އައްޑޫ އާ ހޮސްޕިޓަލްގެ ބޮޑެތި މަސައްކަތްތައް ނިމިއްޖެ: މުއިއްޒު
އައްޑޫ އާ ހޮސްޕިޓަލްގެ ބޮޑެތި މަސައްކަތްތައް ނިމިއްޖެ: މުއިއްޒު

އައްޑޫ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރަން މިހާރު ހިންގަމުން އަންނަ މަޝްރޫއުގެ ދަށުން އެ އިމާރާތުގައި ކުރަންޖެހޭ ބޮޑެތި ބައެއް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހޮސްޕިޓަލްގެ ފޮޓޯތަކަކާ އެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮސްޕިޓަލްގެ މައި އިމާރާތުގެ ސްޓްރަކްޗަލް މަސައްކަތް ނިމިފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ހޮސްޕިޓަލްގެ އިދާރީ ބައި ވެސް ނިންމައި، މިހާރު އެތެރޭގައި ކުރަން ޖެހޭ އިތުރު އެހެން މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

"ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އިކްއިޕްމަންޓާއި އެ ނޫން ވެސް ތަކެތި ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ. "މި އަހަރުގެ ޖުލައި ނިމުމުގެ ކުރިން ހޮސްޕިޓަލް ހުޅުވަން ވަނީ ތާވަލުކޮށްފައި."

އައްޑޫ އާ ހޮސްޕިޓަލްގެ މަސައްކަތް ކުރަނީ އެލިއާ ކޮންސްޓްރަކްޝަނުންނެވެ. އެ ކުންފުންޏަށް 161.8 މިލިއަން ރުފިޔާ އަށް މަޝްރޫއު ހަވާލު ކުރީ ނޮވެމްބަރު 14، 2016 ގަ އެވެ.

މި ހޮސްޕިޓަލަކީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިނާ ލޯނުގެ އެހީގައި ހިންގާ މަޝްރޫއެކެވެ. އަދި މުޅި ޕްރޮޖެކްޓަށް 21 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރުކާރުން ބުނާ ގޮތުގައި އައްޑޫ އާ ހޮސްޕިޓަލްވެގެން ދާނީ މާލޭން ވެސް ނުލިބޭ ސިއްހީ ގިނަ ހިދުމަތްތަކެއް ލިބޭ ތަނަކަށެވެ.