ޕީޕީއެމްގެ ހަރަކާތްތަކަށް ރައީސްގެ އަނބިކަނބަލުން އައްޑޫގައި
ޕީޕީއެމްގެ ހަރަކާތްތަކަށް ރައީސްގެ އަނބިކަނބަލުން އައްޑޫގައި

"މަގޭ ގައުމާ މަގޭ ދީނާ ނުކުޅެއްޗޭ" ނަމުގައި އައްޑޫގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.

މި ހަރަކާތްތަކުގައި ހިތަދޫގައި އޮންނަ ރެލީގެ އިތުރުން މިއަދު ހަވީރު އައްޑޫގައި ހަރަކާތްތައް ފަށާނެ އެވެ. މި ހަރަކާތްތަކުގައި ބައިވެރިވަޑައިގަތުމަށް ފަސްޓްލޭޑީގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ވަޑައިގެންނެވި އެވެ. އައްޑު އަށް ވަޑައިގެންނެވި މިނިސްޓަރުންގެ ތެރޭގައި އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ހިމެނިވަޑައިގެންނެވި އެވެ.

މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ޕީޖީ ލީޑަރު ވިލިމާލޭ ދާއިރާގެ އަހުމަދު ނިހާނާއި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދާއި އިނގުރައިދޫ ދާއިރާގެ އިބްރާހީމް ފަލާހު ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ވެސް އައްޑު އަށް ވަޑައިގެންފައިވެ އެވެ.

އައްޑޫގައި މިއަދު ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ހިތަދޫ ސްޓޭޖް ސަރަހައްދުގައި ސިޔާސީ އެކިއެކި ހަރަކާތްތަކާ އެކު ފެސްޓިވަލެއް ކުރިއަށް ގެންދާނެ އެވެ. މީގެ އިތުރުން އައްޑޫގެ އެކި އަވަށްތަކުގެ ޕީޕީއެމްގެ އޮފީސްތަކުގައި ވެސް އެކި ހަރަކާތްތައް ކުރިއަަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ. އެގޮތުން އިއްޔެއިން ފެށިގެން ޕީޕީއެމްގެ ޖަގަހަތައް ޒީނަތްތެރިކޮށް އެތަންތަނުގައި އިއްޔެ އިން ފެށިގެން އަންނަނީ ހަރަކާތްތައް ހިންގަމުންނެވެ.

ޕީޕީއެމުން ބުނި ގޮތުގައި އައްޑޫގައި ކުރިއަށް ގެންދާ ހަރަކާތަކީ އައްޑޫގެ ގިނަ ރައްޔިތުން ތިބީ، މި ސަރުކާރާ އެކުގައި ދައްކުވައި ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބެސް ފަސްޓްލޭޑީ، ބޮޑު ވަފުދަކާ އެކު އައްޑު އަށް ތިން ދުވަހުގެ ދަތުރުފުޅެއް ކުރެއްވި އެވެ.