައެވެ. މަންޒަރު ބަދަލުވިލެއް ހާދަހާ އަވަހެވެ.
ގެއަށް ވަންއިރު ގޭގައި އުޅުނީ މަންމައެވެ. އަހަރެން ފެނުމުން މަންމަ ވަރަށް އުފާވިއެވެ. ބައްޕައަށް ގުޅައިގެން ބައްޕަ ވެސް ގެއަށް ގެނައެވެ. އަހަރެން ބަނޑުބޮޑުކަން އެނގުމުން މަންމައާއި ބައްޕައަށް ޢީދެއް އައި ކަހަލައެވެ. އަހަރެން މާލެއައީތީ އެ މީހުން ޝުކުރުކުރިއެވެ. ޝަކުވާއެއް ނުކުރެއެވެ. އަހަރެން އައީ މައިންބަފައިން ގާތަށެވެ. އަހަރެންގެ ނަޒަރުގައި އެއީ ހުތުރުކަމެއް ނޫނެވެ. އަހަރެންގެ އަގުވެއްޓޭ ކަމެއް ވެސް ނޫނެވެ. ހުމޭރުގެ ނަޒަރުގައި އަހަރުމެން މާލެއައުމަކީ އަހަރެންގެ މައިންބަފައިންގެ ފައިބުޑަށް ހުމޭރު ވެއްޓުމެވެ. ބައްޕަޔާ ހަތަރުކަޅި ހަމަކުރަން ވެސް ހުމޭރަށް އުނދަގޫވި ތަން އަހަރެން ދުށީމެވެ. ކޮޓަރިއަށް ވަދެފައި ހުމޭރު ތަނެއްގައި ނުވެސް އިށީނދެއެވެ.
"އަހަރެން ހަމަ މިއަދު ފުރާނަން ރަށަށް." ހުމޭރު ބުންޏެވެ.
ނުނިމޭ