24 ފެބުރުއަރީ 2018 - 07:32

މިޒަމާނުގައި ފައިސާ ދަބަހާމެދު ވަރަށް ބޮޑަށް ރައްކާތެރިވާންޖެހެއެވެ. ފައިސާ ދަބަހުގައި ހުންނަނީ ހަމައެކަނި ނޫޓެއް ނޫނެވެ. ފައިސާގެ ގޮތުގައި ބޭނުންކުރާ ކާޑު ވެސް މަދެއް ނޫނެވެ. ތަޅުދަނޑިފައްޗާއި ކާޑުތަކާއި ފައިސާ އާއި ހުރިހާ ސާމާނެއް ޖީބަށްލެވޭ ވަރަށް ވުރެ ދަބަސް މާ ބޮލެވެ. މިހާ ހިސާބަށް ދިއުމުން ދެން މިކަމަށް ހައްލެއް ހޯދަންވެއްޖެއެވެ.
އެމެރިކާގެ ލެފްޓް ފީލްޑް ޑިޒައިނުން ފަރުމާކޮށް ވިއްކަމުންދާ ކީކްލިޕް ވޮލެޓަކީ ތަޅުދަނޑިފައްޗާއި ފައިސާ އާއި ކާޑުތައް ލެއްވޭ ގޮތަށް ހަދާފައިވާ ތުނި ފައިސާ ދަބަހެކެވެ. ކްރެޑިޓް ކާޑަކަށްވުރެ ތަންކޮޅެއް ބޮޑެވެ. ފުޅާމިނުގައި ހުންނަނީ އެންމެ 14 މިލިމީޓަރެވެ.
މި ވޮލެޓް ހުންނަނީ ދެބަޔަށެވެ. އެއް ފަޅިއަކީ ކާޑުތައް ލައްވާ ކްލިޕެކެވެ. އަނެއް ފަޅިއަކީ ތަޅުދަނޑިތައް ރައްކާކޮށްފައިވާ ފަޅިއެވެ. ތަޅުދަނޑިތައް ހުންނަނީ އެއް އަތުން ކަހާލައިގެން ދެ ފޮތިދޭތެރޭން ތަޅުދަނޑި ނެރެވޭ ގޮތަށެވެ. ކުދި ފިޔޮހީގެ ތިލަ ނެރޭ ގޮތަށެވެ.
ތަޅުދަނޑީގެ އިތުރަށް އަތްމަތީ އެކި ސާމާނު، މި ވޮލެޓްގައި ރައްކާކުރެވެއެވެ. ޕެންޑްރައިވާއި ކުދި ޓޯޗާއި ދަޅުކެނޑި ފަދަ ތަކެއްޗެވެ.
މި ވިއްކަނީ 60 ޑޮލަރަރެށެވެ. މީގެ ހަތަރު ކުލައެއް ލިބެން ހުރެ އެވެ.